ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށާއި، އެޓަރނީ ޖެނެރަލްގެ މަގާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މި ބޭފުޅުން ޢައްޔަން ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްކަމުގެ މަގާމަށް ޢައްޔަންކުރެއްވީ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވީ އަލްއުސްތާޛު އަޙްމަދު އުޝާމެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ޢައްޔަންކުރެއްވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު މި ރަސްމިއްޔާތުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

އަދި މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު އުޝާމު މަޤާމުގެ ހުވައިކުރެއްވުން އޮތެވެ. އެޓަރނީ ޖެނެރަލްގެ މަގާމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ކުރިފުޅުމަތީގައެވެ. އަދި ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިޤްރާރުގައި އެޓަރނީ ޖެނެރަލް ސޮއިކުރެއްވިއެވެ.