ސަރުކާރުގެ ހަފުތާ 14 ގެ ފުރަތަމަ 4 ހަފުތާގައި ހާސިލްކުރުމަށް އަމާޒުހިފި ހުރިހާކަމެއް ސައްތައިން ސައްތަ ފުރިހަމަ ކޮށްފައިވާކަން ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ. ސަރުކާރުން މި މައުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިންނާއި ޢާންމުންގެ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ވެބްސައިޓުގެ ތެރެއިން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމާއި އަދި ނޫސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ހަފުތާ 14 ގެ މަސައްކަތް ފުރިހަމަ ކުރެވެމުންދާ މިންވަރު އަދާހަމަކޮށް ވެބްސައިޓުގައި މިއަދުން ފެށިގެން ހާމަކުރަމުން ގެންދަވާނެކަމުގައި ވެސް ޝަހީބު ވިދާޅުވިއެވެ.

ސަރުކާރަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން ފިރުޒުލް ވަނީ ހަފުތާ 14ގެ ތެރޭގައި މިހާރު 4 ހަފުތާ ފާއިތުވިއިރު، ޖުމުލަ 17 ކަމެއް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރައްވައި މިއަދުން މިއަދަށް ރައްޔިތުންނަށް ސީދާ ގޮތުން އޭގެ ލުއިކަން ލިބިގެންދާނެ ކަންތައްތަކާއި މިއަދު ތަންފީޒުވާން ފެށި، ކުރިޔަށް އޮތް ދުވަސްތަކަށް ދެމިގެންދާނެ ކަންތައްތައް ހިމެނޭކަން ހާމަކުރައްވާފައެވެ.

މިކަންކަމުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އެހެންޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުމަށް ހަފުތާ 14ގައި ހިމަނާފައިވާއިރު މިހާތަނަށް އެފަދައިން ފާހަގަކުރެވޭ އެއްބަސްވުންތަކުގެ ޢަދަދުތައް ސަރުކާރުން ހާމަކުރައްވާފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހައިޑްރޯގްރަފީ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" އެއްބަސްވުން އައު ނުކުރުމަށް ސަރުކާރުން ނިންމަވާފައިކަން ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ކުދިންނަށް މިހާރު ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ހަފުތާ 14 ގައި ހިމަނާފައިވާގޮތަށް މަސައްކަތް ފެށިގެން ކުރިޔަށްދާކަމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނިންމަވާފައިވާ ނިންމެވުންފަދަ ހަފުތާ 14 ޕްރޮގްރާމުގެ ފުރަތަމަ 4 ހަފްތާގައި ހާސިލުކުރި ކަންކަމުގެ ތަފްސީލުތައް ފިރުޒުލް ހިއްސާ ކުރެއްވިއެވެ. އަދި ނޫސްވެރިންގެ މި ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައި ވެއެވެ.