‎ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަފުދު ވަޑައިގަތުމުން، ވާވޭގެ އިސްވެރިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

‎މި ޒިޔާރަތުގައި، ވާވޭ ކުންފުނީގެ މަންދޫބުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން ތަފުސީލު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ މަންދޫބުން ވަނީ އީޖާދީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ސަރުކާރުތަކަށާއި އަމިއްލަ ފަރުދުންގެ އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ގެނުވާ ގޮތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާ ޙިއްޞާކުރައްވާފައެވެ.

‎މީގެ އިތުރުން ވާވޭގެ ޓީމުން ވަނީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ. މި ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދުނިޔެވީ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޖިޓަލް މިންގަނޑަށް ބަދަލުކުރުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ މައްޗަށެވެ. އެގޮތުން ވާވޭގެ ޓީމުން ވަނީ، ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ފެހި އިޤުތިޞާދު ކުރިއެރުވުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ހޯދައިދޭ ނެޓްވަރކިންގ ހައްލުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.