ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާއިރު މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، އަދި ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ.

"ހަމަ އެހެންމެ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއް ބަންދުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން މިފަދަ ސައިޓުތަކަށް ނުވަދެވޭ ގޮތަށް މުޅިން ބަންދުކޮށްލެވޭނެ ކަން އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.