ސަރުކާރުން ގަވާއިދެއް ހެއްދެވުމުގައި އަދި އެއްވެސް ކަމެއް ކުރެއްވުމުގައި ރައްޔިތުން އެދޭގޮތާއި، ރައްޔިތުން ބޭނުންވާ ގޮތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުން ނޭދޭގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާބެހޭ ގަވާއިދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ހާމަކުރަމުން ގެންދާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. "ސަރުކާރުން މިގަވާއިދަށް ބަދަލެއް ގެންނާން އެދެނީ، ހަމައެކަނި ހެޔޮނިޔަތުގައި، އިޖްތިމާޢީ މައްސަލައެއް ޙައްލު ކުރުމަށް. ގަވާއިދަށް ބަދަލު ގެނައުމަށް ރައްޔިތުން ނޭދެނީނަމަ، ސަރުކާރެއް އެގަވާއިދަކަށް ބަދަލު ގެންނާކަށެއް ނޭދޭނެ. ބޭނުމެއް ނުވާނެ. ރައްޔިތުން ނޭދޭ އެއްވެސް ކަމެއް ކުރާކަށް މި ސަރުކާރު ނޭދޭނެ. އަދި މަސައްކަތެއްވެސް ނުކުރާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޣައިރު މުސްލިމުންނަށް ބަނގުރާ ބުއިމުގެ ހުއްދަ ދެއްވުމުގެ ގަވާއިދަށް ރާއްޖޭގައި ޢަމަލު ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށާއި، މިގަވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ގެންގުޅުން އަދި ބުއިމުގެ ހުއްދަ މިވަނީ އެތައް ސަތޭކަ ބަޔަކަށް ދެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި އެތައް ސަތޭކަ ހުއްދަ މެދުވެރިކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، 2009 ވަނަ އަހަރުވެސް އަދި މީގެ ކުރީގައިވެސް މާލޭގައި ވަޅި، ކަޓަރުފަދަ ތަކެތި ބޭނުންކޮށްގެން ހިންގާފައިވާ ހުރިހާ މާރާމާރީއެއްވެސް ހިންގާފައިވަނީ، އެކަންކުރާ މީހުން ބަނގުރާ ބޮއި، މަސްތުވެ ތިބެގެން ކަމަށް އެމަނިކުފާނަށް މަޢްލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ގަވާއިދަށް ބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވީ، މިދެންނެވި އިޖްތިމާޢީ މައްސަލައިގެ ޙައްލު ހޯއްދެވުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، މިއަދަކީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ދުވަސް ކަމަށްވުމާއެކު، މި ތާރީޚީ މުނާސަބަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އިސްލާމީ ޝަރީޢަތް ރައްކާތެރިކޮށްދިނުމުގަޔާއި، އިސްލާމީ ޝަރީޢަތް މިއަދާ ހަމައަށް ވާސިލުވެގެން އައުމުގައި ދިވެހި ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ޝަރްޢީ ނިޒާމު ކުޅެފައިވާ ދައުރުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖޭގައި މިދިޔަ 900 އަހަރު އިސްލާމީ ޝަރީޢަތް ހިންގާފައިވަނީ، ވަރަށް ސާބިތުކަމާއި އަދި އެހާމެ ޢިލްމުން ފުރިފައިވާ ފަނޑިޔާރުންގެ ބެލުމުގެ ދަށުން ކަމަށާއި، އެހެންކަމުން، ދިވެހިރާއްޖެއަކީ މެދުކެނޑުމެއްނެތި އިސްލާމީ ޝަރީޢަތް ހިންގަމުން އައި ހަމައެކަނި ޤައުމު ކަމަށްވުމީ، ވަރަށް އެކަށީގެންވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ރާއްޖެއަކީ އަޅުގަނޑުމެން އެންމެން ފަޚްރުވެރިވާފަދަ ވަރުގަދަ އިސްލާމީ ޝަޚްޞެއް ބިނާވެފައިވާ ރާއްޖެއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.