بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
اَلْحَمْدُ للّٰهِ رَبِّ العَالَمِيْنَ. وَالصَّلاَةُ وَالسَّلَامُ عَلى رَسُوْلِ اللهِ وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْن.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މީގެ 91 އަހަރު ކުރިން، 1932 ވަނަ އަހަރުގެ ޑިސެންބަރު މަހުން 22 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް، ރަސްގެފާނު، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން، 3 ވަނަ، ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ފަރާތްޕުޅުން އިއްވެވި ޚުޠުބަތުލްޢަރުޝި އަކީ، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިއެއްގެ ފަރާތްޕުޅުން، މި ޢިއްޒަތްތެރި މަޖިލީހަށް، ދިވެހި ޤައުމުގެ ހާލަތާއި ކުރިމަގުގެ ތަސައްވުރުގެ މައްޗަށް ހުށަހެޅުއްވި ފުރަތަމަ ބަޔާން.
އެ ބަޔާނުގައި، ޝަމްސުއްދީން ރަދުން ވިދާޅުވެފައިވޭ؛
"އިސްލާމްދީން މަތީ ތިބެވުމީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ އެއަށްވުރެ ޢަދުލުވެރި، އިންސާފުވެރިކަން ބޮޑު، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި، ދީނެއް ނެތްކަމީ، ކަށަވަރުކަމެކެވެ. މިކަމުގެ މައްޗަކަށް އަލަކުން ދަލީލެއް ދެއްކުމެއް ބޭނުމެއް ނޫނެވެ. އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ މި ޒަމާނުގައިވެސް ބޮޑެތިބޮޑެތި އެތައް ކަރަޔެއްގެ މުޅި ރައްޔިތުން ޖާނުން އެތިބަ ޤުރުބާންވަނީ އެކަން ހޯދުމުގެ މައްޗަށެވެ."
އާދެ، އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ މި ދިވެހި އުންމަތުގެ ހާލާއި، މުސްތަގުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން.
މީގެ ގާތްގަނޑަކަށް ދެމަހާއި ފޮއިދުވަސް ކުރީން، 17 ނޮވެންބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ އަޅުގަނޑު ހަވާލުވިއިރު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުވީ އެންމެ ބޮޑު ވައުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު. ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާއި ހިފި ބައިޢަތެއް.
އާދެ، ދިވެހި ޤައުމުގެ އެންމެ މަތީ ވަލީއާ އަޅުގަނޑު ހަވާލުވުމާއެކު، މި މުހިންމު ޤައުމީ މަސައްކަތް އަޅުގަނޑު ފަށައިފިން. ދޭދޭ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮންނަ ޑިޕްލޮމެޓިކް ރިވެތި ހަމަތަކުގެ މަތީން، މަޝްވަރާތައް ދަނީ ކުރެވެމުން. ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި. މިކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރެވެމުން. އެންމެފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ގާއިމުވެ ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް، 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ. އަދި ރާއްޖޭގެ އިންތަކާއި، ކަނޑުއަޑީގެ ޗާޓުތައް ކުރަހައި، ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން، ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި. ޤައުމުގެ ސިޔާދަތަށް ލޮޅުންއަރާނެ މިފަދަ އެއްވެސް ކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖުރިބާކާރުންގެ ޓީމަކުން މިހާރު އެ ގެންދަވަނީ ވަރަށް ހަލުވިކަމާއެކީގައި ކުރައްވަމުން.
ދިވެހި ޤައުމު އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ބޮޑުރަސްގެފާނާއި، އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒަޢާމަތުގައިވެސް ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރެއްވުމަށް ވަނީ މަސައްކަތް ކުރައްވާފައި. ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލާބާރީންނާއި ކަންނައްނޫރު ޢަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވި ގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް. އެއީ، އެ ޒަމާނަށް ބަލާއިރު، ވަރުހުރި ދިފާޢީ އާލާތްތަކެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ. އެކަން އިރާދަކުރެއްވީތީ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900,000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލުކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމުކުރެވިގެންދާނެ.
ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑުމެން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތު.
ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނަން. މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާއި ސުލޫކު މުޖުތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށައިފިން. ދިވެހީންގެ އިޖުތިމާއީ ދިރިއުޅުމުގައި، މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި، މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް ވާނީ އަލުން އުފައްދާފައި. މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނައަށް ވާނީ އިތުރުކޮށްދީފައި. ސަރުކާރު ހިންގުމާ ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ހަވާލުކޮށްފިން. ޕީ.އެޗް.ޑީ. ފެންވަރަށް އިމާމުން ތަމްރީނުކުރުމުގެ ޕުރޮގުރާމެއް ހިންގުމަށްވެސް ވަނީ ރޭވިފައި. ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް މި ދައުރުގައި އިރާދަކުރެއްވިއްޔާ ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދޭނަން. މިގޮތުން، މި އަހަރުތެރޭގައި 50 ފަޤީރުންނަށް މި ފުރުޞަތު ދެވޭނެ. ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ވާނީ ގާއިމުކޮށްފައި. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް އިރާދަކުރެއްވިއްޔާ ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށް. އަދި އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހި ކަމުގައިވާ ރަމަޟާންމަހުގެ ފަހުދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ. އެއަށްފަހު އަންނަ ފިޠުރު ޢީދާއި، އަދި މިނޫން އިސްލާމީ މުނާސަބަތުތަކާއި ޤައުމީ މުނާސަބަތުތައްވެސް، ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާއި، އުފާފާގަތިކަމާއި އެއްބައިވަންތަކަމާއެކު، ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުވުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީ.ވީ. ޗެނަލެއް އުފެއްދުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން.
ދުނިޔޭގެ ބަދަލުވަމުންދާ މި އޮއިވަރުގައި ދިވެހި ޅަ ޒުވާން ސިކުނޑިތައް ޖެހި، ދިވެހިވަންތަކަމާއި ދިވެހި ޤައުމިއްޔަތާ ފެޔަށް ޖެހުނަ ނުދިނުމަށްޓަކައި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހީންގެ ޤައުމީ ތަރިކަ ސަލާމަތްކުރުމަށް، އެކަމަށް ޚާއްޞަ ވުޒާރާއެއް އުފައްދައި، ބޮޑެތި މަސައްކަތްތަކެއް ވަނީ ފެށިފައި.
މިގޮތުން، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި. ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު، މިގޮތުން މިހާރު ވަނީ ގާއިމުކުރެވިފައި. މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ، ދިވެހިންގެ އަސްލުވަންތަކަމާ ގުޅޭ ބަހާތައް ދިރާސާކޮށް، ކަމާބެހޭ ޢިލްމީ އޮނިގަނޑުގެ އަލީގައި ދިވެހިވަންތަކަމާ އެއްގޮތަށް ޕެޓަރން ކުރުން. މި މަސައްކަތަށް ބޭނުންވާ 10 ވިލަރެސްވެރިންނާއި، 50 ފީލްޑް ދިރާސާވެރިން ހޯދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. މި މަސައްކަތުގެ ފުރަތަމަ 6 މަސްދުވަހަށް ފަހު، ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނަށް ޤައުމިއްޔަތުގެ ޢިލްމު ފޯރުވައިދިނުމުގެ ޢަމަލީ ޕުރޮގުރާމުތައް މި މަރުކަޒުން ފަށާނެ.
ދިވެހީންގެ ޤައުމިއްޔަތާއި، މުއްސަނދި ސަގާފަތާއި ރިވެތި އާދަތައް އަށަގެންނެވުމުގައި، އެންމެ އިސްކަންދޭން ޖެހޭނީ ޅަދަރީންނަށް. ކިޔަވާ ކުދީންނަށް. ކާބަފައިންގެ ބުއްދިވެރި ބަހެއްގައި "ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމަޔަށް ނެގިޔަސް އޮންނާނީ ކައްޗަށްކަމަށް" ބުނެފައިވާ ބީދައިން، އަޅުގަނޑުމެންގެ ޤައުމިއްޔަތާ ބީރައްޓެހި، ކަތި ބިންގަލެއްގެ މަތީގައި ދަރީން ހާނުވާން ފަށައިފިނަމަ، ބޮޑެތިވީވީހެން އެކުދީން ދާނީ ދިވެހި ޤައުމިއްޔަތާ ދުރުހެލިވަމުން.
ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ މުޤައްރަރުގައި ހިމަނައިގެން، އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން އިރާދަކުރެއްވިއްޔާ ފަށާނެ. ސްކޫލްތަކުގެ އެސެމްބްލީ، ޤައުމީ ސަލާމުން ފެށުމުގެ އާދަ ހިފަހައްޓަން މި 2024 ވަނަ އަހަރު ފެށުމާއެކު، ޤައުމީ ލޯބި އިތުރުކުރުމަށް އެކަން ވަނީ ފަށާފައި. ޤައުމީ ލޯބި ހުރި ދިވެހިވަންތަ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ގިނަ. އަޅުގަނޑުމެން އެންމެން މި މުހިންމު ޤައުމީ މަސައްކަތުގައި ބައިވެރިވުން ހަމަ ވަރަށް ލާޒިމު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާއި، ރައްޔިތުންގެ އިޙްސާސްތަކާއި އުއްމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ހާސިލުކޮށްދިނުމަށް އަޅުގަނޑު ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފުތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވައިލިން. އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވައުދުތަކާއި، 4 ހަފުތާ، 9 ހަފުތާ އަދި 14 ހަފުތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތަކެއް ވާނީ ކަނޑައަޅާފައި. މިގޮތުން، ހަފުތާ 14 މަގުޗާޓުގައި ޖުމުލަ 161 ވައުދު ހިމަނާފައިވާނެ. މިއަދާ ހަމައަށް 11 ހަފުތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފުތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި، 9 ހަފުތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއެކު، ޖުމުލަ 50 ވައުދު ވަނީ 100 އިންސައްތަ ފުއްދިފައި. އަދި 14 ހަފުތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ 78 އިންސައްތަ މިހާތަނަށް ފުއްދިފައިވޭ. އިރާދަކުރެއްވިއްޔާ، މި ދެންނެވި 111 ވައުދުވެސް 14 ހަފުތާ ނިމުމުގެ ކުރިން 100 އިންސައްތަ ފުއްދޭނެ. މި ފުރުޞަތުގައި، މި ވައުދުތައް ފުއްދުމަށް ކެނޑިނޭޅި ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކެބިނެޓުގެ އެންމެހައި މެންބަރުންނަށާއި، ސަރުކާރުގެ އެކިއެކި ސިޔާސީ އަދި ސިވިލް ސަރވިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ޝުކުރު ދަންނަވަން. ސަރުކާރުން މަސައްކަތް ކުރަމުން މިހާރު މިދަނީ ބާކީހުރި ހުރިހާ ވައުދެއް ފުއްދާނޭގޮތުގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާއެކު މަސައްކަތް ކުރަމުން. މިކަމަށް ޔޫ.އެން.ޑީ.ޕީ. އިން ދެއްވާ އެހީތެރިކަމަށް ނުހަނު ޝުކުރު ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ހައްލުކުރަން އަޅުގަނޑު ވައުދުވެފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް، ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން. މިއީ ފަރުވާއެއް ނުލިބި، ޒަމާންތަކެއް ވެފައިވާ ބޮޑު ފާރުގަނޑެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ގޯތިގެދޮރާއި އަމިއްލަ ހިޔާވަހިކަން، އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްޤެއް. އެއީ، އަސާސީ ޙައްޤެއްވެސްމެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އަޅުގަނޑު ދެންނެވި ފަދައިން، ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށްދިނުމަށް.
އަޅުގަނޑުމެންގެ އަމާޒަކީ، 5 އަހަރުގެ މި ދައުރުގައި، އަމިއްލަ ހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު އިރާދަކުރެއްވިއްޔާ ނުހުންނާނެކަން ކަށަވަރުކޮށްދިނުން. މާލެ ސަރަހައްދުގައި، ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކަން ކުރިން ކަނޑައަޅާފައިވާ ވަރަށްވުރެ ބޮޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިއްކާނަން. މާލެ ސަރަހައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދެވޭނީ، އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއްގެ މަގު ފަހިކޮށްދެވޭނީ ރަސްމާލެ މަޝްރޫޢާވެސްއެކު. ރަސްމާލެ ތަރައްޤީ ވެގެންދާނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ "ސޭފް އައިލެންޑް ސްޓޭންޑަރޑް"އަށް. އަދި "ނެޓް ޒީރޯ ކާބަން އިކޯ ސިޓީ"އެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެކްސެސިބިލިޓީ ލިބިދީފައިވާ ފަސޭހަ ސިޓީއެއްގެ ގޮތުގައި. އާދެ، ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން. ގޯތި ލިބޭނެކަމުގެ ލިޔުމެއް، ކުރިން ލިބިފައި އޮތް ހަމަ ކޮންމެ ރައްޔިތެއްގެ ޙައްޤު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލިއްބައިދޭނަން.
މީގެއިތުރުން، ރާއްޖޭގައި ބުރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަހައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން. މިގޮތުން، އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްދާނީ، އައްޑޫ ސިޓީގެ ރަށްތައް، މި ދައުރުގައި ބުރިޖަކުން ގުޅުވައިލުން.
ހަމައެއާއެކު، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފުލެޓު ބިނާކުރުމުގެ މަޝްރޫޢުތައް، މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަންޖެހޭ ހޭދަ ލުއިކޮށްދެވޭތޯވެސް ސަރުކާރުން މި އަންނަނީ ބަލަމުން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ، އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި، އަތޮޅުތަކާއި ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައި ހުރި ހައުސިންގ ޔުނިޓުތަކުގެ ކުލި ވާނީ ކުޑަކޮށްދީފައި. ހިޔާ ފުލެޓުތަކުގެ 7000 ހައުސިންގ ޔުނިޓުގެ ފިނިޝިންގ ޚަރަދު، ފުލެޓުގެ އަގުން މިހާރުވާނީ އުނިކޮށްދެވިފައި. މިގޮތުން، ހިޔާ ފުލެޓުތަކުގެ 7000 ހައުސިންގ ޔުނިޓުގެ ފިނިޝިންގ ޚަރަދުގެ ގޮތުގައި 200,000 ރުފިޔާ ކަމަށް ބަލައި، ޖަނަވަރީ 2024 އިން ފެށިގެން 7 އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5,500 ރުފިޔާއިން 3,984.21 ރުފިޔާއަށް ވަނީ ކުޑަކުރެވިފައި. މިގޮތަށް ކުޑަކުރުމުން، 110,526 ރުފިޔާ، ފުލެޓުގެ އަގުން އެ ކުޑަކޮށްދެވެނީ. އަދި ބާކީ 89,473 ރުފިޔާ ކުޑަކުރުމުގެ ގޮތުން ފުލެޓުގެ އަގު ދައްކަން ދީފައިވާ 27 އަހަރުން 1 އަހަރު އުނިކޮށް، 26 އަހަރަށް ވާނީ ކުރުކޮށްދީފައި.
ހަމަ އެހެންމެ، ވިނަރެސް ފުލެޓުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކޮށް، މަހު ކުލިން އެވުރޭޖުކޮށް 4,200 ރުފިޔާ މިހާރު ވަނީ ކުޑަކޮށްދެވިފައި. ހުޅުމާލެ ފޭސް 1ގެ ފުލެޓުތަކުގެ ކުލިން 20 އިންސައްތަ ވާނީ ކުޑަކުރެވިފައި. ސިފައިންނާއި ފުލުހުންގެ ފުލެޓުގެ ކުލި ދައްކަން ފެށުން 1 އަހަރު ދުވަހަށް ވަނީ ފަސްކޮށްދެވިފައި. އަދި ޖުމުލަކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ ޖޫރިމަނާ އެއްކޮށް ވާނީ މާފުކޮށްދެވިފައި.
އިރާދަކުރެއްވިއްޔާ 5 އިންސައްތައަށްވުރެ ދަށް އިންޓްރެސްޓް ރޭޓެއްގައި، ގެދޮރު އެޅުމަށާއި، ގެދޮރު މަރާމާތު ކުރުމަށާއި، ފުލެޓު ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭނަން. އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާ ރައްޔިތުންނަށް ޖެހޭ ތަކުލީފު ކުޑަކޮށްދިނުމަށް، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓަރީއާއި ހާލަތު އަބަދުވެސް އަދާހަމަވަމުންދާ ޚާއްޞަ ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން. ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކުގެ ރަޖިސްޓަރީތައް އަދި، ފަޅުތެރެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ވަގުތީ ލިޔުން މިހާރު ވަނީ ހަދައި ނިންމާފައި. އެ ރަޖިސްޓަރީތަކާއި ލިޔުންތަކާއި ހަވާލުވުމަށް މިހާރުވާނީ ފުރުޞަތު ހުޅުވައިލެވިފައި. އަޅުގަނޑު އުންމީދުކުރަނީ، ގޯތި ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް މި ރަޖިސްޓަރީ ނުވަތަ ލިޔުމާ ހަވާލުވެވަޑައިގަތުން.
އާދެ، ޤައުމު އާބާދުކޮށް، ރަށްވެހި ތަރައްޤީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި އަޅުގަނޑު ވައުދުވީ ފަދައިން، 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް، މި އަހަރު އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން. މިކަން ކުރާނީ ރަށްރަށުގެ ޢާއިލާތަކާ ހަމައިން، ވީހާ ގިނަ ރައްޔިތުންގެ ޚިޔާލު ހޯދައިގެން. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއެކު މި އެކުލަވައިލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
އިޤުތިޞާދީ ގޮތުން ތަދު އަހަރުތަކެއް އަޅުގަނޑުމެން ގުނައިފިން. މި ހާލަތުން ޤައުމު ސަލާމަތްކުރުމަށް ރެޔާއިދުވާލު އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ދައުލަތުގެ މާލިއްޔާއަށް ބުރަ އުފުލަން ނުޖެހޭގޮތަށް، އާ މަޝްރޫޢުތައް ފެށޭތޯ މަސައްކަތްކުރަމުން. ދައުލަތުގެ ކުންފުނިތަކުން އަރަނިވާނެ ގޮތްތަކެއް ހޯދަމުން. ދައުލަތުގެ ދަރަނި ކުޑަކޮށް، ލުއިކުރެވޭތޯ ބަލަމުން. އެއްވެސް ހަމައެއް ލަމައެއް ނެތި، ދައުލަތުގެ ޚަޒާނާއިން އެކި ފަރާތްތަކަށް ބަދަލުދޭން އުފައްދާފައި އޮތް، "ސެޓްލްމަންޓް ކޮމިޓީ" މިހާރު ވާނީ އުވާލައިފައި. ސޮވަރިންގ ފަންޑަށް އަލުން ޑޮލަރު ޖަމާކުރަންވެސް ފަށައިފީމު. ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައްވެސް މިދަނީ ހޯދަމުން. އެހެންކަމުން، މުސްތަގުބަލު ފެންނަނީ އިރާދަކުރެއްވިއްޔާ ވަރަށްވެސް އުޖާލާކޮށް.
ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދާއިރާ ކަމަށްވާ ފަތުރުވެރިކަމަށް ބަލާއިރު، މި އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ނިމި، އައު އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުޞަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވުރޭޖުކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުން ކަމަށް ބެލެވޭ. މުޅި އިޤުތިޞާދު ސިންދަފާތު ކުރުމުގެ މަސައްކަތުގެ މުހިންމު އެއް ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، ރާއްޖެއަށް އެ ދާއިރާއަކުން އެންމެ ބޮޑު ކޮމްޕެރަޓިވް އެޑްވާންޓޭޖެއް ލިބިފައި މި އޮތް ފަތުރުވެރިކަމުގެ ދާއިރާވެސް ސިންދަފާތު ކުރުން. މިކަން ހާސިލުކުރުމަށް، އާ މާކެޓްތަކާ، ރާއްޖެއާ ދަތުރުފަތުރުގެ ގޮތުން ސީދާ ގުޅުވާލައި، ލޯންގް ހޯލް ރޫޓްތައް އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އަދި ފަތުރުވެރިކަމުގެ ދާއިރާގެ އައު ޕްރޮޑަކްޓްތައް ތަޢާރުފުކުރުމުގެ މަސައްކަތް، ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ބެލުމުގެ ދަށުން ދަނީ ކުރަމުން. މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެކަމަށް ލަފާކުރާ ކުރިއެރުމުގެ އިތުރުން، އިމާރާތްކުރުމާއި، ރިއަލް އެސްޓޭޓް އަދި ދަތުރުފަތުރު ފަދަ ދާއިރާތައްވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް ހުރި އަހަރުތަކުގައި ދާނީ ބާރަށް ކުރިއަރަމުން. މިއާއެކު، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރާއިރު، މެދުރާސްތާގައި އަހަރަކު އެވުރޭޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށްވެސް ލަފާކުރެވޭ.
އިޤުތިޞާދީ ގޮތުން ފަހި މަންޒަރެއް ފެންނަން އޮތް ނަމަވެސް، ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އާމްދަނީއާއި ޚަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން މިންވަރަކަށް ފުޅާވެފައި. ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤުތިޞާދީ ތަދުމަޑުކަމާއެކު، 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވި. ނަމަވެސް، ހިނގަމުންދިޔަ އިސްރާފާއި، ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައި ހުރި ގޮތުގެ ނަތީޖާއަކަށްވީ، އިޤުތިޞާދީ ހާލަތު، ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަވިނަމަވެސް، ޑެފިސިޓް ކުޑަނުވުން. މިގޮތުން، 2023 ވަނަ އަހަރު އިޤުތިޞާދުގެ އުފެއްދުންތެރިކަން، 2019 ވަނަ އަހަރު ހުރި މިންވަރަށް އިޢާދަވިނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށްވުރެވެސް ފުޅާކޮށް، 14.6 ބިލިއަން ރުފިޔާގައި.
ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިމަގަށް ސަރުކާރުން ކުރާ ތަސައްވުރާއި އުންމީދު ޙަޤީޤަތަކަށް ހެދޭނީ، މާލީގޮތުން ޤައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލެވިގެން. ދިވެހިތާރީޚުގައި މިއިން ޒަމާނަކު ޤައުމު ނުދަރާވަރަށް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ދައުލަތް އޮތީ ދަރާފައި. ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު، ޖީ.ޑީ.ޕީ.ގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފައި. ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕުކޮށްގެން ނެރެފައި. މިއީ، އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކުރި ޖުމުލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި މިވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައި. ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު، އެންމެ ފުރަތަމަ ކުރި އެއް ކަމަކީ، ޣައިރު ޒިންމާދާރުކަމާއެކު މަނިޓައިޒް ކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން. މިގޮތުން، 2023 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާ އިޢާދަކުރެވުނު. އަދި އިޤުތިޞާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަ.
އަޅުގަނޑުމެން ހަވާލުވިއިރު، ސަރުކާރު ކުންފުނިތަކުގެ ދަރަނި އެހާ ބޮޑު. ލިބޭ އެއްޗަކުން ދެކޮޅުޖެހޭ އޮތީ އެންމެ ދެތިން ކުންފުނި. ކުންފުނިތަކުގެ އިދާރީ ހިންގުމާއި، މުވައްޒަފުންނަށް ކުރާ ހޭދަ، ރެކޯޑު އަދަދަކަށް ވަނީ އިތުރުވެފައި. އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް، ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ، އެކި ފަރާތްތަކަށް ބަހާލައިފައިވޭ. ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފެއްދި ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ބޭރު ފައިސާވެސް ވަނީ ނަގައި މާރުކޮށްލައިފައި. މިއީ އަދި މިދިޔަ 11 ވަރަކަށް ހަފުތާ އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އަންދާޒާކުރި މިންވަރަށްވުރެވެސް ފިސްކަލް އަދި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށް. ހަފުތާ 14 ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިޢާދަކުރުމުގެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ވަނީ އެކުލަވައިލާފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ރޭވުންތެރިކަމާއެކު، ދުރު ރާސްތާގައިވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތައް އެންމެ ކުޑަވާގޮތަށް. ކުރިއަށް އޮތް ދެ އަހަރަކީ، ދަރަނި އަނބުރާ ދައްކަން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރު ކަމަށްވާތީ، އެންމެ އިސްކަންދޭނީ، ދަރަނި އަނބުރާ ދައްކަންޖެހޭ ޝެޑިއުލާ އެއްގޮތަށް ދެއްކޭނެކަން ކަށަވަރުކުރަން. މި މަސައްކަތާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުން.
މިގޮތުން ބަލާއިރު، ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާންވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ، އާމްދަނީއާ އަޅައިބަލާއިރު، ސަރުކާރުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށްވާތީ، ސަރުކާރުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި. މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ދެވޭ އެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަން. ފޯރުންތެރިކަން ހުރި ފަރާތްތަކާއި، އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިޔުމުގެ ނަތީޖާއަކަށް ވެފައިވަނީ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުން.
އާސަންދަ ނިޒާމަށްވެސް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ މިއީ. މި ނިޒާމަކީ ޞިއްޙީ ފަރުވާ، ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުންދާ ނިޒާމެއް. ނަމަވެސް، އެންމެ ފޯރުންތެރިކަން ހުރި ފަރާތްތަކުން ލިބިގަންނަ ޚިދުމަތްތަކަށްވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް ހަމަޖެހިފައި އޮތުމަކީ، މާލިއްޔާއަށް ބުރަ ބޮޑުވާ ކަމެއް. އަދި ނިޒާމު މިހާރު އެކުލަވައިލެވިފައިވާ ގޮތުން، އިސްރާފުވެސް މިވަނީ އިންތިހާއަށް އިތުރުވެފައި. ވީމާ، އާސަންދަ ނިޒާމަކީވެސް، އޭގެ ޙައްޤުވެރި ފަރާތްތަކަށް އިސްކަން ލިބޭ ނިޒާމަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން. މި ބަދަލާއެކު، މާލިއްޔާއަށް ލިބޭ ޖާގައިން، ޞިއްޙީ ފަރުވާގެ ފެންވަރު އިތުރުކޮށް، މިހާރު މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން އަޅުގަނޑުމެންނަށް ފިސްކަލް ޖާގަ ލިބިގެންދާނެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، މި ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތް ކުރަންޖެހޭ. މިގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންދާނަން. މިއީވެސް، ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މުހިންމު ކަމެއް. މިކަމާބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅި، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ކުންފުނިތައް ހަރުދަނާ ކުރުމާބެހޭ ޚާއްޞަ ސިޔާސަތެއް މިހާރު ވާނީ ފާސްކުރެވިފައި.
މީގެ އިތުރުންވެސް، ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ މަޖުބޫރުވެފައި. މިގޮތުން ބަލާއިރު، އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރުމަކީ އެއް އަމާޒު. އަޅުގަނޑު ހުށަހަޅައިފައިވާ އިޤުތިޞާދީ އެޖެންޑާގެ މައިގަނޑު އަމާޒަކީ މިއީ. އަދި ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް، ކުރިއަށް ގެންދިޔުމުގައި، ދައުލަތުގެ މާލީ ހާލަތަށް ބަލައި، މަޝްރޫޢުތަކުގެ މަސައްކަތްތައް ބަހާލައިގެން، ރާވައިގެން ކުރިއަށް ގެންދަން ވާނީ ނިންމައިފައި. އަމާޒަކީ މިހާރު މަޝްރޫޢުތައް، ވީ އެންމެ އަވަހަކަށް ނިންމައި، މަޝްރޫޢުތަކުން ބިނާކުރާ އެސެޓްތަކުގެ މަންފާ ރައްޔިތުންނަށް ލިބުން އަވަސްކުރުން.
ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަޅުގަނޑުމެންގެ އަމިއްލަ އިޞްލާޙީ ސިޔާސަތެއް އެކަށައަޅައި ހިންގުން. މިއީ ޤައުމުގެ އިޤުތިޞާދީ އަދި މާލީ މުސްތަގުބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ދެކެން.
ހަމައެހެންމެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް ޢައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
އިންތިޚާބުތަކާ ދިމާކޮށް ކަޑަޖަހާ އުސޫލުން، ވޯޓު ހޯދަން ދަޅަދައްކާ އުސޫލުން، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކެއް ރަށްރަށުގައި ފަށާފައި ހުރިކަން ފާހަގަކުރެވޭ. އެފަދަ ގިނަ މަސައްކަތްތައް ވަނީ ވަކި ހިސާބަކުން ހުއްޓިފައި. މަގުހަދަން، ނޫނީ ނަރުދަމާގެ ޚިދުމަތް ދޭން ކޮނުނު ތަންތަން އެގޮތަށް ހުންނަތާ އެތައް އަހަރެއްވެ، މަސައްކަތްތަކަށް ގެނައި އާލާތްތަކާއި ތަކެތި ހަލާކުވެ، މުޅި ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުމާއި ތުރާ ލިބެމުންދާ މަޝްރޫޢުތައް މަދެއްނޫން.
ރާއްޖޭގެ ހުރިހާ ރަށެއްގައި މި ގޮތަށް ގާވެފައި ހުރި މަޝްރޫޢުތަކަށް ބަލައި، ރައްޔިތުން އެދޭގޮތަށް، އެ މަޝްރޫޢުތައް އަލުން ހިންގައިދޭން މިހާރު މިދަނީ ފަށަމުން. މިފަދަ އެތައް މަސައްކަތެއް ރަށްރަށުގައި ކުރަން އެބަހުރި. ފެނުގެ ޚިދުމަތް ރަނގަޅަށް ދެވޭ އޮތީ އެންމެ 66 ރަށް. ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ގާއިމުވެފައި އޮތީ 101 ރަށުގައި. ބާކީހުރި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް، މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިންމައިދޭނަން. އަދި ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ބަނދަރު ހަދައި ނިންމައިދޭނަން. އަޅުގަނޑުމެން ވައުދުވީ ފަދައިން، އިރާދަކުރެއްވިއްޔާ ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާނަން. އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހަދާނަން. މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މި އަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި މަޝްރޫޢަށް ހިނގާނެ ޚަރަދުގެ ބޮޑުބައި، ޗައިނާގެ ހިލޭއެހީގެ ދަށުން ހަމަޖެހިގެންދާނެ. ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދޭނަން. ގޭބިސީތަކުން ކަރަންޓް ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާއީ އަދި އިޤުތިޞާދީ މަންފާ، އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށްގެން "މަގޭ ސޯލާ"ގެ ނަމުގައި ޕުރޮގުރާމެއް، ހަފުތާ 14ގެ ތެރެއިން މިހާރު ވާނީ ފަށާފައި. މި ޕުރޮގުރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3 ކިލޯވޮޓު އަދި 5 ކިލޯވޮޓު ހިމެނޭހެން ޖުމުލަ 3 މެގަވޮޓުގެ ސޯލާ ޕީ.ވީ. ސިސްޓަމް ގަތުމަށް ބީލަމަށް ވާނީ ހުޅުވައިލެވިފައި.
ހަމައެއާއެކު، ކައުންސިލްތަކުން ހިންގާ ޚާއްޞަ މަޝްރޫޢުތަކެއްގެ ގޮތުގައި ކުނި ނައްތައިލުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު އިރާދަކުރެއްވިއްޔާ ފަހިކޮށްދޭނަން. މި އަހަރު 56 ރަށެއްގައި، އާ ކުނިކޮށި އަޅައިދެވޭނެ. 16 ރަށެއްގައި ކުނިކޮށި އަޕްގްރޭޑް ކޮށްދެވޭނެ. 93 ރަށަކަށް ކަލެކްޝަން ވެހިކަލް ހޯދައިދެވޭނެ. އަދި މެޝިނަރީއާއި އިކްއިޕްމަންޓް 71 ރަށަކަށް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ. އަދި މިނޫނަސް، ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށޭނަ ކަސްރަތުކުރާ ތަނަކާއި، ޕާކަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ޒުވާނުންގެ މަރުކަޒުތައް ފަދަ ތަންތަން އިރާދަކުރެއްވިއްޔާ ގާއިމުކުރާނަން. އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް އާމްދަނީ ވަންނަމުން، އިތުރުވަމުންދިޔަ ވަރަކަށް، ކަނޑައެޅޭ ވަކި ތަރުތީބަކުން ތަރައްޤީގެ މި ހުރިހާ މަޝްރޫޢެއްގެ ފޮނިމީރުކަން، މީހުން ދިރިއުޅޭ ހުރިހާ ރަށަކާ ހަމަޔަށް ހަމަހަމަކަމާއެކު އިރާދަކުރެއްވިއްޔާ ގެންދާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
އަޅުގަނޑުމެންގެ ފަލްސަފާއަކީ ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުން. ތަޢުލީމާއި، އާމްދަނީއާއި، ޞިއްޙަތާއި، އޯގާވެރިކަމާއި، ދިރިއުޅުމުގެ އުފާވެރި އިޙްސާސްތަކުން ހަމަ އެއްވެސް ރައްޔިތަކު މަޙްރޫމް ނުކުރުން.
ރާއްޖޭގެ ތަޢުލީމީ ނިޒާމު އޮތީ މި ޒަމާނާ ފައިހަމަކުރެވޭ ހެޔޮ ބަދަލުތަކަކަށް ބޭނުންވެފައި. މި ވާހަކަ ފުރަތަމަ ފަށަން ޖެހެނީ، ތަޢުލީމު ދޭން ހުރި ތަންތަނާ ހަމައިން. ބޮޑެތި އާބާދީތަކާ އެކަށޭނަ މިންވަރަށް ސްކޫލްތަކާއި މަދަރުސާތައް ބިނާކުރެވިފައި ނެތުމާއި، ހިނގަމުންދާ ސްކޫލްތަކަށް އިތުރުކޮށްދޭން ޖެހޭ ކުލާސްރޫމް ފަދަ ތަންތަނާއި، އެހެނިހެން ޚިދުމަތްތައްވެސް ރަނގަޅަށް ފަހިކޮށްދެވިފައި ނެތުމަކީ ފެންނަން އޮތް ޙަޤީޤަތް. ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރީންނާއި ދަރިވަރުންނަށް ދިމާވި ފަދަ އުނދަގޫ ހާލަތްތައް މެދުވެރިވެފައި، މިނޫން އެހެން ބައެއް ރަށްރަށުގައިވެސް އެބަހުރި. އަޅައިނުލާ ދޫކޮށްލާފައި މިހެންހުރި ހުރިހާ ކަމެއް ދިރާސާކޮށް، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭން އަޅުގަނޑުމެން ފަށައިފިން. މަރާމާތު ކުރަން ފައިސާ ނުލިބި، މަރާމާތު ނުކުރެވި ހުރި ސްކޫލުތަކުގެ މަރާމާތުތަކަށް 30 މިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި، އެ ފައިސާ މިހާރު ވާނީ ސްކޫލުތަކަށް އެލޮކޭޓް ކުރެވިފައި. ހަމަ އެހެންމެ، ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށްޓަކައި މިހާރު ވާނީ ބިން ހަމަޖައްސައި، ޑިޒައިންކޮށް ނިމި، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށް ތައްޔާރުކުރެވިފައި.
މި ސަރުކާރުގެ ސިޔާސަތުގައި، ތަޢުލީމީ ދާއިރާއަށް ކަނޑައެޅިފައިވާ ޕުރޮޖެކްޓުތަކުގެ ތެރެއިން 61 ޕުރޮޖެކްޓު މިހާރު ވާނީ ޓެންޑަރިންގ މަރުޙަލާގައި. އޭގެ ތެރޭގައި، ސްކޫލުތަކަށް އިތުރުކުރާ ކުލާސްރޫމް ބްލޮކްތަކާއި، މަލްޓި-ޕަރޕަސް ހޯލު ފަދަ ތަންތަން ހިމެނޭ. ތަޢުލީމީ ދާއިރާގައި ހިންގާފައިވާ ޕުރޮޖެކްޓުތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވިހުރި 128 މިލިއަން ރުފިޔާގެ ތެރެއިން 55 މިލިއަން ރުފިޔާ ވަނީ މި ސަރުކާރު އައިފަހުން މިހާރު ކުންފުނިތަކާ ހަވާލުކުރެވިފައި.
މީގެއިތުރުން، މުދައްރިސުންގެ ގޮތުގައި، އެކި މާއްދާތައް ކިޔަވައިދޭނެ ޤާބިލު ދިވެހީން ގިނަކުރަން އަޅުގަނޑުމެން މިހާރު ފަށައިފިން.
ތަޢުލީމީ ދާއިރާއަށް ވީ އިހުމާލުގެ ތެރެއިން ކިޔަވާ ކުދީންގެ ދިރާސީ އުމުރުންވެސް އަހަރެއްހާ ދުވަސް އޮތީ ގެއްލުވައިލައިފައި. ދިރާސީ އަހަރު ފަށާގޮތަށް ގެނައި ކުއްލި ބަދަލާއެކު، ދަރިވަރުންގެ ގުރޭޑު ބަދަލުވަމުން އެދަނީ، ޒަމާނުއްސުރެ އެކަމަށް ކަނޑައަޅައިފައި އޮތް އުމުރުފުރާއަށްވުރެ މާ ލަހުން. މިކަން ހަމަޔަކަށް އަޅުވައި، ދަރިވަރުންގެ ދިރާސީ އުމުރުން ގެއްލިގެންދާ ދުވަސްތައް އަނބުރައި ހޯދައިދިނުމަށްޓަކައި، ކުރިއަށް މި އޮތް 2 އަހަރު، ދިރާސީ އަހަރު ހިނގާގޮތަށް ބަދަލުގެނެސް، 2026 ވަނަ އަހަރު ޖަނަވަރީ މަހުން ފެށިގެން ތަޢުލީމީ އަހަރު ފަށާގޮތަށް މިހާރު ވާނީ ހަމަޖައްސާފައި.
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހިބަހާއި އިސްލާމްދީން ކިޔަވައިދިނުން މި އަހަރު އިރާދަކުރެއްވިއްޔާ ފުޅާކުރާނަން. ތަޢުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް މި ދައުރުގައި އިރާދަކުރެއްވިއްޔާ އަންނާނެ. އޭގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ޚުލްޤު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެ. ޢިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ސިކުނޑިއަށް ކާނާދީ، ޢިލްމާއި ބުއްދިވެރިކަން ގެނެސްދޭން އަޅުގަނޑުމެން މަސައްކަތްކުރާ ބީދައިން، ދުޅަހެޔޮ އާބާދީއެއް ބިނާކުރަންވެސް އިސްކަން ދޭންޖެހޭ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތް އޮތީ ކަންބޮޑުވާ ފަދަ ހާލަތެއްގައި.
މައިގްރަންޓް ހެލްތު ޗެކަޕް ހަރުދަނާކޮށް، ބަލިތައް އަވަހަށް ދެނެގަތުމާއި، ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ވަރކް ވިސާ، ޑިޕެންޑެންޓް ވިސާ އަދި އެހެން ދިގު މުއްދަތުގެ ވިސާގައި ރާއްޖޭގައި ތިބޭ ފަރާތްތަކުން ރާއްޖެއަށް ފުރަތަމަ އަންނައިރު އަދި އޭގެފަހުން އަހަރަކު އެއްފަހަރު މެޑިކަލް ހެދުމަށް އަދި މި ވިސާތަކުގައި މިވަގުތު ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން ވޭތުވެދިޔަ 1 އަހަރު މެޑިކަލް ހަދާފައިނުވާ ފަރާތްތަކުން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދައި ނިންމުމަށް މިހާރު ވަނީ ކަނޑައަޅައިފައި.
ދުޅަހެޔޮ ޞިއްޙީ ވެށްޓެއް ގާއިމުކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވެވޭނެ ފިޔަވަޅުތައް އަޅަންޖެހޭ. އަވަހަށް ބަލި ދެނެގަތުމާއި، ވަށާޖެހޭ ޞިއްޙީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭންޖެހޭ. އެކަމަށްޓަކައި ޕްރިވެންޓިވް ހެލްތު ކެއަރ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށް ބޭނުންވާ ޚާއްޞަ ޕުރޮގުރާމުތައް ތަންފީޒުކުރުމަށް މި އަހަރަށް ޚާއްޞަ ބަޖެޓެއް ވާނީ ހަމަޖައްސާފައި. މިގޮތުން، އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ފުޅާކޮށް ޚިދުމަތްދޭން ފެށުމާއި، މި ނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ވާނީ ނިންމާފައި. ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ފުޅާކުރުމަށް ކަނޑައަޅައިފައިވާ 10 އަތޮޅުގައި، ރި-ޕްރޮޑަކްޓިވް، މެޓާރނަލް، ޗައިލްޑް އެންޑް ނިއުޓްރިޝަން، ގައިންގަޔަށް އަރާ ބަލިތައް، ގައިންގަޔަށް ނާރާ ބަލިތައް، ނަފުސާނީ ބަލިތައް، ފައިލޭރިއާ ސްކްރީނިންގގެ މައުލޫމާތު އެއްކުރުމަށް ބޭނުންވާ މޮޑިއުލްތައް، ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ މެދުވެރިކޮށް، މުޅި އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއްކޮށް، ރައްޔިތުންގެ ޞިއްޙީ ހާލަތު ދެނެގަނެވި، ޞިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވޭނެ. މީގެ އިތުރުން، ދިރިއުޅުމުގެ އާދަތަކާއި ކެއިންބުއިން ހުންނަގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތައް ދެނެގަނެ، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޤައުމީ ކެމްޕެއިނެއް ހިންގަން ވަނީ ނިންމާފައި. އާސަންދަ މެދުވެރިކޮށް، އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުވެސް މިހާރުވާނީ ހަމަޖައްސާފައި.
ހަމައެއާއެކު، ރާއްޖޭގައި ސަރުކާރުން ހިންގާ ހަސްފަތާލުތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ފަރުވާ ދިނުމަށް ބޭނުންވާނެ އަސާސީ އެތައް ބޭހަކާއި ވަސީލަތްތަކެއް ހުސްވެފައި ހުރި ހުރުން، ހަމަމަގަށް އަޅުވައި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ލިބޭކަން ކަށަވަރުކުރުމަށް، ނޭޝަނަލް މެޑިސިން ޕޮލިސީ މުރާޖާ ކުރުމުގެ މަސައްކަތްވަނީ ފެށިފައި. މިގޮތުން، ރާއްޖެއަށް އެތެރެކުރާ ބޭސް، ރާއްޖޭގައި ރަޖިސްޓަރީ ކުރުން ލުއިފަސޭހަ ކުރުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ރިފަރެންސް ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ ގޮތުގައި ބަލައިގަންނަ އޮތޯރިޓީއަކުން ރަޖިސްޓަރީ ކޮށްފައިވާނަމަ، ރާއްޖޭގައި އެ ބޭހެއް ރަޖިސްޓަރީ ކުރެވޭނެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިގެންދާނެ. އަދި ބޭސްގަތުމަށް ހިނގާ ޚަރަދު ކުޑަކުރުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް ނިޒާމެއް ގާއިމުކޮށް، އަގުހެޔޮ އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ ސިޔާސަތެއް މިހާރު ވާނީ އެކުލަވައިލެވިފައި. ބޭހުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ބޭސް ތަޙުލީލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ހަރުދަނާގޮތެއްގައި ތަޙުލީލުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ. ރާއްޖޭގައި ވިއްކަން ހުންނަ ބޭސް ގުދަންކުރެވިފައި ވަނީ ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް ސަރވެއިލަންސް އަދި މޮނިޓަރިންގ މެކޭނިޒަމް އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތް ފުޅާކުރުމަކީވެސް ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ މުހިންމު އަމާޒެއް.
ޞިއްޙީ ޚިދުމަތްތެރީންގެ ތެރެއިން، ޚިދުމަތާ ދުރަށް ވަޑައިގެންފައިވާ ޑޮކްޓަރުން، ނަރުހުން، އަދި މިނޫންވެސް ވަރަށް ގިނަ ބޭފުޅުން އަނބުރާ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ގެނައުމުގެ ޚާއްޞަ ޕުރޮގުރާމު އިފުތިތާހުކުރީ މިދިޔަ ޖަނަވަރީ މަހު.
ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯރެޓަރީއެއް އިރާދަކުރެއްވިއްޔާ ގާއިމުކޮށްދޭނަން. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މި އަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން، މާލެ ނައިސް، ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގު އިރާދަކުރެއްވިއްޔާ ފަހިވާނެ. ނަފުސާނީ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް، ލ. އަތޮޅުގައި ތަރައްޤީ ކުރެވިގެންދާނެ. އަދި ކެންސަރަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލަކާއި، ތެލަސީމިއާ ކުދީންނަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލަކާއި، އަންހެނުންނާއި ކުޑަކުދީންނަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް، މި ދައުރުގައި މާލެ ސިޓީގައި އިރާދަކުރެއްވިއްޔާ ބިނާކުރާނަން. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއް ބިނާކޮށް، ވިލިމާލޭގައިވެސް 100 އެނދުގެ ޓާޝަރީ ހަސްފަތާލެއް އިރާދަކުރެއްވިއްޔާ އަޅާނަން. އައްޑޫ ހިތަދޫގައި ހުރި ހަސްފަތާލު އަދި ކުޅުދުއްފުށީގައި ހުރި ހަސްފަތާލުގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ. އަޅުގަނޑުމެންގެ ތަސައްވުރާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް، ގިނަ ޞިއްޙީ ފަރުވާތައް ހޯދޭނެ. އަދި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަދުވަހު އިންތިޒާރުކުރަން ނުޖެހި، އިރާދަކުރެއްވިއްޔާ އަވަސް ޚިދުމަތް ލިބެން ފަށާނެ. ކުއްލި ފަރުވާއަށް ބޭނުންވާ ހާލަތުގައި، ދުރު ދަތުރުތައް ކުރުމަށް އެއަރ އެމްބިއުލެންސްގެ ޚިދުމަތް، އަންނަ މާރިޗު މަހުގައި ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް މިދަނީ ކުރަމުން. އޭރުން އިރާދަކުރެއްވިއްޔާ، ރާއްޖެއާއި ރާއްޖެއިން ބޭރަށްވެސް އެއަރ އެމްބިއުލެންސްގައި ބަލިމީހުން އުފުލުމުގެ އަމިއްލަ ޤާބިލުކަން އަޅުގަނޑުމެންގެ ހުންނާނެ.
އާސަންދައިން އެހީތެރިކަން ރައްޔިތުން ބޮޑަށް ބޭނުންވާ ހާލަތްތައް ބަލައި، އެފަދަ ކަންކަމަށްވެސް ހައްލު ހޯދައިދޭން އަޅުގަނޑުމެން ފަށައިފިން. އެގޮތުން، ސަރުކާރުގެ ފުރަތަމަ 9 ހަފުތާގެ ތެރޭގައި، "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތަކަށް އަދި އަންހެނުންނަށް ދިމާވާ ޞިއްޙީ ބައެއް ޚާއްޞަ ހާލަތްތަކާ ގުޅޭ ފަރުވާތަކަށްވެސް އާސަންދަ ހަމަޖައްސައިދޭން ފަށައިފިން. ހަމައެހެންމެ، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފައިކޮށްދިނުމުގެ ގޮތުން، އެކަން ކުރުމާއި، އޭގެއިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސް.ޓީ.އޯ. ފާމަސީ މެދުވެރިކޮށް، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް، އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖެއްސިފައި. ގުރޭޑު 10 ނިމުމުގެ ކުރިން ދަރިވަރުންނަށް ފަސޭހައިން ތެލެސީމިއާއަށް ޓެސްޓުކުރެވޭނެ އިންތިޒާމު ވާނީ ހަމަޖެއްސިފައި. އަދި މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ބުލަޑް ބޭންކުތައް ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ، ރައްޔިތުންނަށް ހޭހަންކުރާ އޯގާވެރި ސަރުކާރެއް ގާއިމުކޮށްދިނުމަކީ، އަޅުގަނޑުމެންގެ އަމާޒު. ސަރުކާރުން ޚާއްޞަ އިސްކަމަކާއި ސަމާލުކަމެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ މި ދައުރުގައި ސަރުކާރުން ދޭނަން. އަދި ކުޑަކުދީންނާއި، ދުވަސްވީ މީހުންނަށް ލޯތްބާއި ކުލުނާއެކު ސަރުކާރުން ޚިދުމަތްކުރާނަން.
މިގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް، ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދިނުމުގެ ގޮތުން "އުފާވެހި" ނަމުގައި ޕުރޮގުރާމެއް އެކުލަވައިލައި ތަންފީޒުކުރަން ވަނީ ފަށާފައި.
ތަފާތު އެކި ނުކުޅެދުންތެރިކަމާ ހުރެ، މުޖުތަމަޢުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރެއް، މި އަހަރު އެކުލަވައިލުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. މިފަދަ ޤައުމީ ދަފުތަރެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނެއް އެކަމުން މަޙުރޫމުވެފައި އެބަތިބި. ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖުތަމަޢެއް، މާޙައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެދޭނެ. އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިއުނިޓީ ތެރަޕިސްޓުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޚިދުމަތަށް ނެރޭނަން. މީގެ އިތުރުން، ނަފުސާނީ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަކަށް އެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕް ލައިނެއް ގާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި.
ހަމަ އެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތު، އެކުލަވައިލެވޭ އުސޫލެއްގެތެރެއިން މަގުފަހިކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި، ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވައިލައި ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކުރެވިގެން، 500 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް ވާނީ ކަނޑައަޅައިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
އިސްރަށްވެހީންގެ ތަޖުރިބާއާއި ވިސްނުން މި ޤައުމަށް ބޭނުންވޭ. ޚިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު، އުމުރުން 65 އަހަރު ހަމަވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔަރވާންޖެހޭ ވަގުތަކީ، އެފަދަ ގިނަ ބޭފުޅުންނަށް ދަތި އުނދަގޫ ހާލަތެއް. އުމުރުން 65 އަހަރުވީ ނަމަވެސް، ޚިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށްވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމަޔަށް ޚިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން.
ސަރުކާރުން މި އަހަރު އިސްރަށްވެހީންގެ ޚާއްޞަ ދަފުތަރެއް އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން. އަދި އިސްރަށްވެހީންގެ ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް، މާލެއާއި އަތޮޅުތަކުގައި ގާއިމުކުރުމަށް ކެބިނެޓުން ނިންމައި، އެ މަސައްކަތްވެސް ވަނީ ހަފުތާ 14ގެ ތެރޭގައި ފެށިފައި. މިގޮތުން، މާލޭގައި މިފަދަ ފުރަތަމަ މަރުކަޒު، މި މަހު އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއަރ ސެންޓަރު، ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމުކުރުމަށްވެސް ވަނީ ކަނޑައަޅާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
މި ސަރުކާރުގެ އޯގާވެރިކަމުގެ ހިޔާ އޮތީ އިންސާނުންނާ ހަމައިން ހުއްޓިފައެއް ނޫން. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިރޭތަކެއްޗަށް ހޭހަންކުރާނެ ވުޒާރާއެއް އަޅުގަނޑުމެން ވާނީ އުފައްދާފައި. އަޅުގަނޑުމެންގެ ތެރޭގައި، ވަރަށް ގިނަ ޢާއިލާތަކުން އޮޅު ޖަނަވާރާއި ދޫނި ގެންގުޅޭއިރު، އެސޮރުމެންނަށް ފަރުވާދީ ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމުކުރެވިފައެއް ނެތް. އިރާދަކުރެއްވިއްޔާ މި އަހަރު މި ނިޒާމު އަޅުގަނޑުމެން ގާއިމުކުރަން ފަށާނަން. މާލެ ސިޓީގެ މަގުތައްމަތީ ބުޅާ ގިނަވެ، ބެލެހެއްޓޭނެ ރަނގަޅު ގޮތެއް ފަހިނުވެ، ދުވަސްތައް ދިގުލައިގެން އެދިޔައީ، ބުޅާ ބަލަހައްޓާ ފެސިލިޓީއަށް ސަރުކާރުން ބިން ނުދީގެން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ، މިހާރު ވާނީ މާލެ ސިޓީގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓާނެ ފެސިލިޓީއަކަށް ބޭނުންވާނެ ޖާގަ، މާލެ ސިޓީ ކައުންސިލަށް ހަމަޖައްސައިދީފައި.
މީގެ އިތުރުން، ރާއްޖޭގެ ފެހިކަން އިތުރުކުރުމަށްޓަކައި މި ދައުރުގައި 5 މިލިއަން ގަސް، މުޅި ރާއްޖޭގައި އިންދުމުގެ މަޝްރޫޢެއް މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. އަދި ތިމާވެށްޓާ ރައްޓެހި އިޢާދަކުރުވަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު 4 އިންސައްތައިން، 33 އިންސައްތައަށް މި ދައުރުގައި އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް.
ގަސް އިންދައިގެން ރާއްޖޭގެ ފެހިކަން އިތުރުކުރަނީ، އަދި ތިމާވެށްޓާ ރައްޓެހި އާދަތަކަށް އަހުލުވެރިކުރުވަނީ، ރާއްޖޭގެ ރީތިކަން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި. ޚާއްޞަކޮށް، މިއަދުގެ ކުޑަކުދީންނާއި ޅަ ޒުވާނުންނަށް ރީތި ޗާލު ފެހި ނަލަ ދިވެހިރާއްޖެއެއް އަޅުގަނޑުމެން ވާރުތަކޮށްދިނުމަށްޓަކައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ޒުވާނުންގެ ވިސްނުމާއި ފިކުރު، ޤައުމު ހިންގުމުގައި ވަރަށް ބޮޑަށް ބޭނުންވޭ. އެކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޔޫތު އެޑްވައިޒަރީ ބޯޑެއް މިހާރު ވާނީ އެކުލަވައިލާފައި.
ތަޢުލީމާއި ވަޒީފާއާއި އާމްދަނީގެ ފުރުޞަތުތައް ޒުވާނުންނަށް ފަހިވާންޖެހޭ. ޒުވާނުންގެ މަރުކަޒުތައް ބިނާކޮށްދޭންޖެހޭ. ބައިނަލްއަގުވާމީ މާރުކޭޓުތަކުގައި އޮންލައިންކޮށް ވިޔަފާރީގެ މުޢާމަލާތުކޮށް، ޒުވާނުންގެ އުފެއްދުންތަކާއި ހުނަރުން، ރާއްޖޭގައި ތިބެގެން މަންފާ ހޯދޭނެ މަގު އަޅުގަނޑުމެން ހުޅުވައިދޭންޖެހޭ. މިގޮތުން، އޮންލައިން ޕޭމަންޓް ޕްލެޓްފޯމުތައް މެދުވެރިކޮށް، ފައިސާ ފޮނުވުމާއި، ލިބިގަތުމަށް ހުރި ހުރަސްތައް ހައްލުކޮށްދީ، އެ މަސައްކަތް ވަނީ ފެށިފައި. އަދި ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާ ގުޅޭގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރެވެމުން. ހަމައެހެންމެ، ފިކުރީ މުދާ ރައްކާތެރިކޮށްދިނުމަށް ބޭނުންވާ ޤާނޫނުތައް ތައްޔާރުކޮށް، މި މަޖިލީހަށް އަޅުގަނޑުމެން ފޮނުވާނަން. އަދި ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓިޖީއެއް އެކުލެވިގެންދާނެ. އަދި "ކްރިއޭޓިވް ހަބް" އިމާރާތް ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށިގެންދާނެ.
މިގޮތުން، ޒުވާނުންނަކީ ކޯޑިންގގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭނެ ބަޔަކަށް ހެދުމަށް ވަނީ 5 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވައިލެވިފައި.
ޒުވާނުންގެ ވާހަކަ ދައްކާއިރު، ކުޅިވަރާ ގުޅޭ މުހިންމު ކަންތައްތަކެއްވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ތަފާތު އެކި ކުޅިވަރުތައް ކުޅޭ ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްކަމުގައި. ދިވެހީން އެންމެ ލޯބިކުރާ ހަމައެކަނި ފުޓްބޯޅައަށް ނަޒަރު ހިންގައިލާއިރުވެސް، ސަރަހައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ. ކުޅުންތެރީންނަށް އިތުރު ތަމްރީނާއި، އާމްދަނީގެ މަގުތައްވެސް ހުރީ ބަންދުވެފައި. މިއީ، ހިތާމަހުރި ކަމެއް.
ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރު ފަހިކޮށްދޭނަން. ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުން، ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން އަޅުގަނޑުމެން ފަށާނަން. ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރު ކުޅޭ ތަންތަން ގާއިމުކުރަންޖެހޭ. މިގޮތުން، ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އަދި މަލްޓިސްޓޯރީ "ނެޓްބޯޅަ ކޮމްޕްލެކްސް"އެއް އެޅުމަށް ހުޅުމާލެއިން 2 ބިން މިހާރުވާނީ ކަނޑައަޅައިފައި. ކުޅިވަރުގެ ބޮޑެތި ކުލަބުތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކުރަން އެބަޖެހޭ. އަދި ކުޅުންތެރީންނަށް ތަމްރީނާއި އާމްދަނީގެ ފުރުޞަތު އިތުރުކޮށްދޭންޖެހޭ. މި ހުރިހާ ކަމެއްގައިވެސް ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.
މިގޮތުން، ކުޅިވަރާއި ހަށިހެޔޮކަމަށް މުހިންމުކަން ދީ، މި ސަރުކާރުން ވާނީ މިކަމަށް ޚާއްޞަ ވަކި ވުޒާރާއެއް ގާއިމުކޮށްފައި. މި ވުޒާރާގެ ދަށުން މި ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި، އެކަންކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. މީގެ ތެރޭގައި، ޤައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ޞިއްޙީ ޚިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވައިލުމުގެ ގޮތުން، ދިވެހިރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ "މިނިމަމް މެޑިކަލް ރިކްއަރމަންޓް"އާ ބެހޭ އުސޫލު ތައްޔާރުކޮށް، މި ޚިދުމަތް 15 ޖަނަވަރީ 2024 ގައި ވާނީ އިފުތިތާޙުކުރެވިފައި. އަދި މި ޚިދުމަތް އަތޮޅުތެރޭގައާއި، މާލޭގައި ބޭއްވޭ ޤައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބިދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ. އަދި ޤައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާރފޯމަންސް ސެންޓަރު"ގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން. އަދި ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭގޮތުން ސްކޫލް ކުދިންނާއި، އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕުރޮގުރާމުތައް ހިންގުމަށް ވަނީ ނިމިފައި. ހަމަ އެހެންމެ، ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަޚްލާޤާ ގުޅޭގޮތުން ކުޅުންތެރިންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމު ފެށިގެންދާނެ.
ހަމައެއާއެކު، އަޅުގަނޑު ފާހަގަކުރަން، ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުޤު އިތުރުވަމުންދާ ރޭސިންގ، ސަރފިންގ، މޫދުކުޅިވަރު، އީ-ގޭމިންގ ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން، ސަރުކާރުން ނިންމާފައިވާ ވާހަކަ.
ކުޅިވަރުގެ މައިދާނާއި، ސިޔާސީ މަސައްކަތްތަކާއި، ޤައުމީ ޚިދުމަތާއި، އިޖުތިމާއީ ކަންކަމާއި، މިނޫން ހުރިހާ ކަމެއްގައިވެސް ދެ ޖިންސަށްވެސް، މި ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް. ކުރިއަށްދިޔުމުގައި، ދެ ޖިންސަށްވެސް ހަމަހަމަ ފުރުޞަތު، މި ސަރުކާރުގައި އަބަދުވެސް ދޭނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް އަމާންކަމާއި ހަމަޖެހުމަކީ، ވަރަށް ދޮށީ ދައުލަތެއްގެ ގޮތުގައި މިއަދާ ހަމަޔަށްވެސް މި ޤައުމު ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރު. ޤައުމުގެ އަމްނާއި މަސަލަސްކަން ހިފެހެއްޓުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް. މިގޮތުން ބަލާއިރު، މި ސަރުކާރުން އަލަށް 10 ރަށެއްގައި ފުލުހުންގެ ޕޯސްޓް މިހާރު ވާނީ ގާއިމުކޮށްފައި. މީގެ އިތުރުން، މި މަހުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޚިދުމަތް ދޭން ފަށާނަން. ރަށްތަކުގެ މާޙައުލުގައި ޤާނޫނު ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖޭގައި ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރި. މިކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
ޤައުމުގެ ހަމަޖެހުމުގެ ވާހަކަ ދައްކާއިރު، ކުއްލިއަކަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކަށް، ކުއްލި ނުރައްކާތަކަށް ސަމާލުވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ޞިނާޢީ، އިޤުތިޞާދީ މަސައްކަތްތައް ހިނގާ ހުރިހާ ރަށެއްގައިވެސް ތައްޔާރުވެ ތިބެންޖެހޭ. އަލިފާނުގެ ހާދިސާތައް ފަދަ ކަންކަމުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އަޅަންޖެހޭ. މޫސުމީ ކާރިސާތައްވެސް ހަމަ މިފަދަ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވީ ފަހުންވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މޫސުން ގޯސްވެ، ވައިގަދަވެ، ބޯކޮށް ވާރޭވެހި، ރާއްޖޭގެ ބައެއް ސިޓީތަކާއި ރަށްތަކަށް އަދި ގޯތިގެދޮރަށްވެސް ވަނީ ގެއްލުން ލިބިފައި. މިފަދަ ކޮންމެ ހާލަތެއްގައި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޢާއިލާތަކަށާއި ރައްޔިތުންނަށް ސަރުކާރުން އެހީތެރިކަން ދެން. އަދި މިފަދަ ކޮންމެ ހާލަތެއްގައި، ވަކިން ޚާއްޞަކޮށް، ދިވެހި ސިފައިންނާއި ދިވެހިފުލުހުން، އިންސާނިއްޔަތުކަމާއި އޯގާވެރިކަމާއެކީ ރެޔާއިދުވާލު އެ ކުރައްވާ ޤައުމީ ޚިދުމަތަށް އަޅުގަނޑުމެން ސާބަހާއި ހިތްވަރު ދެން. މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ދުރާލައި އެފަދަ ހާލަތްތައް ދެނެގަތުމުގެ ޤާބިލުކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގާއިމުކުރާނަން. އަދި މިފަދަ ހާލަތްތަކުގައި އެހީތެރިކަން ދިނުމުގެ ނިޒާމު ހަރުދަނާކުރާނަން. މިކަމުގައި ރަޙްމަތްތެރި އެކި ޤައުމުތަކުން ދޭ އެހީތެރިކަން، ޝުކުރުވެރިކަމާ އެކީގައި އަޅުގަނޑު ފާހަގަކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެންމެހައި މަދަނީ ޙައްޤުތައް ލިބިދޭކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްކޮށް، ކަމާގުޅޭ ކަންކަން ވިލަރެސް ކުރުމަށްޓަކައި އަޅުގަނޑު ވައުދު ވީ ފަދައިން، "އޮފީސް ފޮރ ސިވިލް ރައިޓްސް"ގެ ނަމުގައި ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، މި ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހު ފަހުކޮޅު ވާނީ ގާއިމުކޮށްފައި. އެގޮތުން، މަދަނީ އަދި ސިޔާސީ ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި، މަދަނީ އަދި ސިޔާސީ ޙައްޤުތައް ހަނިކުރުމާއި ނުވަތަ ހިފެހެއްޓުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސައްކަތް، އެ އޮފީހުން މިހާރު ވަނީ ފަށާފައި.
ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން. ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ، އަލުން މުޖުތަމަޢަށް ގެނައުން. ޖަލަށްލެވޭ، އަދަބު ދެވޭ ނިސްބަތް މަދުކުރުން. ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ، އޯގާވެރިކަމާއެކު އިޞްލާޙުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން. އެކިއެކި ކުށްތަކުގެ ތަޙުޤީޤުގައި، "ވާނުވާ"ގައި، އާދެ، ވަކި މުއްދަތެއް ނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވީ ވައުދެއް. ތަޙުޤީޤަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގެ ތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅާނަން.
ރާއްޖޭގެ ދާޚިލީ އަމްނާއި، ޤައުމުގެ ހަމަޖެހުމާއި، އިޞްލާޙީ ހެޔޮ ބަދަލުތަކަށް ކަންކަން ކުރާ ވާހަކަ ދައްކާއިރު، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ދިވެހި ޢާއިލާތަކުގެ މަތީންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. މީގެ ކުރީން އަޅައިނުލެވޭ މިންވަރަށް، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެހީތެރިކަން ދޭނަން. އެއީ، އަޅުގަނޑުމެންގެ ސަރުކާރުގައި ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުމަށް ތަންފީޒުކުރާ ސިޔާސަތުގެ ތެރެއިން.
ބޭރު ޤައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުގެ މައިގަނޑު އެއް މަސައްކަތަކަށް ވާނީ، އެ ޤައުމެއްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ބޭނުންވާނެ ޚިދުމަތްތައް ދިނުމާއި ފަސޭހަތައް ފޯރުކޮށްދިނުން. މައިގަނޑު އަނެއް މަސައްކަތަކަށް ވާނީ ދިވެހިރާއްޖެ އިޝްތިހާރު ކުރުން. ދިވެހިރާއްޖެއަށް ފަތުރުވެރީން ގެނައުން އިތުރުކުރުމާއި، އިންވެސްޓްމަންޓްތައް ގެނައުން އިތުރުކުރުމާއި، ދިވެހި ވިޔަފާރި، ދުނިޔެއަށް ފުޅާކުރުމަށް މަސައްކަތްކޮށްދިނުން.
ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިޙުތިރާމުކުރާ، ދިވެހީންނަށް އެހީތެރިކަމާއި އެއްބާރުލުންދޭ ކޮންމެ ޤައުމަކާއެކުވެސް ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށްދިޔުން. މިގޮތުގެ މަތިން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި، އަދި ރާއްޖޭގެ ވިޔަފާރިއާއި ތަރައްޤީގެ ބައިވެރީންގެ ގޮތުގައި ހިމެނޭ ޤައުމުތަކާއި، ވަކިން ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކާއެކުވެސް އިރާދަކުރެއްވިއްޔާ މި ދައުރުގައި އަޅުގަނޑުމެން ގުޅުން އިތުރަށް ބަދަހިކުރާނަން.
އެއް ޤައުމުން އަނެއް ޤައުމުގެ މިނިވަންކަމަށް އަރައިގަތުމާއި، އެއް ޤައުމުން އަނެއް ޤައުމަށް ގަނާކުރުމާއި، ބައިނަލްއަގުވާމީ އާންމު މަޞްލަޙަތު ނަގައިލުމާ އަޅުގަނޑުމެން އަބަދުވެސް އިދިކޮޅު. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި، އެކަން ހުއްޓުވުމަށް ގަދައަޅައި މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ.
މި ވޭތުވެދިޔަ 11 ވަރަކަށް ހަފުތާގެ ތެރޭގައި، ތުރުކީ ވިލާތަށާއި، ޗައިނާއަށް އަޅުގަނޑު ދަތުރުކޮށްފިން. މިއިން ކޮންމެ ދަތުރަކުންވެސް ބޮޑެތި އިންވެސްޓްމަންޓްތަކާއި، ކުރިއަށްދިޔުމުގެ ފުރުޞަތުތައް ދިވެހިރާއްޖެއަށް ފަހިވެއްޖެ. މިކަމަށްޓަކައި އެ ދެ ޤައުމުގެ ވެރިންނަށް، އާދެ، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށާއި، ޗައިނާގެ ރައީސް ޝީ ޖިން ޕިން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި، އިދާރީ ހިންގުން ތަރުތީބުކޮށް ޒަމާނީކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން. ކައުންސިލްތައް ބާރުވެރިކުރުވުން. މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތުގެ ހުރިހާ ކަންކަން، މާލެ ސިޓީ ކައުންސިލާ ހަވާލުނުކޮށް އޮތް އޮތުން، ނިމުމަކަށް ގެނެސް، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 9 ހަފުތާ ތެރޭގައި އެކަން ވާނީ ކޮށް ނިންމާފައި. ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަޅުގަނޑުމެން ސަރުކާރު ހިންގަން ބޭނުންވަނީ، ކައުންސިލްތަކާ ގުޅިގެން، މަޝްވަރާކޮށްގެން، އެއްބާރުލުންދީގެން. ކައުންސިލްތަކަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްޞަ ފުލްޓައިމް ވަޒީރަކު ހުންނަވާގޮތަށް ސަރުކާރު ހިންގުމަށް އަޅުގަނޑު ގެނައި ބަދަލުގެ ހެޔޮ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން. މިގޮތުން، ކައުންސިލްތަކަކީ ފުދުންތެރި، އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭފަދަ މާލީ ޤާބިލުކަން ހުރި ތަންތަނަށް ހެދުމަށްޓަކައި، ކައުންސިލްތަކުގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފަޅުރަށްތައް ނުވަތަ އިޚްތިޞާޞުން ބޭރުންވިޔަސް، ފަޅުރަށް ހަމަޖެއްސޭނެ ގޮތް މިހާރުވާނީ އުސޫލުގެ ތެރެއިން ހަމަޖައްސައިދީފައި. އަދި ހަމައެއާއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލާ ހަވާލުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ޚާއްޞަ އެހީތެރިކަމެއް ދީގެން، ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން، މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ހަދައިދޭނަން. މީގެ އިތުރުން، ހަދައި ނިމިފައި އޮތް، މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން، މިހާރު އަޅުގަނޑުމެން ވާނީ މި ސަރުކާރުން ފާސްކޮށްދީ، ސިޓީ ކައުންސިލާ ހަވާލުކޮށްފައި.
އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަގޮތުގައި ހިންގައިދިނުމުގައި، ހަމައެކަނި ބުނާ ބަހެއްގެ ގޮތުގައި އެކަން ނުބާއްވައި، ޢަމަލީގޮތުން ކަންކޮށްދޭ ސަރުކާރަކަށް މި ސަރުކާރު ވާނެ.
ޚިދުމަތް ލިބިގަންނަން އަންނަ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސަރުކާރުގެ މުޅި ނިޒާމު ރާވައިލެވޭނެ. ސަރުކާރުގެ އިދާރާތައް ހިންގާނެ އޮފީސް ޖާގަ މަދުވުމަކީ، ޚިދުމަތް ރަނގަޅަށް ދިނުމުގައި މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުން. މިކަމަށް ހައްލު ހޯދުމަށްޓަކައި، ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާނެ އެކަށީގެންވާ އިމާރާތެއް، ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް، މި އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އަދި ރަށްރަށާއި ސިޓީތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައިވެސް، އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް، ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނަން.
ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައިކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އެ ދުވަހުން ފެށިގެން، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު.
ބަދަލުހިފުމުގެ ރޫޙު އަޅުގަނޑު ނުގެންގުޅޭނެކަމަށްވީ ވައުދާ އެއްގޮތަށް އަޅުގަނޑު މިދަނީ ޢަމަލުކުރަމުން. އެގޮތުގައި އަޅުގަނޑު މިދަނީ ކުރިއަށް. ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އަޅުގަނޑު ނުކުރާނެ ކަމެއް. ޤައުމަށް ހަމަޖެހުން އަންނަންޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާ އެއްގޮތަށް އަޅުގަނޑުގެ ބަހާއި ޢަމަލު ސީދާކުރާނަން. ނަމަވެސް، ޤާނޫނުގެ ވެރިކަން ކަށަވަރުކުރާނަން. ޢަދުލުވެރިކަމާއި އިންސާފު، ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން. ހަމައެއާއެކު، ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ، ވަގުތުން އެފަރާތަކާމެދު ފިޔަވަޅު އަޅާނަން. އާދެ، 17 ނޮވެންބަރު 2023ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެދަނީ، ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކީ ދަންނަވަން.
ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.) އެކުލެވިގެންވާ ގޮތަށް ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށް އަޅުގަނޑު ވައުދުވީ ފަދައިން، މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ހުށަހަޅާނަން. މި ބިލުގެ އިތުރުން، މި ފެށޭ މަޖިލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލުތަކުގެ ތެރޭގައި، ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިލަކާއި، ޕްރިވެންޓިވް ހެލްތް ކެއަރ ބިލަކާއި، ނަފުސާނީ ދުޅަހެޔޮކަމާބެހޭ ބިލަކާއި އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލެއް ހިމެނޭ. މީގެ އިތުރުން، ޓްރެވަލް އެޖެންސީތަކާ ބެހޭ ބިލަކާއި، ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާބެހޭ ބިލަކާއި، އަރބަން ޕްލޭނިންގއާ ބެހޭ ބިލަކާއި އަދި އަރބަން ޑިވެލޮޕްމަންޓާ ބެހޭ ބިލެއްވެސް ހިމެނޭ. ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑާބެހޭ ބިލަކާއި، ލޭންޑް ރީ-އެޖެސްމަންޓާ ބެހޭ ބިލަކާއި، ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދައި ލިބިގަތުމާބެހޭ ބިލެއްވެސް ހުށަހެޅުމަށް އަޅުގަނޑު ގަސްތުކުރަން. އަދި ކޮޕީރައިޓާ ގުޅޭ ޙައްޤުތަކުގެ ޤާނޫނު އިޞްލާޙުކުރުމަށް ބިލަކާއި، ކޮންވޭޔަންސީއާ ބެހޭ ބައިތައް ހިމަނައިގެން، ބިމާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް ބިލެއް ހުށަހަޅަން ގަސްދުކުރަން. ހަމައެއާއެކީ، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް ޢިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު އެދެން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ޖަޒީރާ ރަށްތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިފައި އޮތްއޮތުމާއި، ވަށައިގެން މި އޮތް މާކަނޑުގެ ބިޔަކަމާއެކު، ރާއްޖޭގެ އިޤުތިޞާދު ވަރުގަދަކުރުމަށްޓަކައި އެންމެ އިސްކަމެއްދޭންޖެހޭ އަނެއްކަމަކީ، ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުން. މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތް ނިންމަމުން ދިޔުމުގެ އިތުރަށް، އައު 2 އެއަރޕޯޓުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން. އެންމެ ޒަމާނީ، އެންމެ ރައްކައުތެރި ހެލިކޮޕްޓަރުގެ ޚިދުމަތް، ރާއްޖޭގައި ފެށުމަށް، ދާދި މިދާކަށް ދުވަހު ކެބިނެޓުން ވާނީ ނިންމާފައި. އެކަމާ ގުޅޭ މަސައްކަތް މިހާރު ވަނީ ފެށިފައި. ހަމައެއާއެކު، އެއްގަމު ދަތުރުފަތުރު ކުރާ ޓެކްސީތަކުގެ ޚިދުމަތް ހަރުދަނާކުރާނަން. މިގޮތުން، ރާއްޖޭގައި ޓެކްސީ ކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޤައުމީ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. މި ދަފުތަރު އެކުލަވައިލެވޭއިރު، ޑިޖިޓަލް ޕޭމަންޓް ނިޒާމު، އޭގެ ތެރެއިން ގާއިމުވެގެންދާނެ.
ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓުފަހަރު، މި އަހަރު އިރާދަކުރެއްވިއްޔާ ގެންނާނަން.
މީގެ އިތުރުން، ޑްރޯން ޑެލިވަރީ ސިސްޓަމް ތަޢާރުފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ މަސައްކަތް ފަށައި، ޓެސްޓު ފްލައިޓުގެ ފުރަތަމަ ބުރު، 19 ޖަނަވަރީ 2024ގައި ކާމިޔާބުކަމާއެކީ ވަނީ ބޭއްވިފައި. އަދި ވިޔަފާރި އުސޫލުން މި ޚިދުމަތް ފެށުމުގެ ކުރިން، ޑްރޯން ރެގިއުލޭޝަން މަސައްކަތް ނިންމައި، އެކަން ކުރިއަށް ގެންދަން ވަނީ ކަނޑައަޅާފައި. މި ޑްރޯން ޑެލިވަރީ ސިސްޓަމާ ގުޅިގެން އަތޮޅުތެރެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް، ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.
ހަމައެއާއެކު، މާލެއަށް ކުރިމަތިވެފައިވާ ޕާކިންގ މައްސަލައަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން. މިގޮތުން، ފެންވަރު ރަނގަޅު ޕާކިންގ އިމާރާތްތައް އެޅުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަހަރުގެ މޭ މަހުގެ ތެރޭގައި ފެށިގެން ދާނެ. ޕާކުކުރާނެ ތަނެއް ނުދައްކައި، ސްޓިކާ ނުޖަހާނެ ކަމަށް، ނިމިދިޔަ ސަރުކާރުން ވެފައިވާ ވައުދާ ޚިލާފަށް ކުރި ހުރިހާ ޕާކިންގ ޖޫރިމަނާތައް މާފުކުރުމުގެ އެންމެހައި މަރުޙަލާތައް ނިންމައި، މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ވާނީ އާންމުކޮށް އިޢުލާނުކޮށްފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ދަތުރުފަތުރުގެ ޚިދުމަތުގެ އިތުރުން، ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް މި އަހަރު ދޭނަން. ވަކީން ޚާއްޞަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން. އެފަދަ ވިޔަފާރިތަކަށް ބޭނުންވާނެ ލޯނު ދޫކުރަން. މިގޮތުން، ކަނބަލުން ވިޔަފާރި މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު، ކުރިއަށް މި އޮތް މާރިޗު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ދޫކުރަން ފަށާނަން. މީގެތެރެއިން 25 އިންސައްތަ ޚާއްޞަކުރެވިގެންދާނީ، ކަނބަލުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރުމަށް. އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން "ހަމަހަމަކަން ކަށަވަރު" ނިޝާން ނުވަތަ "ޖެންޑަރ އިކުއެލިޓީ ސީލް"ގެ ނަމުގައި ނިޝާނެއް މިހާރު ވާނީ ތަޢާރުފު ކުރެވިފައި. ހުރިހާ އުމުރުފުރައެއްގެ، ހުރިހާ ގިންތިއެއްގެ ދިވެހީންނަށްވެސް އާމްދަނީގެ ފުރުޞަތާއި ވަޒީފާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުފައްދައިދޭނަން. ދިވެހީންނަށް ވަޒީފާ އަދާކުރަން އޮތް ފުރުޞަތު ފަހިކުރުމުގެ ގޮތުން މިހާރުވެސް ވާނީ، ދިވެހީންނަށް އެކަނި ވަޒީފާ އަދާކުރެވޭނެ 22 ދާއިރާއެއް ކަނޑައަޅާފައި. ހަމައެފަދައިން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމުގެ ޚާއްޞަ ޕުރޮގުރާމެއް މިހާރު ވާނީ ފަށާފައި.
މި ހުރިހާ މަސައްކަތެއްގެ އަމާޒަކީ، ރައްޔިތުންނަށާއި، މުޅި ދައުލަތަށްވެސް ތިޔާގިކަން އިޢާދަކުރުން. ދަރަނި ދަންތުރައިން ސަލާމަތްވުން. ސިޔާސީގޮތުން އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއް ކަމުގައިވިޔަސް، ކެރިފޯރުންތެރިކަމާއި އިޤުތިޞާދީ ގޮތުން ފުދުންތެރިކަން ނެތި، ޙަޤީޤީ މިނިވަންކަން ހާސިލެއް ނުވާނެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، މި މުހިންމު ޙަޤީޤަތް ބަޔާންކުރައްވައި، ޅެންބަހުން ވިދާޅުވެފައި އޮންނަނީ؛
"މިނިވަންކަމުގެ މަތިވެރި ނަމުން،
ލިބުނަސް ނަމެއް ސިޔާސަތުން،
މިނިވަންކަމުގެ ޙަޤީޤަތީ،
ކެރި ފޯރުމޭ ގޮވާނަމޭ"
އެ ކިލެގެފާނުގެ މި މަތިވެރި އިރުޝާދަކީ އަޅުގަނޑުވެސް ޤަބޫލުކުރާ ފަލްސަފާ. ދިވެހިރާއްޖޭގެ ކެރިފޯރުންތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އެންމެ އިސްކަމެއްދޭނެ އަނެއް ސިޔާސަތަކީ، ފުޑް ސެކިއުރިޓީ ގާއިމުކުރުން. އާދެ، ޤައުމަށް ބޭނުންވާނެ އަސާސީ ކާބޯތަކެތި ކަށަވަރުކުރުން. ދަނޑުވެރިކަން ފުޅާކޮށް، ރާއްޖެއަށް ފުދޭވަރަށް ރާއްޖޭގައި ހެއްދެން ހުރި ހުރިހާ ބާވަތެއް އުފެއްދުން. އޭގެ ސަބަބުން، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓުންވެސް އިތުރުވެގެންދާނެ. ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުބިންތަކާއި ދަނޑުވެރީން ގިނަކުރުމަށް މިއިން ޒަމާނަކު ރާއްޖޭގައި ނުކުރާ ހޭދަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އެއާއެކު، ދިވެހި މަސްވެރިކަން ފުޅާކުރުން. ރާއްޖޭގެ އިޤުތިޞާދީ މުޅި ސަރަހައްދުގެ ނަފާ އެންމެ ފުރިހަމަގޮތުގައި ހޯދުން. މަސްވެރިކަމުގެ އާ ބާވަތްތައް ތަޢާރުފުކުރުން. މަސްވެރި އުފެއްދުންތައް އިތުރުކުރުން.
އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުން.
ސަރުކާރު ހިންގުމާ އަޅުގަނޑު ހަވާލުވިއިރު، ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން އަޅުގަނޑުމެންގެ ސަރުކާރުން މިހާތަނަށް 329,953,144 (ތިން ސަތޭކަ ނަވާވީސް މިލިއަން ނުވަ ސަތޭކަ ފަންސާސް ތިން ހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އިއްޔެއާ ހަމައަށް ވާނީ މަސްވެރިންނަށް ދެވިފައި. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ސަރުކާރުގެ އަމާޒަކީ، ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން.
މަސްވެރިކަމަށްދޭ އިސްކަމުގެ ތެރެއިން ކެބިނެޓުގައި އެޖެންޑާކޮށް، އެންމެ ފުރަތަމަ ނިންމި ނިންމުމަކީ، މިފްކޯއަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމުގެ ނިންމުން. އެކަން މިހާރު އެވަނީ ތަންފީޒު ކުރެވިފައި. އަދި މަސްވެރީންގެ ދައުރު މިފްކޯ ހިންގުމުގައި ހިމަނާނެކަމަށް އަޅުގަނޑު ވީ ވައުދާ އެއްގޮތަށް، މިފްކޯގެ ބޯޑު މެންބަރަކަށް މަސްވެރީންގެ އަޑުއުފުލާނެ ފަރާތެއް، އާދެ މަސްވެރިއެއް ޢައްޔަންކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އަދި މަސްވެރީންނަށް ސަރުކާރުން ހޯދައިދޭ ޢިނާޔަތްތަކާއި އިޤުތިޞާދީ އަދި އިޖުތިމާއީ ފުރުޞަތުތައް އިތުރުކުރުމަށް، މަސްވެރީންގެ ދަފުތަރެއް، މި އަހަރު އިރާދަކުރެއްވިއްޔާ އެކުލަވައިލާނަން. ހަމައެއާއެކު، އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިޔަކު، "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށް، ޚާއްޞަ ތަމްރީނު ޕުރޮގުރާމެއް މިހާރު ވަނީ ފެށިފައި. މިގޮތުން، މި ޕުރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި 50 މަސްވެރިން ތަމްރީނުކުރެވިގެންދާނެ. އަދި އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ޤާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕުރޮގުރާމުގެ ނަމުގައި ސިލްސިލާ ތަމްރީނު ޕުރޮގުރާމުތަކެއް، ފެބުރުވަރީ މަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފައި. މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަން މާކެޓުކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. މި ކުންފުނީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ. މިއީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެންދާނެ ފުރުޞަތެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އައު 20 ރިޒޯޓް، މި އަހަރު ހުޅުވައި، 2800 އަށްވުރެ ގިނަ އެނދު އުފެދިގެން ދިޔުން. ނުހެދި ހުރި ރިޒޯޓުތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން. ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި، ހުރަސްތައް ބަލައި، އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. މިގޮތުން، ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމައި، މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވައިލެވެމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، މި ސިޔާސަތުގެ މަސައްކަތް ނިންމައިލެވޭނެ. އަދި މިފަދަ ތަންތަން ތަރައްޤީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗަރކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވައިލައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަންފީޒު ކުރާނަން. އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވިގެންދާނެ. މިގޮތުން، ސީޕްލޭން ހަބަކާއެކު، އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫޢެއް އެކުލަވައިލައި އިފުތިތާޙުކުރުމުގެ ގޮތުން، އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ މަސައްކަތް ދަނީ ކުރެވެމުން.
ވަޒީރުންގެ މަޖިލީހުގައި، ވިޒިޓަރ އިކޮނޮމީ ކައުންސިލެއް އަޅުގަނޑު އުފެއްދީ، ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރަން. ބައިނަލްއަގުވާމީ ބޮޑެތި މަހާސިންތާތަކާއި ހަފުލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން، އާދެ، މައިސް ޓޫރިޒަމް ތަޢާރުފުކުރަން. ތަޢުލީމީ ދާއިރާއާއި، ސަގާފަތާއި، ތަރިކައިގެ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުންވެސް ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރަން. މި ދައުރުގެ ތެރޭގައި، މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނަން ފަށާނެ.
ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމުގެ ސަބަބުން، ރާއްޖޭގައި ކުރެވިދާނެ ޞިނާޢީ އާ މަސައްކަތްތަކާއި، ކުރެވިދާނެ އައު އިންވެސްޓްމަންޓްތައް ވަރަށް ގިނަ. އެކަމަށް ޝައުޤުވެރިވާ ފަރާތްތައްވެސް ވަރަށް ގިނަ.
ޗައިނާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ފަދަ ފޯރަމްތައް، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާއްވައި، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތުތައް، މުޅި ދުނިޔެއަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުވައިލާނަން.
ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ، އެތައް މަންފާއެއް، ދިވެހި ވިޔަފާރިއަށާއި އިޤުތިޞާދަށް ލިބޭނެކަމެއް. އެހެންކަމުން، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި މި މަޖިލީހުން އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުގެ އުންމީދަކީ، އިތުރު ބައެއް ޤައުމުތަކާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދައި، މި ދައުރުގައި ޢަމަލުކުރަން ފެށުން.
މީގެ އިތުރުން، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރު އިތުރުކޮށް، އިޤުތިޞާދީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، މިހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދައި، އެ ކުންފުނި މެދުވެރިކޮށް ވާނީ ފަށާފައި. މި ކުންފުންޏަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ކާނާއާއި، ފޭރާމާއި، ބޭހުގެ އަގު، އަދި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު އަތްފޯރާފަށަށް ގެނެސްދިނުމުގެ ނިޒާމު ހިންގުމުގެ މަސައްކަތް ކުރާނެ ކުންފުނި. އަދި ރާއްޖޭގެ ޖިއޮގްރަފިކަލް ލޮކޭޝަންގެ ބޭނުން ހިފައި، އެހެން ފްރީ ޒޯންތަކާ ވާދަކުރެވޭފަދަ ގޮތަކަށް، ރީއެކްސްޕޯޓް ޕްރޮސެސިންގ އަދި ވެލިއު އެޑިޝަން މަސައްކަތްތައް، ރާއްޖޭގައި ތަޢާރުފުކޮށް، އިޤުތިޞާދު ސިންދަފާތު ކުރެވޭނެފަދަ އައު ޞިނާޢަތްތަކުގެ ބިންގާ އެޅުމުގެ ޤާބިލުކަން މި ކުންފުނީގައި ހުންނާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
ބައިނަލްއަގުވާމީ މާލީ މުޢާމަލާތްތަކާއި ވިޔަފާރީގެ މުހިންމު މަންޒިލަކަށް ރާއްޖެ ހެދުމުގެ އަމާޒުވެސް ސަރުކާރުގައި އެބައޮތް. ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް ގާއިމުކުރުމާއި، ބައިނަލްއަގުވާމީ ބޭންކިންގގެ ޚިދުމަތް ފުޅާކުރުން އެއީ، އަޅުގަނޑުމެންގެ އަމާޒެއް. މާލެއަތޮޅު ފުނަދޫގައި މިހާރުހުރި ތެޔޮ ރައްކާކުރާ ފެސިލިޓީ، އެހެން ސަރަހައްދަކަށް ބަދަލުކޮށް، ބައިނަލްއަގުވާމީ މާލީ މުޢާމަލާތްތަކަށް ޚާއްޞަ މަރުކަޒެއް އިރާދަކުރެއްވިއްޔާ އެތަނުގައި އަޅުގަނޑުމެން ގާއިމުކުރާނަން. އެކަން ފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ސަރުކާރުން މިހާރު ވާނީ އުފައްދާފައި.
ހަމައެއާއެކު، ރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑު ބަނދަރުގެ ޚިދުމަތަށް އެންމެ ފައްކާ އެއް ސަރަހައްދަށްވާއިރު، މި ފުރުޞަތު ލިބި އޮވެމެ، މި ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ނުހިފައި ނުތިބެ، މި ސަރުކާރުގެ އަމާޒު ހުރީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ގޮތުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގއާއި ބައިނަލްއަގުވާމީ ބިޔަ ބަނދަރަކާއި، ވިޔަފާރީގެ މަޝްރޫޢެއް ހިންގަން. މާލެއަތޮޅު ތިލަފުށީގައިވެސް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ޚިދުމަތް ފަށަން. ހަމައެއާއެކު، ލ. އަތޮޅު ގާދޫގައިވެސް ބަންކަރިންގގެ ޚިދުމަތް ދޭން ފަށަން. މިއިން ކޮންމެ ބަނދަރަކާއި، ކޮންމެ ޚިދުމަތަކީވެސް ބޮޑެތި އިންވެސްޓްމަންޓް. މިއީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަންކަން.
ކީރިތި ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އަޅުގަނޑުމެންގެ ތަޞައްވުރުގައި މިހުރި ގިނަ އިޤުތިޞާދީ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށައިގަނެވޭނެ. މިއިން ކޮންމެ މަޝްރޫޢެއް ފެށުމާއެކު، ރާއްޖޭގެ އިޤުތިޞާދަށް އޭގެ މަންފާ އިރާދަކުރެއްވިއްޔާ ކުރާނެ. ވަޒީފާއާއި އާމްދަނީގެ މަގުތައް ހުޅުވިގެންދާނެ. ރައްޔިތުންނަށް ތިޔާގިކަމާއި ތަނަވަސްކަން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދާނީ، ދެފުށް ފެންނަގޮތަށް. ހާމަކަން ބޮޑުކޮށް. ނޫސްވެރިއަކަށްވެސް، ރައްޔިތަކަށްވެސް އަޅުގަނޑުމެން ފޮރުވާނެ ކަމެއް ނޯންނާނެ.
ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭގައި، 5 ފަހަރަށް އަޅުގަނޑު ނޫސްވެރީންނާ ބައްދަލުކޮށްފިން. ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް މީޑިއާ ޔުނިޓުތައް އުފައްދައި، ނޫސްވެރީންނަށް މައުލޫމާތު ފޯރުކޮށްދޭ. މުހިންމު ހުރިހާ ކަމަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވާ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ސަރުކާރުގެ ބައެއް އިދާރާތަކަށް، ބައެއް މީޑިއާތަކަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓެއް މި ސަރުކާރަކު ނޯންނާނެ. މީޑިއާތަކަށް އޮފީސް ޖާގަ ލިބުން ދަތިވާތީ، އެކަން ހައްލުކޮށްދިނުމަށް ހުޅުމާލޭގައި މީޑިއާ ވިލެޖެއް ގާއިމުކޮށްދިނުމަށްވެސް ސަރުކާރުން ވާނީ ނިންމާފައި.
އަޅުގަނޑުގެ ވިސްނުމަކީ އަދި އުންމީދަކީ، މީޑިއާތަކާއި އަދި ރައްޔިތުންނާ ވީހާވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުން. ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހަކުން އެއްމަހު ޖަވާބުދާރީވުމަށް ބާއްވާ "އަހާ" ފޯރަމް، މިދިޔަ ޖަނަވަރީމަހު ވާނީ ފަށާފައި. އޭގެ އިތުރުން، ކޮންމެ ތިން މަހަކުން އެއްމަހު، ރައްޔިތުންގެ ސުވާލުތަކަށް ސީދާ އަޅުގަނޑު ޖަވާބުދޭން ބާއްވާ ޚާއްޞަ ސިލްސިލާއެއް، މި މަހު އިރާދަކުރެއްވިއްޔާ ފަށާނަން. މި ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފިން. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުން ބޭނުންވާ ކަންކަން، ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް ޚާއްޞަ ޕޯޓަލެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލާނެ. ރައްޔިތުންގެ ހުށަހެޅުންތަކަށް އިރާދަކުރެއްވިއްޔާ ސީދާ އަޅުގަނޑު ޖަވާބުދާރީވާނަން. އަދި އަޅުގަނޑުގެ އުންމީދަކީ، ރައްޔިތުންގެ އެކި ޖަމާޢަތްތަކާ ބައްދަލުކުރުމާއި، ރައްޔިތުންގެ ގޭގެއަށާއި ޢާއިލާތަކަށާއި، ރާއްޖޭގެ އެކި ރަށްރަށަށް އަޅުގަނޑު ޒިޔާރަތްކުރުން.
އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަގާމުގެ ވާޖިބު އަދާކުރަން. ލޮބުވެތި ރައްޔިތުންގެ އަޑު އަޅުގަނޑު އަހާނަން. މަޝްވަރާކުރާނަން. ޤައުމުގެ ކަންކަން ހިންގުމުގައި ތިރިން މައްޗަށް، އާދެ، ރައްޔިތުން ގާތުން އޮޅުންފިލުވައިގެން، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންދާނަން.
އަޅުގަނޑުގެ ދުޢާއަކީ، މި ދިވެހި ކަނޑުގެ އެންމެ ފުނަށް ފޭދިފައިވާ އިސްލާމީ ޢަޤީދާ، ކީރިތި ﷲ ޙިމާޔަތްކޮށްދެއްވުން. މި ގޮނޑުދޮށްތަކަށް ބީއްސަމުންދާ ހަމަހިމޭން ރާޅުތަކަށް ހަލަބޮލިކަން އަންނާނޭ ހާލަތެއް މިންވަރު ނުކުރެއްވުން. މި ގަސްތަކާއި ރުއްތަކުގައި ބީހެމުންދާ ސާފުވައި ކިލަނބުކޮށް، މި ޤައުމު ތަޣައްޔަރުކޮށްފާނެ ކޮންމެ އަނިޔާވެރި ރޭވުމެއް ނާކާމިޔާބުވެގެން ދިޔުން.
މާތްﷲ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.