ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިކަމާބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ވަނީ މިނިސްޓްރީއޮފް ހެލްތާއި މޯލްވިއަންއާ ގުޅިގެން 2024 މާރިޗް މަހުން ފެށިގެން މި ޚިދުމަށް ފެށުމަށް ނިންމަވާފައެވެ. އެގޮތުން މޯލްޑިވިއަންއާ ގުޅިގެން މިކަމަށް ޚާއްޞަ ދެ އެއަރ އެމްބިއުލަންސް ބޭނުންކުރުމަށާއި މި މަޝްރޫޢު ކުރިޔަށްގެންދަވާނީ މިހާރުވެސް މިނިސްޓްރީ އޮފް ހެލްތުގައި އެމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތްދިނުމަށް ކަނޑައަޅާފައިވާ ޑިޕާޓުމަންޓުން ކަމުގައިވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

އެއަރ އެމްބިއުލާންސް ތަޢާރަފުކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭކަމެކެވެ.