ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމާއި އިޤްތިޞާދީ ސިޔާސަތުތަކާ ގުޅުން ހުރި މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެކި ވުޒާރާތަކުން ހުށަހެޅުއްވި ކަރުދާސްތަކުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިއަދު ނިންމެވި ކަންކަމުގެ ތެރޭގައި:

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުން

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އުފައްދެވުމަށެވެ. މީގެ އިތުރުން އޮން-ޝޯ ބޭންކިންގ އޮޕަރޭޓިންގ ލައިސަންސް ދިނުމަށްޓަކައި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އިން އެކަމާ ގުޅޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވެއެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް އެކުލަވާލައި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން ނިންމެވި ނިންމެވުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މިކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގިނަވެގެން އެއް ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށެވެ. ހަމައެހެންމެ އީ-ކޮމަރސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމާއި، އެފަދަ އެހެން ޕްލެޓްފޯމްތަކުގެ އެކްސެސް ހޯދުމުގެ ގޮތުން އެފަދަ ޚިދުމަތްތައް ދޭ އެހެން ފަރާތްތަކާއެކުވެސް މަސައްކަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ޑްރާފްޓުކުރުމާއި، ސައިބަރ ސެކިއުރިޓީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ތުރުކީވިލާތާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވެއެވެ.

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި، ކުޑަ އިންޓަރެސްޓުގައި ލުއިލޯނު ސްކީމެއް ހިންގުން.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން މި ކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މި ކަމާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި އިތުރަށް ތަފްޞީލުކޮށް މަޝްވަރާކުރެއްވުމަށެވެ. އެގޮތުން ޑިވެލޮޕްމަންޓް ބޭންކާއި އެހެނިހެން ބޭންކްތައް މެދުވެރިކޮށް ސޯޝަލް ހައުސިންގ ލޯނުތައް ދޫކުރެވޭނެ ގޮތްތަކެއް ހޯދައި، ދެނެގަނެ، ބޯހިޔާވަހިކަމަށް ސަރުކާރުން ތަޢާރުފުކުރުމަށް ކަނޑައަޅާފައިވާ ލޯނު ސްކީމްތަކެއް އޭގެ ތެރެއަށް ތަޢާރުފުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ތަފްޞީލުކޮށް މަޝްވަރާކުރުމަށް ވަނީ ނިންމަވާފައެވެ.

އަދި ހަފްތާ 14 ގެ 100 ދުވަހުގެ ތެރޭގައި މި ލޯނު ސްކީމްތައް އެކުލަވާލައި އެކަން ފާސްކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް އަލުން ހުށަހެޅުމަށްވެސް ނިންމަވާފައިވެއެވެ.