މި ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އިޞްލާޙީ ސިޔާސަތެއް އެކަށައަޅައި ހިންގުންކަމަށާއި، އަދި މިއީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ މުސްތަޤްބަލަށްޓަކައި މި ވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ސަރުކާރުގެ ތަރައްޤީގެ ތަސައްވުރު:
ދިވެހި ޤައުމުގެ ކުރިމަގަށް ސަރުކާރުން ކުރާ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ މާލީގޮތުން ޤައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެގެންކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން، ސޮވްރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާކަމަށާއި، ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯދަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ދެވޭ އެއްޗަކަށް ބަދަލުކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްޤީގެ ޕްލޭން:


ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ބައްލަވައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫޢުތައް އަލުން ހިންގައިދިނުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ފަދައިން، ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެކަމަށާއި، އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހަދައި، މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނެކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުން:


ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރަންޖެހޭކަން ފާހަގަކުރައްވައި، މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތްތަކުގެ އިތުރަށް، އައު 2 އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ރާވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓުފަހަރު މިއަހަރު ގެންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޑްރޯން ޑެލިވެރީ ސިސްޓަމް ތަޢާރަފުކޮށް، އަތޮޅުތެރެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު މިއަހަރުތެރޭގައި ހަމަޖައްސަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުން:

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި، 2800 އެނދު އުފެއްދުމުގެ އިތުރުން، ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށާއި، ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމުގެ ގޮތުން، އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ކުރަމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން އުފައްދައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރު އިތުރުކޮށް، އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މިހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ އަތޮޅު ފުނަދޫގައި ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ގޮތުގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގއާއި، ބައިނަލްއަޤްވާމީ ބިޔަ ބަނދަރަކާއި، ވިޔަފާރީގެ މަޝްރޫޢެއް ހިންގުންފަދަ ކުރިއަށްހުރި ބޮޑަތި މަޝްރޫޢުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.