ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އަލްއުސްތާޛު އަޙްމަދު އުޝާމް މި މަގާމަށް ޢައްޔަނު ކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަލްއުސްތާޛު އަޙްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަޙްމަދު އުޝާމް، ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދެވެ. އަދި ހުވައިގެ އިޤްރާރުގައި އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްއުސްތާޛު އަޙްމަދު އުޝާމްއަށް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.