ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރިޕަބްލިކް އޮފް މޮންޓަނޭގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މޮންޓަނޭގްރޯގެ ޑަންލޮވް-ގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24-26 އަށެވެ.

މި ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުދައްކަވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ.

ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.