ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ހަމަޖެއްސެވި މަސައްކަތްތައް މި ދެންނެވުމާއެކު އެވަނީއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް

1.        ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 

2.        ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން. 

3.        ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުން. 

4.        ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި، އެ ފަންޑު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން. 

5.        ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން. 

6.        ރާއްޖޭގެ މާޙައުލުގައި ޒަކާތާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމަށް ދިރާސާތައްކުރުމާއި، އެފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން. 

7.        ޒަކާތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން. 

8.        ޒަކާތާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 

9.        ޒަކާތު ފަންޑުން އިންވެސްޓްކުރަމުންދާ ގޮތުގެ މައުލޫމާތާއި، ޒަކާތު ފަންޑާބެހޭ އާންމު މައުލޫމާތާއި، ޒަކާތް ދައްކާ ފަރާތްތަކާއި، ޒަކާތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ތަފާސް ހިސާބާއި، ޒަކާތުގެ ގޮތުގައި ބަލައިގަނެވޭ ތަކެއްޗާއި، ފައިސާއާގުޅޭ ތަފާސް ހިސާބާއި، ޒަކާތާގުޅޭ އެހެނިހެން ތަފާސް ހިސާބު އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މައުލޫމާތު ހާމަކުރުން. 

10.    ޒަކާތާ ގުޅުންހުރި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން. 

11.    ޒަކާތާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެފަދަ ޕުރޮގުރާމުތައް ރާވައި ހިންގާ ފަރާތްތަކަށް، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.