ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމުން އެތަނުގެ ފަރާތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ. އަދި އެތަނުގެ މަސައްކަތް ޚާއްޞަވެފައިވާ ދާއިރާތަކާއި އެތަނުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ.

މީގެ އިތުރުން ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްގެ ބައެއް އިޖާދީ ކަންކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ތަފުޞީލީ ގޮތެއްގައި މަޢުލޫމާތު ދެއްވައި، ކުރިމަގުގައި ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެތަނުގެ އިސްވެރިން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.