ރަށުގެ ތަރައްޤީގައިވެސް އަދި ޤައުމުގެ ތަރައްޤީގައިވެސް ފުރިހަމަ ކާމިޔާބީއެއް ލިބޭނީ ދަރިންނަށް ރަނގަޅަށް ތަޢްލީމެއް ދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު މިލަދުންމަޑުލު އުތުރުބުރީ މިލަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، 2010 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އަމާޒަކީ، ސެކަންޑަރީ ސްކޫލް އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ 40 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން "ސީ" ފާހުން މަތީގެ ނަތީޖާ ލިބޭ ކުދިންނަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، މިލަންދުއަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަކީ، އެރަށުން މި އިމްތިޙާނުތަކުގައި ބައިވެރިވާ ކުދިންގެ 60 އިންސައްތަ ކުދިންނަކީ، ފަސް މާއްދާއިން "ސީ" ފާހުން މަތީގެ ނަތީޖާއެއް ހޯދާ ކުދިން ކަމަށް ހެއްދެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އަމާޒަށް މަސައްކަތް ކުރެއްވުމުގައި، ސަރުކާރުން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، މިހާރުވެސް މިލަންދޫ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި، ސްކޫލްގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުން، ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަތުރު ފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅުވާލުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި، މިލަންދޫ ހިމެނޭގޮތަށް އެ އަތޮޅުގައި ދަތުރުފަތުރުގެ ނިޒާމް ވަރަށް އަވަހަށް ޤާއިމް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މަތީފެންވަރުގެ ޞިއްޙީ މަރުކަޒުތައް ޤާއިމު ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 38 ރަށުގެ ތެރޭގައި މިލަންދޫ ހިމެނޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިލަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.