ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ހަމައެކަނި ގެޒެޓުގައި ޝާއިޢު ކުރައްވަން ފެށްޓެވުމުން، ސަރުކާރުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ސަލާމަތް ކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، އެ އޮފީހުން ގެޒެޓް ނެރުއްވަން ފެށްޓެވިތާ މިއަދު 1 އަހަރު ފުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. މިއަދު ޝާއިޢު ކުރެއްވި ދިވެހި ސަރުކާރުގެ ގެޒެޓުގެ ވޮލިއުމް 39ގެ 20 ވަނަ އަދަދުގައި މި ބަޔާންވަނީ ޝާއިޢު ކުރައްވާފައެވެ.

މި ބަޔާނުގައި ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ހަމައެކަނި ގެޒެޓުގައި ޝާއިޢު ކުރައްވަން ފެށްޓެވުމަކީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުއްވަން ފެށްޓެވި ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، ގެޒެޓްގެ މަޤްބޫލުކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން އެއީވެސް، މި މަސައްކަތުގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވަމުންދާ ކަމެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓުގެ ފުރަތަމަ އަދަދު ޝާއިޢު ކުރެއްވީ، 2009 ފެބްރުއަރީ މަހުގެ 18ވީ ބުދަ ދުވަހުއެވެ. އޭގެކުރިން މި މަސައްކަތް ކުރެއްވީ، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުންނެވެ.

ގެޒެޓް ފުރަތަމަ ނެރުއްވީ ކޮންމެ ބުދަ ދުވަހަކު ކަމުގައިވިޔަސް، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކުގައި ޝާއިޢު ކުރެއްވުން، 1 ސެޕްޓެމްބަރ 2009ން ފެށިގެން ހުއްޓަވާލައްވައި، އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން ގެޒެޓް ނެރުއްވަމުން ގެންދަވަނީ، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ.

މިވޭތުވެދިޔަ އަހަރުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢު ކުރުމަށް 3163 ލިޔުން ލިބިފައިވެއެވެ. އެންމެ ގިނައިން ލިބިފައިވަނީ، ސަރުކާރުގެ އެކިއެކި ތަންތަނުގެ މަސައްކަތް ކުރުވުމަށް ކުރެވުނު އިޢްލާނުތަކެވެ. ދެން އެންމެ ގިނައިން ލިބިފައިވަނީ، ލިބެންހުރި ވަޒީފާއާބެހޭ އިޢްލާނުތަކެވެ. ތިންވަނައަށް، އެކިއެކި ކަންކަމާބެހޭ މަޢްލޫމާތު ހާމަކުރުމުގެ ގޮތުން ކުރައްވާފައިވާ އިޢްލާނުތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާ ޤާނޫނުތަކާއި، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އެކި ގަވާއިދުތައްވެސް ގެންދަވަނީ ގެޒެޓްގައި ޝާއިޢު ކުރައްވަމުންނެވެ.