ސަރުކާރުގެ ވަޢުދާ އެއްގޮތަށް ދިރާސީ އައު އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުގެ ނިންމުމާއި އަދި ރައްޔިތުންނަށް މުހިންމު އިތުރު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުންތައް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ކަންކަމާ ގުޅޭ ވުޒާރާތަކުން ހުށަހެޅުއްވި ކަރުދާސްތަކުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ބައެއް ނިންމެވުންތައް ތިރީގައި އެވަނީއެވެ.
ދިރާސީ އައު އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލު ކުރެއްވުމަށާއި، ސްކޫލްތަކުގެ އަހަރީ ބޮޑު ޗުއްޓީ ޑިސެންބަރުމަހަށް ބަދަލުކުރެއްވުން
މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތަޢުލީމީ ކަލަންޑަރަށް ގެނެވޭ ބައެއް އިސްލާޙްތަކާއެކު ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެކަން ހާޞިލުކުރެވޭގޮތަށް ބަދަލުތައް ގެނައުމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެންބަރުމަހުގައި ލިބޭގޮތަށް އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށިގެންދާ ގޮތަށް މިބަދަލުތައް ގެންނަވާފައިވެއެވެ. މި ބަދަލުތައް ގެނައުމުން، ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް ލިބޭގޮތަށް އަދި ޑިސެންބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ލިބޭގޮތަށް ބަދަލުވެގެންދާނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުންސިންގ ކެޓަގަރީއެއް ކަނޑައެޅުއްވުން
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ އަރބަން ސެންޓަރުތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ޚާއްޞަ ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ކައުންސިލް ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދާނަމަ، އެ މަޝްރޫޢުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށް، އެ ސަރަހައްދެއްގައި އެ މުވައްޒަފުންނަށް ހައުސިންގ ފުރުޞަތު ލިބޭނެގޮތް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.
ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ޚާއްޞަ ޤައުމީ ހެލްޕް ލައިނެއް ޤާއިމުކުރުމަށް ނިންމެވުން
މިނިސްޓްރީ އޮފް ހެލްތުން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ނިންމަވާފައިވަނީ މިކަމަށް ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. ވަށާޖެހޭ ހައްލެއް ގެނައުމުގެ ގޮތުން މި ހެލްޕްލައިނަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ގާއިމުކޮށްފައިވާ ފެންވަރަށް، ސަލާމަތީ ހުރިހާ ޚިދުމަތްތަކެއް އެއް ނަންބަރަކުން ލިބިދޭ ގޮތަށް ކަނޑައެޅުމާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި ގުޅޭނެ ހެލްޕް ލައިނެއްގެ ގޮތުގައި ބައްޓަންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަލުން ވަޒީރުންގެ މަޖީލީހަށް ހުށަހެޅުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ޚާއްޞަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ނިންމެވުން
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި މިފަދަ ތަނެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އަދި މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތް ބެލުމަށާއި އަދި އެގޮތަށް އެކަން ނުކުރެވޭނަމަ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި އިމާރާތް އެޅުމަށް ގޮތެއް ހޯދުމަށްވެސް މިއަދު ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.