بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިޔަމިގިލީގެ ލޮބުވެތި ރައްޔިތުން، މިތަނުގައި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު އަޅުގަނޑު ރަށްރަށަށް ދާން މި ފެށި ފުރަތަމަ ދަތުރުގައި، ދެވަނަ މަންޒިލެއްގެ ގޮތުގައި މި ރަށަށް މި އާދެވުނީ. ވަރަށް ހޫނުގަދަ ވަގުތެއްގައި. ނަމަވެސް، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ، ރައްޔިތުންނާ ގާތުން. ރައްޔިތުންނާ ހަމަޔަށް އައިސް، ކަންކަން އޮޅުންފިލުވައި، ބޭނުންވާ ކަންތައްތައް ރަނގަޅަށް މަޝްވަރާކޮށް ކުރިއަށްދާ އުޞޫލުން. މި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވެފައި ހުރި ގިނަގުނަ ކަންތައްތައް އެބަހުރި. އަދި ކުރީގައި އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި، ތިޔަބޭފުޅުން ހުށަހަޅުއްވާފައި ހުރި ކަންކަންވެސް ހުންނާނެ.

އަޅުގަނޑު ހަމަ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ އަދި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ވަރަށް ސަމާލުކަން ދޭނެކަމުގެ ޔަޤީންކަން. މި ރަށުގެ ތަރައްޤީއަށްޓަކައި، ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި ބައެއް ކަންކަން އެހެރީ. އަދިވެސް އެބަހުރި ގިނަ ކަންތައްތަކެއް.

މިހާރުގެ ޙާލަތު، ޤައުމުގެ އިޤްތިޞާދު މި އޮތް ޙާލަތު، މީގައި ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް، މުޅި ރާއްޖެއަށްވެސް މި ހުރަހަކަށް މިވަނީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށާ އިޤްތިޞާދީ ރިފޯމް، ނޫނީވިއްޔާ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި މި ފަށާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ އަދި އިޤްތިޞާދު އިތުރަށް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގަން މިހާރުވެސް ފެށިފައިވާ ކަންތައްތަކާއި، މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ، މިގޮތަށް މި ރަށްރަށުގައި މި ހުންނަ ތަރައްޤީގެ ކަންކަމަށް ބޭނުންވާ ވަރަށް އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދިޔުން.

ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް ނޮވެންބަރު މަހުން 17 ވަނަ ދުވަހު ސަރުކާރު ހިންގަން ހަވާލުވެގެންދިޔައިރުގައި، ދުވަހަކުވެސް ރާއްޖޭގެ ދަރަނި ނުދާހާ މައްޗަށް ދަރަނި ގޮސްފައި އޮތްކަން. ކޮންމެ ރައްޔިތެއްގެ ބޮލަށްޖެހޭ ނިސްބަތް ވަނީ ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފައި. ކުންފުނިތަކުން ދައްކަން ހުރި ލޯނުތައް، ދަރަނިތައް ވަރަށްގިނަ. ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އެހާގިނަ.

އެހެންވީމާ، ކޮންޓްރެކްޓަރުންގެ މަސައްކަތްތައް، އޭރުގައި ކަންކަން ގޮސްފައި އޮތް ގޮތުން، ގިނަ ރަށްތަކުގައި ހުރީ މަސައްކަތް ފަށައި ހުއްޓިފައި. ވަރަށްގިނަ ރަށްތަކުގައި، މިދިޔަ ދެ މަހެއްހާ ދުވަހު އަޅުގަނޑުމެން އަލުން މަސައްކަތް ފަށައި، ބާރަށް މަސައްކަތް ގެންދެވޭތޯ ވަނީ މަސައްކަތް ކުރެވިފައި. ނަމަވެސް، މިވާގޮތަކީ ބައެއް ރަށްރަށުގައި މި ދެންނެވި ޙާލަތު އޮތީމަ، މަސައްކަތް އެހާ ބާރަކަށް ނުއެއްދޭ. އެހެންވީމާ، ޙާލަތު އޮތީ މިހެން. އެހެން ނަމަވެސް، މިއިން އަރައިގަންނާނަން އިރާދަކުރެއްވިއްޔާ. އަރައިގަނެވޭނެ.

މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އަޅުގަނޑު އިއްޔެ ދެއްކި ވާހަކައިގައި، ވަރަށް ތަފްޞީލުކޮށް މި ވާހަކަތައް ފާހަގަކުރިން. އެހެންވީމާ، މި އުނދަގޫ ދަތި ޙާލަތުން އަރައިގަނެ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އަޅުގަނޑުމެން މި ފަށައިގެން މި ގެންދާ އިޤްތިޞާދީ ބޮޑު މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ހާސިލުވެގެންދާނެ.

މި ރަށުގެ ތަރައްޤީއަށް ކުރަން މިހިރަ ކަންކަން އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައިވެސް ކުރަން ނިންމައި، އަދި ތިޔަބޭފުޅުން ތިޔަ ހުށަހަޅުއްވާ ގިނަ ކަންތައްތައް ފަށަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑު އެދެނީ، ކައުންސިލާއި، ސަރުކާރުގެ ކަމާގުޅޭ، އެކިއެކި މަޝްރޫޢުތަކާ ގުޅޭ މިނިސްޓްރީތަކާ އެކީގައި، ކުރިއަށް މި އޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި، ދެތިން ހަފްތާގެ ތެރޭގައި ވަރަށް ގާތުން މަޝްވަރާކޮށްލައްވަން. ކުރައްވާފައި ތަރުތީބު ކޮށްލަދެއްވަން. މި އަހަރުގެ ތެރޭގައި، ކޮން ކަންތައްތަކެއްތޯ، ތަރުތީބަކުން ފަށައިގަނެވޭނީ.

މި ދެންނެވި އިޤްތިޞާދީ ޙާލަތު އޮތް ގޮތުގެ ސަބަބުން އަޅުގަނޑު މިހެން މި ދަންނަވަނީ. އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މިގޮތަށް މަޝްވަރާކޮށްގެން އެކުލަވައިލެވޭ ތަރުތީބެއްގެ މަތިން، މި ރަށުގައި މި އަހަރު ގިނަ މަސައްކަތްތަކެއް އަޅުގަނޑު ފަށްޓައިދޭނަމޭ. ކޯޒްވޭއިން ގުޅައިލުން، އެއީ، އެންމެބޮޑު މަސައްކަތަކަށްވާނެ. އެކަންވެސް އެއީ، އަޅުގަނޑު ވަޢުދުވެސް ވެފައި އޮތް ކަމެއް. އަޅުގަނޑު ވެފައި އޮތް އެއްވެސް ވަޢުދަކަށް ފަރުވާކުޑައެއްނުކުރާނަން.

އެހެންވީމާ، ދޭނެ ޔަޤީންކަމަކީ، މިއަދުވެސް ދޭ ޔަޤީންކަމަކީ، އެއީ، ޙަޤީޤަތަކަށް ވެގެންދާނެ ކަމެކޭ. މި ދެންނެވީ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ މިހިރަ ދަތި އުނދަގޫ ޙާލަތު ރަނގަޅުވަމުންދާ ވަރަކުން ކަންކަން ފަހިވެގެންދާނެ. ވީހާވެސް އަވަހަކަށް، ހަމަ މި އަހަރުގެ ތެރޭގައިވެސް ފެށުން. އަދި އަހަރުގެވެސް މެދަކާ ހިސާބުގައި، އޭގެ މަރުޙަލާތައް ފެށިގެންދިޔުން އެއީ، އަޅުގަނޑުގެ ވިސްނުމަކީ.

ރައްޔިތުންނަށް މިދޭ ޔަޤީންކަމަކީ، ކޯޒްވޭ ޕްރޮޖެކްޓްވެސް އަދި ދެން މިހިރަ ހުރިހާ މަޝްރޫޢުތަކެއްވެސް އިރާދަކުރެއްވިއްޔާ، ވަރަށް ސަމާލުކަންދީގެން، ރައްޔިތުންނަށްޓަކައި ވަރަށް އިޚްލާޞްތެރި، ތެދުވެރި ނިޔަތެއްގައި ކޮށްދޭނެކަމުގެ ޔަޤީންކަން. އެހެންވީމާ، އެ ޔަޤީންކަން ހަމަ އަޅުގަނޑު ދޭން ބޭނުންވަނީ.

އަޅުގަނޑު މި ވާހަކަ ނުދަންނަވައި، މިސާލަކަށް، އަޅުގަނޑު މި ތަނަށް އައިސް ދެންނެވީ، ތިޔަ ވިދާޅުވާ ހުރިހާ ކަމެއް ހަމަ ވަގުތުން ފަށާނަމޭ. އެހެންނެއް އަޅުގަނޑެއް ނަހަދާނަން. އެއީ، އަޅުގަނޑު ޒިންމާވާން ބޭނުން. އަދި ޒިންމާވާނަން އަޅުގަނޑު ދައްކާ ވާހަކަތަކަށް. ޤައުމުގެ ޙާލަތު މިއޮތީ އަޅުގަނޑުމެންނަށް ވާރުތަވެފައި، ވަރަށް ދެރަ ނިކަމެތި ޙާލަތެއްގައޭ އަޅުގަނޑު މި ދެންނެވީ. އަޅުގަނޑުމެންގެ ދަރަނި މިހިރަ ހިސާބުން އަޅުގަނޑުމެން އެބަޖެހޭ ކަންތައްތަކެއް ކުރަން.

އެހެންވީމާ، މިކަންކަން ރަނގަޅު ކުރުމުގެ ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފެށިފައި މިވަނީ. އެކަން ބަލައިގަނޭ، އަޅުގަނޑުމެންގެ ޤައުމަށް މި އަންނަ، ކަމާގުޅޭ އިންޓަރނޭޝަނަލް އެކިއެކި އިދާރާތަކުންވެސް. އަޅުގަނޑުމެންގެ އަމިއްލަ އިނީޝިއޭޓިވުން، އަޅުގަނޑުމެން އިސްނަގައިގެން، ހުށަހަޅައިގެން މިއުޅޭ، ފަށައިގެން މިއުޅޭ، ރައްޔިތުންނަށް އަޅުގަނޑު ކެމްޕެއިންގައި ހުށަހެޅި އިޤްތިޞާދީ މެނިފެސްޓޯ ބަލައިގަނޭ، އައި.އެމް.އެފް. އިންވެސް، ވާރލްޑް ބޭންކުންވެސް. އަޅުގަނޑު އެ ދެފަރާތާ އިއްޔެ އަދި އޭގެ ކުރީ ދުވަހު ބައްދަލުކުރިން. އެހެންވީމާ، އެ ބޭފުޅުންވެސް އެކަން ބަލައިގަނޭ. އަޅުގަނޑުމެން އަމިއްލައަށް މި އިސްނަގައިގެން މި ހުށަހަޅާފައި މިހިރަ އިޤްތިޞާދީ ހުރިހާ ކަމެއް، އެއީއޭ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ޙާލަތުން އަރައިގަތުމުގައި އޮތް ޙައްލަކީ. ތިމަންނާމެންގެ ސަޕޯޓް، އެކަންކަމަށް ދޭނަމޭ. އެހީތެރިކަން ދޭނަމޭ، އެ ބޭފުޅުން ވިދާޅުވި އަޅުގަނޑު ގާތުގައި.

އެހެންވީމާ، އެކަންކަން ކުރުމުގެ މަސައްކަތުގެ ތެރޭގައި އުޅޭއިރުގައި، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް، މިހެން ހުންނަ ތަރައްޤީގެ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ދަތިތައް ހުރީ. އަޅުގަނޑަކީ ޚާއްޞަކޮށް، މިކަހަލަ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބޮޑަށް، ވަރަށްގިނައިން ކުރިއަށް ގެންދަން ބޭނުންވާ މީހެއް. އެކަމަކު ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައްވެސް އެއްފަހަރާ ނުފެށޭނީ މިހެންވެގެން. ޙަޤީޤަތާ އެއްގޮތަށް ދެންނެވުމަކީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުންވާނެ ގޮތަކީ. ކޮންމެ ބޭފުޅަކީ ދިވެހި ރައްޔިތެއް. މި ޤައުމުގެ ކަންކަމުގައި ހެޔޮގޮތްވާން ބޭނުންވާ އަދި އަމިއްލަ ނަފްސަށްވެސް ހެޔޮގޮތް ވާން ބޭނުންވާނެ ރައްޔިތެއް.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ޙަޤީޤަތް ގަބޫލުކުރަން. މި ޙަޤީޤަތާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. ޔަޤީންކަން މިދެނީ، އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތްތަކެއްވެސް، ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް، މަގުހެދުންވިޔަސް، ދެންހުރި ކަންތައްތައްވިޔަސް، އެއީ، އަޅުގަނޑު މެނިފެސްޓޯގައި ކަނޑައަޅާފައި، އަދި އަޅުގަނޑުމެންގެ ހަފްތާ 14 ގައި، ފުރަތަމަ 14 ހަފްތާގައި ހިމަނާފައި ހުރި ކަންކަމާއި، އަދި ދެންހުރި ކަންކަމާ، ހަމަ ކުރިއަށް ގެންގޮސްދޭނަމޭ. މި 14 ހަފްތާއަށް ކަނޑައެޅި ކަންތައްތައްވެސް ކަނޑައެޅީ އެ ވިސްނުމުގައި. މިހާރުން މިހާރަށް ކުރެވެން ހުރި ގިނަ ކަންތައްތަކެއް، އޭގައި ކަނޑައަޅައި، މިއަދާ ހަމަޔަށް އައިއިރުގައި، 11 ހަފްތާ ވީއިރުގައި، މި 11 ހަފްތާޔާ ހަމަޔަށް ފުއްދޭނެ ހުރިހާ ވަޢުދެއް އެވަނީ ފުރިހަމައަށް، 100 އިންސައްތައަށް އެކަންކަން ކުރެވިފައި. އަދި ދެންހުރި ކަންކަން، 14 ވަނަ ހަފްތާއާ ހަމަޔަށްދާއިރުގައި ނިންމަންހުރި ކަންކަންވެސް ހަމަ އެގޮތަށް އެބަދޭ.

އެހެންވީމާ، ކުރެވޭނެ ކަންތައް، ކުރާނެ ކަމަށް އަޅުގަނޑުމެން ދަންނަވާފައި، އެކަންކަން ކުރާނަން. އަދި ތަންކޮޅެއް ގިނަ ދުވަސް ނަގާ ކަންކަމުގައިވެސް ހަމަ ތެދުވެރިކަމާއެކީގައި، އެކަންކަން ކޮށްދެވޭނެ ވާހަކަ އަޅުގަނޑު ދަންނަވާނީ. އަދި ދަންނަވާފައި އެގޮތަށް ކުރާނަން އިރާދަކުރެއްވިއްޔާ.

އެހެންވީމާ، ދިޔަމިގިލީގެ ލޮބުވެތި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަމޭ. ކޮށްދޭއިރުގައި، ތަރުތީބެއް ކަނޑައަޅައިގެން، އަޅުގަނޑުމެންގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި މަޝްވަރާކޮށްގެން، ކައުންސިލުން ވީހާވެސް އަވަހަކަށް އެކަން ކޮށްދެއްވީމަ، އަޅުގަނޑުމެން އެ މަގުޗާޓާ އެކީގައި ކުރިއަށްދާނެ. އޭރުން ތަރުތީބުކޮށްލެވިގެން މި ރަށުގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމެއް، ހުއްޓިފައި ހުރި މަޝްރޫޢުތަކާއި އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އެއީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އަޅުގަނޑަށް ދެވޭނެ އެންމެ މުހިންމު ޔަޤީންކަމަކީ. މި އަހަރުގެ ތެރޭގައި ހަމަ މިކަހަލަ ގިނަ ކަންކަން މި ރަށުގައި ޢަމަލީގޮތުން ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އެހެންވީމާ، އެ ވާހަކައާ އެކީގައި، އަޅުގަނޑު ހަމަ ވަރަށް އުންމީދީކޮށް މި ދަންނަވާލީ. ޙަޤީޤަތްވެސް ބަޔާންކުރުމާ އެކީގައި. އެއީ، އޭރުން ދޮގެއްތޯ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނީ، މިއީކަން ކަންކަން ހުރި ގޮތަކީ. އެކަންކަމުން، ޙަޤީޤަތުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދިޔައިމަ، އަޅުގަނޑުމެންނަށް ޙަޤީޤީ ނަތީޖާ ނެރެވިގެންދާނީ. އެހެންޏާ ކަންތައްތައް ވާގޮތަށް، އިންތިޚާބަކަށް މަހެއްހާ ދުވަހަށްވީމަ، ދޮޅުމަސްވީމަ އައިސް، މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި، ހަމަ ކުއްލިއަކަށް ބިންގާއަޅައި، ކަޑަޖަހާ އުޞޫލުން ކަންކަން ކޮށްފައި ދިޔައިމާ، ރައްޔިތުންނަށްވާ ފައިދާއެއް ނޯވޭ. އެއީ، އަމިއްލަ ނަފްސަށް އޮޅުވާލާ އޮޅުވާލުމަކަށް މިވަނީ. އެނގިހުރެ ކަންކަން އޮޅުވާލެވެނީ. އެހެންވީމާ، އެފަރާތްތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި ދެން އޮންނަނީ ވެއްޓިފައި. އެހެންވާކަށް އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުމެއްނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން ޔަޤީނުންވެސް.

އާދެ، ވަރަށް އުންމީދީ ގޮތެއްގައި ތިޔަބޭފުޅުންނަށް އަޅުގަނޑު މި މެސެޖް މިދެނީ. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްގައިވެސް ޢަމަލީ ސިފަ ޖެހިގެންދާނެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި މިގޮތަށް މިހިރަ ހުރިހާ މަސައްކަތްތަކެއް، އަޅުގަނޑުމެންނަށް ވަރަށް އަވަސްމިނެއްގައި ކުރިއަށް ގެންދެވޭގޮތް ހަމަޖެހިގެންދިޔުން. މިހާރު މި ފަށާ އިޤްތިޞާދީ އެޖެންޑާއަކީ، ރާއްޖޭގައި މިހާރު ގެންދެވޭނެ އެންމެ ފުޅާމިނުގައި، އެންމެ ބާރުމިނުގައި ކުރިއަށް ގެންދެވޭނެ އިޤްތިޞާދީ އެޖެންޑާ. އެގޮތަށް އެ ފެށޭ ހުރިހާ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ އޭގެ ފުރިހަމަ ފޮނި މީރުކަން، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭނެ ކަންކަން. ކުދިކުދި ވިޔަފާރިތައް އަލުން އުފެދިގެން، މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު އާރޯކަން ލިބޭނެ ކަންކަން. މި ފެށޭ މަސައްކަތުން، ގިނަ އިންވެސްޓްމަންޓްތަކަކަށް ފުރުޞަތު ލިބިގެން އެބަދޭ. އެހެންވީމާ، އެ ދުވަސް އަޅުގަނޑުމެންނާ ވަރަށް ގާތުގައި އެބައޮތް. އަޅުގަނޑަށް އެކަން އެބަ ފެނޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.