بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަލުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ބޭރުގެ އެކިއެކި ސަފީރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރީން، ދިވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ލޮބުވެތި ދިވެހި ރައްޔިތުން!

މިއަދު ޤައުމީ ފެންވަރުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ، 1445 ވަނަ އަހަރުގެ ހުރަވީ ދުވަސް. މި ރަސްމިއްޔާތުގައި ތަކުރާރުކޮށް އިވިގެން ދިޔަ ފަދައިން، ހުރަވީ ދުވަހަކީ އުތުރު ކަރައިގެ ހޮޅީންނާ ހަނގުރާމަ ކުރައްވައި ދޮންބަންޑާރައިން، ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން، ދިވެހި ދައުލަތަށް ނަޞްރު ހޯއްދަވައިދެއްވި ފަޚުރުވެރި ދުވަސް. މި ދުވަހަކީ ދިވެހި ތާރީޚު އަޅުގަނޑުމެންނަށް މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ ދުވަހެއް. މުހިންމު ޢިބްރަތްތަކެއް ޙާޞިލުކޮށްދޭ ދުވަހެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މި ހާދިސާ ހިނގައިފައިވަނީ، ހިޖުރައިން 1166ވަނަ އަހަރުގެ ޞަފަރު މަހުގެ 13ވަނަ ވިލޭރޭ. މިއީ ދިވެހިރާއްޖެ ތަޖުރިބާކުރި ނުރައްކާތެރި ޢުދުވާނެއް. ދިވެހީންގެ މަދު ބަޔަކާއި ބޭރުގެ ބަޔަކާ ގުޅިގެން ދިވެހި ޤައުމާ ދެކޮޅަށް ހިންގި ވަރަށް ބޮޑު ޖަރީމާއެއް. މި ދުވަސް ދިވެހި ޤައުމީ ޙަޔާތުގެ ޚާއްޞަ ޙަޤީޤަތްތަކެއް ބުނެދޭ. ދިވެހި ސިޔާސީ މާޒީގެ މުހިންމު ފިލާވަޅުތަކެއް މި ޒަމާނަށް ގެނެސްދޭ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް އެބަ ފެނޭ. ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރު. ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތްތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު. މި ޙާލަތުގައި މި ހާދިސާގެ ދެފަރާތަށް ބަލައިލަން އަޅުގަނޑު ބޭނުންވޭ. އެންމެ ފުރަތަމަ، މައްސަލައިގެ އަނދިރިފަރާތް. ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން. ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވި. ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން. އަދި އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން. މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން. ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްޞަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް.

ދެން އަޅުގަނޑު ދަންނަވާލާނީ ހުރަވީ ދުވަހުގެ އަލިފަރާތް. ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން. ފާހަގަކުރެވޭ ޙަޤީޤަތަކީ މި ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަން. އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަން. މި ޙަޤީޤަތް ޔަޤީންވެ ކަށަވަރުވާ އެއް ކަމަކީ ހަނގުރާމައިން ނަޞްރު ލިބިވަޑައިގަތީމާ ވެސް ތަޚުތު ގަބޫލު ނުކުރެއްވިކަން. ހަމަ އެހެންމެ، ރައްޔިތުންގެ ފަރާތުން ވެދުމަކަށް އެރުވި ފައިސާގައި ވެސް ބީހިވަޑައިނުގަތްކަން. އެނގިވަޑައިގަންނަވާނެ ފަދައިން، ހޮޅިން ބަލިކުރެއްވުމަށް ފަހު، ދައުލަތް ހިންގަވަން ހަވާލުކުރެއްވީ، ކުރިން ހުންނެވި ރަސްގެފާނުގެ ބޭފުޅުންނާ. ދޮންބަންޑާރައިން ތަޚުތުގައި އިށީނދެވަޑައިގަތީ، ކުރީގެ ރަދުންގެ ދެ ބޭފުޅުން ވެސް ތަޚުތާ ދުރަށް ވަޑައިގެން ދޮންބަންޑާރައިންނަށް ތަޚުތު ހުށަހެޅުއްވުމުން. އެހިނދަށް އެމަނިކުފާނު ފިޔަވައި އެކަށޭނަ އެހެން އެއްވެސް މީހަކު ނެތްކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން އެ ނޫން ގޮތެއް ނެތިގެން.

މި ގޮތުން ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ އިޚްލާޞްތެރިކަމާއި މާތް އަޚްލާޤަކީ މި ހާދިސާގައި ތާރީޚުގެ އަލިފަރާތުން ފެންނަ ވަރަށް އުޖާލާ މިސާލެއް.

ހުރަވީ ދުވަހުގެ ބަޠަލުގެ މާތް އަނެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ޤައުމާ އެއްކޮޅަށް ނިންމަވާކަން. އަދި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަން. މީގެ މިސާލަކީ ހޮޅީންގެ ދުއްތުރާތައް ރާއްޖެއަށް އެކި ގޮތްގޮތަށް އައުން ގިނަވާން ފެށީމާ، އެ ދުވަސްވަރު މި ސަރަހައްދަށް ނުފޫޒުފޯރުވަމުން ގެންދިޔަ ފަރަންސޭސީންނާ ވާހަކަދައްކަވައި، ދޮންބަންޑާރައިންގެ އިސްނެންގެވުމަށް ފަރަންސޭސިންނާއެކު ދިވެހި ދައުލަތުންވި އެއްބަސްވުން. މި އެއްބަސްވުން އެކުލަވައިލެއްވުމުގައި ދޮންބަންޑާރައިންގެ ވިސްނުންފުޅަކީ ހޮޅީން ދޭތެރެދޭތެރެއިން މާލެއަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް އަރައި ގެއްލުންތައް ދެމުން އަންނަ އައުމުން ދިވެހި ޤައުމު ސަލާމަތްކުރެއްވުން. ނަމަވެސް، ތާރީޚުން އެނގޭ ގޮތުގައި މި އެއްބަސްވުން ބިނާވެފައި އޮތީ ފަރަންސޭސީންނަށް ދިވެހި ދައުލަތުގެ ބާރުތައް ފަހަނައަޅައި ނުދެވޭގޮތަށް. ދިވެހީންގެ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ފަރަންސޭސީން ކަމޭހިތަން ޖެހޭ ގޮތަށް. ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހައި ކަމަކާ ގުޅޭ ބާރާއި އިޚްތިޞާޞެއްގެ ޙައްޤު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް. ފަރަންސޭސީންނަށް އެއިން ކަމަކާ ޚިލާފުނުވެވޭގޮތަށް. އަދި ކީއްތޯ؟ އެ ކަންކަމަށް ފަރަންސޭސީން ކުޑަވެސް ޚިލާފެއް ވެއްޖެއްޔާ އެ އެއްބަސްވުން ބާޠިލުވާ ގޮތަށް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

މި ދަންނަވާލެވުނީ ގާތްގަނޑަކަށް މީގެ 270 އަހަރު ކުރީގެ ވާހަކައެއް. އޭރު ދުނިޔޭގެ ބޮޑު ބާރަކާއެކު ދިވެހި ދައުލަތުން ގުޅުމެއް އުފެއްދި އިރު، ދިވެހި ދައުލަތުން ހިފަހައްޓަވައިފައިވާ ހަރުދަނާ ގޮތްތަކުގެ ވާހަކަ. މި ދައުލަތުގެ ސަލާމަތަށް ޓަކައި އެހެން ބާރެއްގެ އެހީ ހޯއްދެވި އިރު ވެސް، ދިވެހި ދައުލަތުގެ ސިޔާދަތީ ހުރިހައި ބާރެއް ދިވެހި ދައުލަތުގެ ފަރާތުން އޭރުގެ ރަސްގެފާނު ދޮންބަންޑާރައިން ކަށަވަރުކުރެއްވި ހިތްވަރުފުޅު ގަދަ އާދަޔާ ޚިލާފު ޙަޤީޤަތުގެ ވާހަކަ. މި ހުންނަނީ ވަރަށް ބޮޑެތި ފިލާވަޅު. ގައިމު ވެސް މީގެ ދުއިސައްތަ އެތައް އަހަރެއް ކުރިން، މީލާދުން 1750ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެ އަދި މާ ފަގީރުވާނެ. މާ ނިކަމެތިވާނެ. އޭރު އަވަށްޓެރި ބައްރެއްގައި އޮތް ދައުލަތަކުން އެ ދިޔައީ ރާއްޖެއަށް މެދުނުކެނޑި ގޯނާ ކުރަމުން. އެހާލަތުގައި އެ ކަމުން ސަލާމަތްވާން ފަރަންސޭސީންގެ އެހީތެރިކަމަށް މި އެދުނީ މި ކުޑަކުޑަ ދިވެހިރާއްޖެއިން. ދިވެހި ދައުލަތުން. އެކަމަކު ވެސް އެ ޙާލަތުގައި ވެސް ދިވެހީން ދިވެހީންގެ ދިވެހިވަންތަކަން ކަށަވަރުކޮށްދީފި. ދައުލަތެއްގެ ގޮތުގައި ދިވެހީންގެ ހުރި ސިޔާސީ ފުދުންތެރިކަން ސާބިތުކޮށްދީފި. ދިވެހި ޤައުމާ އެއްކޮޅަށް ހުރިހައި ނިންމުމެއް، ހުރިހައި އެއްބަސްވުމެއް ކަނޑައެޅުމުގެ ޤާބިލުކަމާއި ސާބިތުކަމާއި ކެރުމާއި އީމާން މި ކަމުން އެބަ ދައްކައިދޭ. އެހެންވީމާ، މިއީ ވެސް ހުރަވީ ދުވަހުގެ ބަޠަލާ ގުޅޭ ޚާއްޞަ ފިލާވަޅެއް. ދިވެހިރާއްޖޭގެ ސަލާމަތް އޮތީ މި ގޮތުގައި.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު ވިދާޅުވިހެން ދޮންބަންޑާރައިން ޖިހާދަށް ނިކުމެވަޑައިގަންނަވަމުން ކުރެއްވި ދުޢާފުޅު ތާރީޚުން ފެންނަން އެބަ އޮތް. އެ ދުޢާފުޅުގެ އިތުރަށް ދަންނަވަންތޯ؟ އެ ހާދިސާ ހިނގުމުން ހޮޅިންގެ ހަމަލާއިން ރާއްޖެ ސަލާމަތްވުމަށް ފަހު، އެ ކަން ހިނގައި ދިޔަ ގޮތުގެ ތަފުސީލު ހިމަނައި ސިލޯނު ސަރުކާރަށް ދިވެހި ރަސްކަމުގެ ފަރާތުން ފޮނުއްވި ފަތްކޮޅެއް ވެސް ފެންނަން އެބަ އޮތް.

ދިވެހި ދައުލަތުން ސިލޯނުގެ ސަރުކާރަށް ފޮނުއްވި މި ފަތްކޮޅު ލިޔުއްވައިފައި އޮތީ ދިވެހި ބަހުން. ދިވެހި ތާނަ އަކުރުން. އެ ފަތްކޮޅުގައި މި ކަން ހިނގައިދިޔަ ގޮތް ސިލޯނު ސަރުކާރަށް ޚަބަރުކުރެއްވުމަށް ފަހު، އެ ސަރުކާރުގެ ސަރަހައްދުގެ ތެރޭގައި ނުވަތަ އިމުގެ ތެރޭގައި ދިވެހި ދައުލަތާ ޢަދާވާތްތެރި ބަޔަކު ނުވަތަ މީހަކު އުޅޭ ނަމަ ދިވެހި ދައުލަތަށް އަންގަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައިވޭ. ހަމައެހެންމެ، ހަނގުރާމައަށް ނިކުމެވަޑައިގަންނަވަމުން ދޮންބަންޑާރައިން ބައްލަވައިގަތް ނަދުރުފުޅުގައި ނުވަތަ ކުރެއްވި ދުޢާފުޅުގައި ކީރިތި ﷲއަށް ދަންނަވައިފައިވަނީ ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލަހައްޓަވައިދެއްވާނދޭވެ! އަޅުގަނޑުމެންގެ ދުޢާއަކީ ވެސް އަދި ޤައުމަށް ވަފާތެރި ކޮންމެ ދިވެހި ދަރިއެއްގެ ދުޢާއަކީ ވެސް އިރާދަކުރެއްވިއްޔާ މިއީ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް އޮތުން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

ހުރަވީ ދުވަހުގެ ހާދިސާއިން އަޅުގަނޑުމެންނަށް މި ފެންނަނީ ކޮން ކަހަލަ މާތް ޝަޚްޞިއްޔަތެއްތޯ؟ ކޮން ފަދަ ހަރުދަނާ ދިވެއްސެއްތޯ؟ އެއީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތި، އަމިއްލައަށް އިސްނަގައިގެން، ދިވެހިރާއްޖޭގެ ބޭރާއި އެތެރޭގެ ދުޝްމަނުންނާ ކުރިމަތިލައި ރާއްޖެއަށް ނަޞްރު ހޯދައިދިން ތެދުވެރި ދިވެހި ދަރިއެއް. އެއީ ރަސްކަމާއި އާރާއި ބާރު ލިބިވަޑައިގަތުމުން ރާއްޖެ ސަލާމަތްކުރެއްވުމުގައި ބޭރުގެ ބާރުތަކާއެކު ސިޔާސީ މުޢާހަދާތައް ކުރެވުނު އިރު ވެސް، ލޮލުގެ ކޮއި ފަދައިން ދިވެހި ފަސްގަނޑުގެ ސަލާމަތާ މެދު ސަމާލުވެވަޑައިގަތް އަމާނާތްތެރި ވެރިއެއް. އެއީ ރާއްޖެ ކުޑަ ކަމުން އާބާދީ މަދުކަމުން ފަގީރުކަމުން ހަމަ އިންޗިއެއް ވެސް ފަހަށް ޖެހިވަޑައިނުގެން ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުގައި ދިވެހީންގެ ވުޖޫދު ކަށަވަރުކޮށްދެއްވި ހިތްވަރު ގަދަ ޢިއްޒަތްތެރި ސިޔާސީ ލީޑަރެއް. ހަމަ އެހެންމެ، އެމަނިކުފާނުގެ ދުޢާފުޅުން އެ ފެންނަނީ މި ކަންކަން މިހާ ފުރިހަމަ ކޮށް އޮތް ސަބަބު. އެއީ ދިވެހިރާއްޖޭގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިފައިވާ މަތިވެރި ޤައުމީ ލޯބި. ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ހަޟްރަތުގައި މުނާޖާ ދެންނެވުމުގައި ހުރި ދިވެހި ޤައުމިއްޔަތުގެ ފުރިހަމަ އަސަރު.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

ޤައުމެއް ސަލާމަތްކުރުމުގައި ޤައުމީ ލޯބި މުހިންމުވަނީ މިހެންވެގެން. ޤައުމަކަށް ދައުލަތެއް ލިބެނީ އެ ޤައުމެއްގެ އަތުގައި ބިމެއް އޮވެގެން. އެ ބަޔަކުގެ ބާރުގެ ދަށުގައި އެބަޔަކު ދިފާޢުކުރާ ވަޠަނެއް ނުވަތަ ބިމެއް އޮވެގެން. އެހެންވީމާ، އެ ބިން ދިފާޢުކުރުމުގެ ރޫޙާއި ކެރުމާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމުގެ ޤާބިލުކަން އެ ޤައުމެއްގައި އުފައްދަންޖެހޭ. އަށަގަންނަވަންޖެހޭ.

އަޅުގަނޑު މި މަޤާމާ ހަވާލުވެ ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ވާހަކަދެއްކި ދުވަހު އަޅުގަނޑުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ހާމަކުރިން. އެ ސިޔާސަތު ބިނާވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ދެންނެވިން. އަދި އިންސާނީ ބިނާކުރުމަކީ ސިކުނޑި ބިނާކުރުން ކަމަށް ދެންނެވިން. ސިކުނޑި ބިނާކުރުމުގައި ޤައުމާ އެއްކޮޅަށް ހަރަކާތްތެރިވާ ނުވަތަ ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެކަމަށް އަޅުގަނޑު ދެންނެވިން. މި ކަމުގައި ދައުލަތުގެ ހުރިހައި މުއައްސަސާއެއް ބައިވެރިވާނެ. ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމަށް އަޅުގަނޑު އެދުނިން. މިއަދު މި ވަގުތު ވެސް އެދެން. މިކަމާ ގުޅޭ ޚާއްޞަ މަޝްރޫޢު ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު އިރާދަކުރެއްވިއްޔާ ކާމިޔާބު ކަމާއެކީ ކުރިޔަށްދާނެ. އެކަމަށް ޓަކައި ސަރުކާރުގެ ހަފުތާ 14 ތެރޭގައި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ޤައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ. ހަމަ އެހެންމެ، މަދުރަސާ ކުދިންގެ މަންހަޖުގެ ތެރެއަށް ޤައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެ. ބޭނުމަކީ ދިވެހި ކުދީންނަށް ދެވޭ ތަޢުލީމަކީ ދިވެހިރާއްޖެއަށް ޓަކައި ދެވޭ ތަޢުލީމަކަށް ހެދުން. ދިވެހި ދަރީން ބިނާކުރުމަށް ޓަކައި ދެވޭ ތަޢުލީމަކަށް ހެދުން. ދިވެހި ފަސްގަނޑާއި ވަޠަން ދެކެ ލޯބިވާ ޖީލެއް އުފެއްދުން. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހި ޤައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތާ، ތިމާއަށް ވުރެ އިސް މީހާއަށް ޤަދަރުކުރާ ޤައުމަކަށް ހެދުމަށް ވަރަށް ހިންމަތްކުރަންޖެހޭ. ތަހުޒީބަކީ ތަރައްޤީއަކީ އެއީ. މި ކަންކަން ކުރިޔަށް ގެންދެވޭނީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެން. ސަބަބަކީ މިއީ ހައްތާ ވެސް ދިވެހި ޤައުމިއްޔަތުގެ ސިފަތައް. އެ ޤައުމިއްޔަތުގެ ނާރެހަކީ ނުވަތަ މަދަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމީ ތަރުބިއްޔަތު.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން. ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން. އިރާދަކުރެއްވިއްޔާ އެ ގޮތުގައި އަޅުގަނޑު ދެމި ހުންނާނަން. ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރާނަން. އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވަން. ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އަޅުގަނޑު ވަރަށް ފިކުރުކުރަން. އެ ކަމަށް ޓަކައި އަޅުގަނޑު އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް ޓަކައި އަދި ﷲގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު އަދާކުރާނަން.

މި ގޮތުން ބައެއް ވާހަކަ ދަންނަވާލަން ގަސްތުކުރަން. ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް. ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރޭ. މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، ވެރިޔާގެ މައްޗަށް ލާޒިމުކުރޭ. ހަމަ އެހެންމެ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ.

މި ސަރުކާރުން ބޭނުންވަނީ ޤާނޫނު ނަގަހައްޓަން. މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދޭން. އިސްލާމްދީނުގެ މާތް ސިފަތަކަށް އަޅުގަނޑުމެން ހުރިހައި ދިވެހީން އަހުލުވެރިވާން. މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދު. އެހެންކަމުން، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ނަސޭހަތްތެރިވަން. ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް. ޝައްކެއްނެތް. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ޤައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ.

މީގެ އިތުރަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ދުލުގެ ސީދާކަން. ވަޢުދަށް ކަމޭ ހިތުން. މުނާފިޤުންގެ ސިފަ ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ މުނާފިޤުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށް. ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދާ ޚިލާފުވެ ޚިޔާނާތްތެރިވާނެކަމަށް.

އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ އަޅުގަނޑު ވެއްޖެ ވަޢުދަކަށް އަޅުގަނޑު އަމާނާތްތެރިވާނަންކަން. މިސާލަކަށް، އިހަށް ދުވަހު ފާއިތުވެގެން މި ދިޔައީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ އަމާޒު. އެއީ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެކަމަށް އަޅުގަނޑު ވަޢުދުވި ކަންކަން. މާތް ﷲގެ އިރާދަފުޅުން އެ މުއްދަތުގެތެރޭގައި ނިންމާނެކަމަށް ކެންޕޭނުގައި އަޅުގަނޑު ދެންނެވި ހުރިހައި ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅިވަރަށް އަޅުގަނޑުމެން އެވަނީ ނިންމާފައި. އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް، ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އެންގިން. އަދި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް އެބަދޭ. އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ޔަޤީންކަމަކީ އިންޑިޔާ ސިފައިން އަނބުރާ ރާއްޖެއިން ގެންދާނެކަން. އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވާ ކަށަވަރުކަމަކީ އިރާދަކުރެއްވިއްޔާ ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަން. އިރާދަކުރެއްވިއްޔާ އެކަން ޙާސިލް ކުރާނަން. ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަޞްލަޙަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ޙައްޤެއް. ދިވެހީންގެ ޤައުމީ ވާޖިބެއް. އެ ސަބަބަށް ޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން. އެކަމުގެ ޤާބިލުކަން ދިވެހި ސިފައިންގައި އަށަގެންނެވުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެންގެ ސަރުކާރުވާނީ މި 14 ހަފުތާގެ ތެރޭގައި ފަށައިފައި. އެ ކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް، މިހާރު ފެށިގެން ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަން. މީގެ އިތުރަށް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އަޅުގަނޑުމެން ވީ ވަޢުދަށް ވެސް ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ ވަފާތެރިވަމުން. ހަމައެހެންމެ، ހަފުތާ 14ގެ ތެރޭގައި މަސްވެރީންނަށް ޓަކައި ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް އެވަނީ ފެށިފައި. ފައިސާ ޗާޕުކުރުން ހުއްޓާލާނެކަން އެއީ ވެސް އަޅުގަނޑުވީ ވަޢުދެއް. އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފިން. ހަމަ އެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް އެ ދަނީ ކުރިޔަށް. މިފްކޯއަކީ މަސްވެރިންގެ ބަސްހިމެނޭ ސަތޭކަ އިންސައްތަ ދައުލަތުގެ ކުންފުންޏަކަށް ހަދަން ކެބިނެޓުން ދާދި ފަހުން ފާސްކުރެއްވުމަކީ ވެސް މިފަދައިން ނިމިގެން ދިޔަކަމެއް. 1000 ފަގީރުން ޙައްޖަށް ފޮނުވުމުގެ ވަޢުދުގެ ތެރެއިން ފުރަތަމަ ޙައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތްތައް ވެސް އެވަނީ ފާސްކުރެވިފައި. ޒަކާތު ހައުސް އުފައްދަން ކެބިނެޓުން ފާސްކުރައްވައި، އެ މަސައްކަތް ވެސް އެ ދަނީ ހިނގަމުން. ހަމަ މިއާއެކު، ތެލަސީމިޔާ ބަލިހުންނަ ކުދީންނަށް މަތީފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމާއި، ވަކިން ޚާއްޞަކޮށް، ސަރުކާރުގެ ޚަރަދުގައި އެ ކުދިންގެ ބޯންމެރޯ ހެދުމުގެ އިންތިޒާމު އެދަނީ ހިނގަމުން. ފުރަތަމަ ކުއްޖާ މިހާރުވަނީ ފޮނުވިފައި. އަދި އިތުރު 4 ކުދިން ވަރަށް އަވަހަށް ފުރާނެ. ހަމައެހެންމެ، ދަރީން ނުލިބުމުގެ ހިތާމަ ތަޙަންމަލްކުރަމުންދާ ދިވެހިރައްޔިތުންނަށް އެކަމުގެ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހަމަޖެއްސުމުގެ ކަންކަން އެދަނީ ކުރިޔަށް. ޚާއްޞަކޮށް، އާސަންދަ މެދުވެރިކޮށް އައި.ވީ.އެފް. ހެދުމުގެ ފުރުޞަތު އެ ދަނީ ފަހިވަމުން. މީގެ އިތުރަށް، ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލްޗެކަޕް، ކޮންމެ އަހަރަކު ދެ ފަހަރު ހެދޭ ގޮތް ހަމަޖެހިގެން ދިޔުން ފަދަ ކަންކަމަކީ 4 ވަނަ ހަފުތާއާ ހަމައަށް އައި އިރު ކަނޑައެޅިފައިވާ މިންވަރަށް ކުރިޔަށް ގެންދެވި ނިމިފައި ހުރި ކަންކަން. ގެދޮރުވެރިކަމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމުގައި ވެސް އަޅުގަނޑު ވީ ވަޢުދާ އެއް ގޮތަށް ފުލެޓުތަކާ ގުޅޭ ގޮތުން އެތައް ލުއިތަކެއް އެވަނީ ތަޢާރުފުކުރެވިފައި. މިސްކިތްތައް އާބާތުރަ ފިލުވައި ރީތިކުރުން އިހަށްވުރެ ތިން ގުނައަށް އިތުރުކުރުމަށް ޓަކައި ވީ ވަޢުދާ އެއްގޮތަށް އެކަމުގެ ބަޖެޓަށް ވެސް 15 މިލިޔަން އެ ވަނީ އިތުރުކުރެވިފައި. މިއަދު އަޅުގަނޑު އުފާކުރަނީ ހަފުތާ 14ގެ ހުރިހައި ވަޢުދެއް ހަތަރުވަނަ ހަފުތާގެ ލަނޑުދަނޑިތަކާ އެއްވަރަށް އަކުރުން އަކުރަށް ފުރިހަމަވެފައިވާތީ. ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ ލިބެމުންދާތީ. އަދި ލިބެމުންދާނެތީ. ކުރިޔަށް އޮތް ހަފުތާތަކުގައި ވެސް އަދި އިރާދަކުރެއްވިއްޔާ މުޅި މި ދައުރުގައި ވެސް، އަޅުގަނޑުވެފައިވާ ވަޢުދުތައް އަޅުގަނޑުމެންގެ ހީވާގި، މުރާލި ޓީމުން ފުއްދަމުން ގެންދާނަން. މިސާލަކަށް، އިސްލާމީ ސިފަތަކާއި، ޒަމާނީ ދިއްލުންތަކުން ދިވެހީންގެ އީދު ޒީނަތްތެރިކުރުމަކީ ވެސް އަޅުގަނޑުގެ ކެމްޕޭނުގެ ވަޢުދެއް. މިހާރު އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. ކަމާބެހޭ ތަކެތި ރާއްޖެއިން ބޭރުން ގެނެސް، ކުރިޔަށް އޮތް އީދުގައި މާލެއާއި، ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާ ރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހައްދައިލެވޭނެ. ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ. މީގެ އިތުރަށް، ގެދޮރުވެރިކަމާއި އިޤުތިޞާދީ ފުދުންތެރިކަމާއި އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫއެއްގެ ހިތްފަސޭހަކަން އިރާދަކުރެއްވިއްޔާ ދިވެހީން ލަހެއްނުވެ ތަޖުރިބާކުރާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަހުޒީބު މުޖުތަމަޢެއްގައި ވަޢުދަށް ކަމޭ ހިތާނެ. ދީނަށް ތެދުވެރިވާނެ. ޤައުމަށް ވަފާތެރިވާނެ. ހަމަޖެހުމާއި އެންމެން ގުޅިން އުފާވެރިކަމާއެކު ދިރިއުޅުމަށް ލޯބިކުރާނެ. މާޒީއަށް ބަލާއިރު، ދިވެހި ވަންތަކަމުގެ ރަންޒަމާނުގައި ދިވެހި ޤައުމިއްޔަތު އޮތީ މި ފަދައިން. އަޅުގަނޑުމެން ބިނާކުރާ ދިވެހިރާއްޖެއިން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ކުރިއަރައިފައިވާ ޒަމާނީ ބިނާތައް. ހަމަ އެހެންމެ، އަޅުގަނޑުމެން ބިނާކުރާ ދިވެހި ޤައުމުން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ތަހުޒީބު ރަނގަޅު މާތް އިސްލާމީ ރީތި ހުރިހައި ސިފައެއް. އެއީ ތިޔައިން ކޮންމެ ދިވެހި ރައްޔިތެއްގެ ހިތްހަމަ ޖެހުމާއި އުފާވެރިކަމަށް ޓަކައި.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

ދިވެހި ޤައުމިއްޔަތުގެ ހަރުދަނާ ބަހާތައް ދިވެހީންގެ ކިބައިގައި އަށަގަތުމުން އަމާނާތްތެރިކަން ފަދަ ރީތި ސިފަތައް ދިވެހީންގައި އަށަގަންނާނެކަމުގައި އަޅުގަނޑު ދަންނަވައިފިން. ހުރަވީ ދުވަހުގެ ހާދިސާ މި ކަމަށް ހެކި އެބަ ދައްކާ އިނގޭތޯ؟ ބައްލަވާ! ތާރީޚުން އެނގޭ ގޮތުގައި ހޮޅީން މާލެއަރައި އެ މީހުންނަށް ލިބުނު ދެތިން މަސްދުވަހުގެތެރޭގައި ސަތޭކައެއްހައި މީހުން ހަތިޔާރާއެކު މާލެ ބަލަހައްޓަމުން ދިޔަ. މި ވަރަށް އެމީހުން ފަރުވާތެރިވެގެން ތިއްބާ މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިން ސިއްރިއްޔާތުގައި ރޭވުންތަކެއް ރޭއްވެވި. ރަށުތެރެއިން އެކި ފުރައިގެ އެކި މީހުންނާ ވަކިވަކިން ވާހަކަފުޅުދެއްކެވި. އެއަށް ފަހު ޖަމާއަތްޖަމާއަތަށް ބައްދަލުވުންތައް ބާއްވަވައި، ހަމަލާދޭނެ ގޮތުގެ ރޭވުންތައް ރޭއްވެވި. ތިން މަސް ދުވަސްވީ އިރު މި ބޮޑު ރޭވުން އޮތީ ސިއްރެއްގެ ގޮތުގައި. އެހެން އެވީ އަމިއްލަ ފަސްގަނޑު ދެކެ ވެވޭ ލޯތްބެއްގެ ބޮޑުކަމުން، އެ ފަސްގަނޑަށް އަމާނާތްތެރިވުމުގެ ރޫޙު އެ ދިވެހީންގެ ކިބައިގައި އޮތްލެއް ވަރުގަދަކަމުންކަން ޔަޤީން. އަދި އެ ދިވެހީންގެ ހިތްތަކުގައި ދީނަށް އޮތް ޚާއްޞަ ޤަދަރެއްގެ ސަބަބުންކަން ކަށަވަރު. ވީމާ މި ފަދަ ހުރިހައި ކަމެއް ގުޅިފައި މި އޮތީ ދިވެހީންގެ ހިތްތަކުގައި ޤައުމަށް އަމާނަތްތެރިވުމުގެ ސިފަ ހަރުލުމާ. އަދި ޤައުމު ދިފާޢުކުރެވޭނެ ފަދަ ހުނަރާއި ވިސްނުމާއި ޤާބިލުކަން ހުރުމާ. އެއީ ޠަބީޢީ ގޮތުން ޤައުމީ ލޯބިން ކަސީދާވެފައިވާ ސިކުނޑިތަކެއް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ހާޒިރީން!

ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް.

އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.