ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކޮށްދެއްވުން ފިޔަވައި، އެހެން ގޮތަކުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވެދެވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ މަނަފަރުގައި ބިނާކޮށްފައިވާ ރިޒޯޓް "ބީޗްހައުސް މޯލްޑިވްސް، ދަ ވާރލްޑޯފް އެސްޓޯރިއާ ކަލެކްޝަން" ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، އިއްޔެ ހަވީރު އެ ރިޒޯޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ދައުރަކީ މި ވިޔަފާރި ކުރިއެރުވުމަށް، ވިޔަފާރި ކުންފުނިތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ، ޤާނޫނީ އަދި އިޤްތިޞާދީ އޮނިގަނޑެއް ބިނާކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކުރިއަރައި ގޮސްފައިމިވަނީ، ސަރުކާރުން އެ އިންޑަސްޓްރީގެ ވިޔަފާރީގެ ތެރެއަށް ނުވަދެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް، އެ އިންޑަސްޓްރީ ދޫކޮށްލައްވާފައި އޮތުމުގެ ސަބަބުންނެވެ. އަދި މުސްތަޤްބަލުގައިވެސް ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވެދެވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށާއި، ޓުއަރ އޮޕަރޭޓަރުންނަށާއި، މިދާއިރާގައި އިންވެސްޓް ކުރައްވާ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ސިޔާސީ މާޙައުލަށް އަންނަ ލޮޅުންތަކާއި، އިޤްތިޞާދަށް އަންނަ ހީނަރުކަމުގެ އަސަރު، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ފޯރާ މިންވަރާއި، މިފަދަ ކަންކަމުން މި އިންޑަސްޓްރީއަށް ލިބޭ ހީނަރުކަމުން އަވަހަށް އަދި ފަސޭހައިން އަރައިގަނެ، ހަމަމަގަށް އެޅެމުން ދިޔުމުގެ ސަބަބަކީ ސަރުކާރުން މި ދާއިރާ، ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލައްވާފައި އޮންނަ އޮތުން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެށްޓަކީ، ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަރަށް އެކަށީގެންވާ މާޙައުލެއްކަން ފާހަގަކުރައްވަމުން، މި ވިޔަފާރީގެ ކުރިމަގަށްޓަކައި، ރާއްޖޭގެ ތިމާވެށްޓާއި، ކަނޑާއި އެއްގަމުގެ ދިރުމާއި، ޘަޤާފަތާއި އާދަކާދަ ޙިމާޔަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރަކަށްވާނީ، މި ކަންތައްތައް ޙިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، މި ވިޔަފާރިއަށާއި، މުޅި ޤައުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމްކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ހަނިމާދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރެއްވުމަށް އިންޑިޔާގެ ޖީ.އެމް.އާރު. ކުންފުންޏާއެކު ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިއަހަރު ތެރޭގައި އެތަނުގެ މަސައްކަތް ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެއަރޕޯޓުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ، ބީޗްހައުސް ރިޒޯޓަށާއި، އެ ސަރަޙައްދުގެ އެހެން ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންނަށް، އެ ރިޒޯޓްތަކަށް ދިޔުމަށް ވަރަށްބޮޑުތަން ފަސޭހަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޓޫރިޒަމް ޗެއިންތަކަކީ، ރާއްޖޭގެ ތަރައްޤީގެ ޙިއްސާދާރުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން، ހިލްޓަންއަކީ މިގޮތުން ރާއްޖެއައި އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ކުންފުނި ކަމުގައި ވިދާޅުވިއެވެ. އަދި ހިލްޓަންގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ، އެފަދަ އެހެން ކުންފުނިތަކުންވެސް އައިސް އިންވެސްޓް ކުރަން އެކަށީގެންވާ މާޙައުލެއްކަން ހާމަވެ، ގިނަ ކުންފުނިތަކެއް މިހާރު ރާއްޖޭގެ މި އިންޑަސްޓްރީގައި ޙަރަކާތްތެރިވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުނިތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އުފެއްދުންތެރިކަން އިތުރުވެ، މި ކަމުން ލިބޭ ފައިދާ އިތުރުވެގެން ގޮސްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.