بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމް، ފަޚުރުވެރި މަސްވެރިން، މަސްވެރި ޞިނާޢަތުގެ އެންމެހައި ޙިއްޞާދާރުން، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ބޭރުގެ އެކިއެކި ސަފީރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދަކީ ދިވެހި ކަނޑުފަޅުން ރޯދި ނެރެދޭ ހިންމަތްތެރިންގެ ދުވަސް. މިއަދަކީ އަތްވާއި ވާރޭގައި، އިރުވަޔާއި ހުޅަނގުގައި ބިރެއްނެތި ޤުރުބާންވާ ކެތްތެރީންގެ ދުވަސް. އާދެ، މިއަދަކީ ރާއްޖޭގެ ތާރީޚުގެ އެންމެ އެވޭލާ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް މެދުކެނޑުމެއްނެތި، ހިނގަމުން އަންނަ ދިވެހި މަސްވެރިކަން ދަމަހައްޓައިދޭ ހީވާގި މަސްވެރިންގެ ދުވަސް. ދިވެހި މަސްވެރިންގެ މި ނަމޫނާ ސިފަތަކާއި، މި ހިތްވަރާއި ހިންމަތަށްޓަކައި އަޅުގަނޑު ތިޔަ މުރާލި ދިވެހި މަސްވެރިންނާމެދު ފަޚުރުވެރިވަން. ދުވަހުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި މަސްވެރިންނަށާއި ޢާއިލާތަކަށް އިޚްލާޞްތެރިކަމާ އެކީގައި އަރިސްކުރަން.

އާދެ، މަސްވެރިކަމާމެދުވެސް އެތައް ނަޒަރަކުން ބަލައިލެވިދާނެ. ޝައްކެއްނެތް، މަސްވެރިކަމަކީ ކާންބޯން ކުރެވޭ އަސާސީ މަސައްކަތެއް. މަސްވެރިކަމަކީ ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވޭ އިޤްތިޞާދީ މަސައްކަތެއް. ހަމަ އެހެންމެ، އަޅުގަނޑު ދެކޭގޮތުގައި، މަސްވެރިކަމަކީ ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ޖިހާދެއް.

މިއަދު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ލިބިގެން، އެތައް ޢިލްމަކާއި ހުނަރަކަށް އަހުލުވެރިވެގެން ތިބި އެތައް ދިވެހި ދަރީންނަކީ، ދިވެހި މަސްވެރިކަމުގެ ސަބަބުން އުފެދުނު ޢިލްމުވެރިން. އެއީ، ދިވެހި މަސްވެރި މައިންބަފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުން އެ ބޭފުޅުންނަށް ލިބިވަޑައިގެން ކާމިޔާބީތަކެއް. ވާސިލުވެވަޑައިގެންނެވުނު އުސް ހަރުފަތްތަކެއް. ބައްޕަމެން ކަނޑުފަޅު ފީނައިގެން، މަންމަމެން މަސް ކައްކައި ރިހާކުރު ވިއްކައިގެން، ޝަކުވާއެއްނެތި އުފުލި އެތައް ގިނަ ބުރައެއްގެ ނަތީޖާއަކީ، ދިވެހިރާއްޖޭގައި ޢިލްމީ ޤާބިލް ޖީލެއް އުފެދުން. އެހެންކަމުން، މަސްވެރިކަމަކީ ސަރުކާރުން އެ މަސައްކަތަކަށް ވަރަށް ތޫނު ލޮލެއް ދޭންޖެހޭ މަސައްކަތެއް. އެ މަސައްކަތުގެ އިޤްތިޞާދީ ފައިދާއަށްޓަކައި. އެ މަސައްކަތުގެ އިންސާނީ ފައިދާއަށްޓަކައި. ހަމަ އެހެންމެ، އެ މަސައްކަތުން ދަސްވާ ދިރިއުޅުމުގެ ހުނަރާއި އަޚްލާޤާއި މަސައްކަތްތެރިކަމަށްޓަކައި.

މަސްވެރިންނަކީ ޤައުމީ ފެންވަރުގައި މިފަދަ މުހިންމު ބައެއްކަން އަޅުގަނޑު ގަބޫލުކުރާތީ، އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ވަރަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ. ސަރުކާރު ހިންގުމުގައި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި މަސްވެރިންގެ ލާބައާއި މަންފާއަށް އަދި މަސްވެރިންގެ ބަހާއި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެން ސަމާލުކަން ދޭނަން.

ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން!

އަޅުގަނޑުމެންގެ ސަރުކާރު ފެށިގެން އަދި މިވީ ދެތިން ހަފުތާ. އެހެން ނަމަވެސް، މި ދެތިން ހަފުތާގައިވެސް މަސްވެރިންނަށް އަޅުގަނޑު ވެފައިވާ ވަޢުދުތަކުގެ މަތިން ވަރަށް ބޮޑަށް އަޅުގަނޑު ހަނދާންކުރަން. ހަނދާން އެބަހުރި. އިރާދަކުރެއްވިއްޔާ، ވަޢުދުތަކުގެ މަތިން ހަނދާނެއް ނުނެތޭނެ. ނުވަތަ ހަނދާން ނައްތާލާނެ މީހަކަށެއް އަޅުގަނޑެއް ނުވާނެ.

އަޅުގަނޑުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް މިކުރީ ތުރުކީއަށް. މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫޢެއް ކަމުގައި ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން. ތިޔަ ހިންމަތްތެރި މަސްވެރިންގެ އުދާސްތަކަށް އުންމީދު ލިބިގެންދިޔަ މި ދަތުރުން. އިތުބާރު ލިބުނު. އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓުގެ ތަނަވަސްކަމާ އެކީގައި އެތައް އެތައް ފުރުޞަތެއް ހުޅުވިގެންދާނެ. ހަމަ އެހެންމެ، ކެބިނެޓުން އެންމެ ފުރަތަމަ ކަންތައްތަކެއްގެ ގޮތުގައިވެސް ނިންމީ، މަސްވެރިކަމާ ގުޅިފައިވާ ކަންތައްތަކެއް، މިދިޔަ ހަފުތާގައި. މި ނިންމުންތަކުގައިވެސް ދިވެހި މަސްވެރިންނަށް ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން ހަނދާންކުރިން. އެގޮތުން، ވަރަށް ޚާއްޞަ ނިންމުމެއް މިވަނީ ނިންމާފައި. މިތާނގައި ދެންމެގައި މިނިސްޓަރުވެސް ފާހަގަކުރެއްވި ފަދައިން، މިފްކޯއަކީ މީގެފަހުން ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ޤައުމީ ކުންފުންޏަކަށް ބަދަލުވެގެންދާނެ. މިކަން ޙަޤީޤަތަކަށް ވުމުން، މިފްކޯ ވާނީ ހަމަ ޙަޤީޤަތުގައިވެސް މުސްތަޤިއްލު ވަކި ކުންފުންޏަކަށް. މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު، މަސްވެރިންގެ ބަސް، މަސްވެރިންގެ އަޑު އެކަމުގައި ހިމެނުން. އެކަމަށްޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ. މިފްކޯ ތަރައްޤީ ކުރުމުގައި އަދި މިފްކޯގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި މިފްކޯގެ ޕްރޮގްރާމްތައް ހިންގުމުގައި މަސްވެރިންގެ ސީދާ ބަސްކިޔާގޮތަށް، މަސްވެރިންގެ ޙައްޤުތައް ހޯދުމުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ބައްޓަންވާނީ. ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ފަންނަކަށް ގެންނަންޖެހޭ އެންމެ ރަނގަޅު ބަދަލުތައް، އެންމެ ރަނގަޅަށް އެނގޭނީ ސީދާ އެ ފަންނެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ބަޔަކަށް. އެހެންކަމުން، އަޅުގަނޑުގެ ގާތުގައި މަސްވެރިންނަކީ ވަރަށް އަގުހުރި ބައެއް. އެއީ، ރާއްޖޭގެ ކަނޑުފަޅުގެ ޙަޤީޤީ ޢިލްމުވެރިންނަކީ. އާދަޔާ ޚިލާފު ހުނަރުވެރިން.

މަސްވެރިންގެ އަގުވަޒަންކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަންވެސް އަޅުގަނޑުމެން ވަނީ ނިންމާފައި. އެކަން ކުރަން ބޭނުން. އެކަމަށްޓަކައި އެންމެ އިސްކަމެއްގެ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ ދިވެހި ދައުލަތަކީ، ދިވެހި މަސްވެރިންނަކީ ކޮބައިކަން ދަންނަ، ދައުލަތަކަށް ހެދުން. މިކަމަށްޓަކައި ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން މިއަދު ވަޒީރުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައި. މި ދަފުތަރުގެ ބޭނުމަކީ، ދިވެހި މަސްވެރިންނަށް ދިމާވާ މާލީ އިޤްތިޞާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުން. މިގޮތުން، ދިވެހި މަސްވެރިން ބޭންކުގެ ނިޒާމުގެ ތެރެއަށް ވަދެވޭނެގޮތް ފަހިވެގެންދާނެ. މިކަމުގެ ސަބަބުން މަސްވެރިންނަށް، މަސްވެރިކަން ދަށް ދުވަސްވަރު ނުވަތަ މަސްވެރިންގެ ބަހުރުވައިން ނަމަ، "އަޑިއަޅައިލާ ދުވަސްވަރު" ދިވެހި ދައުލަތުން މަސްވެރިންގެ އަތުގައި ހިފޭނެގޮތް ފަހިވެގެންދާނެ. މަސްވެރިކަމާ ގުޅުންހުރި އެކިއެކި މަސައްކަތް ފަށައިގަތުމަށާއި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން، ބޭންކް މެދުވެރިކޮށް ފަހިކޮށްދެވޭނެ. އެކަމާ ބެހޭ އުސޫލުތައް ސަރުކާރުން އެކުލަވައިލައި، ދިވެހި މަސްވެރިންނަކީ ވަރަށް ޒަމާނީ، ވަރަށް ޤަދަރުވެރި، ވަރަށް ޤަދަރު އުފުލިގެންވާ، ފުދުންތެރި ބަޔަކަށް ހެދުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ.

ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން!

އެންމެހައި ހާޒިރީން!

ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއް. މި މައްސަލައަށް ބަލައިލާއިރު، ރާއްޖެއިން ދިވެހި ކަނޑުމަސް ބޭރުކުރެވޭ އެއްގޮތަކީ، ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުން. މިގޮތަށް މަސް ބޭރުކުރުމުން ލިބޭ އަގަށްވުރެ މަތީ އަގު ލިބޭ ގޮތްތައް ހުރޭ. އޭގެތެރެއިން އެއްގޮތަކީ، އެ މަސް ބާނަނީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަން އެނގޭހެން އެ މަސް ބޭރުކުރުން. ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުން. މިއީ ބޭރުގެ ޤައުމުތަކަށް ދިވެހި ކަޅުބިލަމަސް ވިއްކުމުގައި، އޭގެ އަގަށް އިތުރަށް ގެނެވޭނެ އިތުރުކުރުމަކަށް ވެގެންދާނެ. އަޅުގަނޑުމެން މިގޮތް ޚިޔާރުކުރަން. އޭރުން ރާއްޖެއަށް ރީތި ނަން އިތުރަށް ލިބިގެންދާނެ. ދިވެހި މަސްވެރިންނަށް ބޭރު ޤައުމުތަކުގެ ތާރީފު ލިބިގެންދާނެ. އަދި ލިބޭ އާމްދަނީ އިތުރުވެގެންދާނެ.

މިގޮތަށް މިކަން ނުކުރެވި މިހާރު އޮތްގޮތަށް ކުރިއަށްދާއިރު ވަނީ ކިހިނެއްތޯ؟ ދިވެހި ކަޅުބިލަ މަހުގެ 65 އިންސައްތަ ބޭރުކުރެވެނީ، ގަނޑުކުރި މަހުގެ ގޮތުގައި ބޭރުގެ ކޭނެރީތަކަށް. މިގޮތަށް ކަންތައްތައް އޮތުމުން، ތިމާވެށްޓާ ރަޙްމަތްތެރިކޮށް ދިވެހި މަސްވެރިން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ، އެހެން ފަރާތްތަކުން، ބޭރުގެ މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން. އަޅުގަނޑު ބޭނުންވަނީ، އެ ފައިދާ ޖާއިޒުގޮތުގައި ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް މި ނިޒާމު ބަދަލުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރާނަން. އެކަމަށްޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދެވޭނެ. އަދި މިނޫންވެސް މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދެވިގެންދާނެ. ހަމަ އެހެންމެ، ފެލިވަރު ކާރުޚާނާ އިތުރަށް ތަރައްޤީ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ. މިއީ މިފްކޯއިން އަގު އެއްކުރެވިގެން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ވަރަށް މުހިންމު ފުރުޞަތެއް.

މީގެއިތުރަށް، މަސްވެރިކަމުގެ އިޤްތިޞާދު ކުރިއެރުވުމަށް، ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގޭ މަޝްރޫޢުގެ ދެވަނަ ފިޔަވަހި، މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ. މި ޕްރޮޖެކްޓްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އަމާޒުކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް ޕްރޮގްރާމްތަކެއް ހިންގޭނެ. މިގޮތުން، މަސް ބާނާ ވަގުތުން ފެށިގެން އުޅަނދުގައި މަސް ރައްކާކޮށް ބެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކާ ގުޅޭ ތަމްރީނާއި މަޢުލޫމާތު މަސްވެރިންނަށް ފޯރުކޮށްދެވޭނެ. މަސްވެރިން ބާނާ ބޮޑުކަންނެލީގެ ފެންވަރު ރަނގަޅުކޮށް، މި ޕްރޮގްރާމްގެ ދަށުން ޝަޝިމީ ގްރޭޑްގެ ބޮޑުކަންނެލި ޕްރޮސެސް ކުރާ ކުންފުނިތަކަށް ލިބޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ. މިއީ މަހުގެ އަގު އުފުލޭނެގޮތް. މަސްވެރިންގެ ތިޔާގިކަން އިތުރުވާނެ މަގު. އިރާދަކުރެއްވިއްޔާ، މިފަދަ އެތައް ގޮތަކުން ދިވެހި މަސްވެރިންނަށް އުފާވެރި މާދަމާއެއް ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް. އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރާނަން.

ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން!

އެންމެހައި ހާޒިރީން!

މަސްވެރިކަން ފެށެނީ އެންވެރިކަމުން. އެވޭލާ މަސްވެރިކަމަށް ބަލާނަމަ، ރެހި ބުރަކި މުގުރާން ފަދަ އެން ދެމުމަށްޓަކައި ދިވެހި މަސްވެރިން ވަރަށް ފަތިހު މަސައްކަތް ފަށާ. އަދި ދެމޭ އެމުން އެއްބައި ބައެއްފަހަރަށް އެން ލަބަރީގައި ފަހަށް ރައްކާކުރޭ. އެއީ މާކަނޑަށް ގެނބުރަށް ނުކުމެ ރަނގަޅު މަސްވެރިކަމެއް ކުރެވޭނީ، ރަނގަޅު އެމެއް ހުރެގެން ކަމަށްވާތީ. މި ޒަމާނަށް ބަލާއިރު، މިއީވެސް ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށް ދެކެން. އަޅުގަނޑު ބޭނުންވަނީ، މިކަންވެސް ޒަމާނީ ފަންނިއްޔާތު ނުވަތަ ޓެކްނޯލޮޖީއާ ގުޅުވާލަން. ޢިލްމީ އަސާސެއްގެ މައްޗަށް ދިވެހި އެންވެރިކަން އާލާކުރުމުގެ މަސައްކަތް ބިނާކުރަން. މިގޮތުން، އެން ދިރުވައި، ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި، އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރު ވަނީ ފެށިފައި. އޭގެތެރޭގައި، ބޭރުގެ ހިލޭ އެހީގެ ދަށުން އައްޑުއަތޮޅުގެ ދޯންޏެއްގައި އެންވަތް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތް ވަނީ ފެށިފައި. ހަމައެހެންމެ، އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ، ޒަމާނުއްސުރެ ދިވެހި މަސްވެރިން ތަޙައްމަލް ކުރަމުން އައި، އެން މުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވުނީ.

ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން!

ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، ކަނޑުގެ މާޙައުލު ބޮޑު ޤައުމެއް. ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު. ވީމާ، އަޅުގަނޑުމެންނަކީ އިޤްތިޞާދު ފުޅާކުރުމަށް، މި މާޙައުލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމުގެ ފުރުޞަތު ބޮޑު ޤައުމެއް. ދުނިޔޭގެ ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ދާއިރާގެ ތެރެއިން އެކުއަރކަލްޗަރ ނުވަތަ ކަނޑުގޮވާންކުރުމުގެ ދާއިރާއަކީ، އެންމެ ފުޅާކޮށް ކުރިއެރުމަށް ފުރުޞަތު އޮތް ދާއިރާ. އަދި މި ދާއިރާއަކީ ކަނޑުފަޅުގެ ނަފާ އިތުރުކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް ދާއިރާއެއް. ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ކަނޑުތަކުގައި ދިރުންތައް މުޑުވައްކުރުން ތަޢާރުފް ކުރުމަކީ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އަދި އަލިމަގެއް ނުފެންނަ ދާއިރާއެއް. މިކަން ކުރުމަށް، ރާއްޖޭގައި މިކަމުގެ ހުނަރު އުފައްދައި، ގިނަ ޒުވާނުންތަކެއް އަހުލުވެރިކޮށް، ކަނޑުގޮވާމުން އުފައްދާ ތަކެއްޗަކީ، އެކަށީގެންވާ ގޮތަކަށް އެކަމުން ނަފާ ހޯދޭނެ ތަކެތި ކަމުގައި ވާންޖެހޭ. ހަފުތާ ސާދައިގެ ވަޢުދުގެ ތެރެއިން، އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ޤާބިލްކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް، މި ހިނގާ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭ އެން ހިމެނޭގޮތަށް ކަނޑުގެ ދިރުން އާލާކުރާނެ މަލްޓި ސްޕީޝިސް ހެޗަރީއެއް ޤާއިމްކުރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެ.

އާދެ، ޝައްކެއްނެތް، ދިވެހި މަސްވެރިކަމުގެ ބާވަތްތައް ވަރަށްގިނަ. އެކަމަކު މައިގަނޑު ދެ ބާވަތަކަށް ދިވެހި މަސްވެރިކަން ބައިކޮށްލެވިދާނެ. އެއީ، ކަނޑުމަސްވެރިކަމާއި ފަރުމަސްވެރިކަން. ނުވަތަ މަސްވެރިން ކިޔާގޮތަށް ނަމަ، މަސްވެރިކަމާއި ކެޔޮޅުކަން. ފަރުމަސްވެރިކަމަކީވެސް ރާއްޖޭގައި ތަރައްޤީ ކުރެވިދާނެ، އާލާކުރެވިދާނެ ޞިނާޢަތެއް. އޭގެތެރޭގައި، ފާނައިގެ މަސްވެރިކަން، އިހީގެ މަސްވެރިކަން، ހުއިފިލަނޑާގެ މަސްވެރިކަން ފަދަ ދާއިރާތައް ހިމެނޭ. މިފަދަ ދާއިރާތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުހިންމު ދާއިރާތައް. ޚާއްޞަކޮށް، މިހާރުވެސް ވަރަށް ރަނގަޅަށް ކުރިއަރައިދާ ފާނައިގެ މަސްވެރިކަން ފާހަގަކޮށްލެވޭ.

ވީމާ، މިފަދަ މަސައްކަތްކުރާ ފަރާތްތަކަށާއި، ޝައުޤުވެރިވާ ފަރާތްތަކަށް ލޯނު ލިބޭނެގޮތް ތަޢާރުފް ކުރެވިގެންދާނެ. ހަމައެހެންމެ، ތަކެއްޗާއި ވަސީލަތުގެ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ. ފަރުމަސްވެރިކަން ކުރާ ސަރަޙައްދުތަކަށް އަމާޒުކޮށް އައިސްޕްލާންޓްތައް ޤާއިމުކުރުމަށް އެދޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ޕްލޭންގައިވާ ކަމެއް.

ރާއްޖޭގެ ހީވާގި މަސްވެރިން!

ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން!

މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ޤަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. އެކަމަށްޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކެން. އަދުގެ މަސްވެރިންގެ ތަޖުރިބާއާއި، ޒުވާން މަސްވެރިންނަށް ފޯރަންވީ ހުނަރާއި، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮތް ފަންނިއްޔާތު، ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލުކުރާނެ ޙަޤީޤަތެއް.

މިކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒު، ނުވަތަ ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓް އަޅުގަނޑުމެން ޤާއިމުކުރާނަން. މި ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުވެގެން ދާނެ. މިކަމުގެ އިދާރީ މަސައްކަތްތައް އަޅުގަނޑުމެންގެ ހަފުތާ ސާދައިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުން އެބަދޭ.

ޢިއްޒަތްތެރި އެންމެހައި ބޭފުޅުން!

މި ހުރިހާ މަޝްރޫޢުތައް ރޭވެމުން ތަރުތީބުވަމުންދާއިރު، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިޔަށް ހަމަ އެބަދޭ. އަޅުގަނޑު ހިތުން މިއީ މިހާތަނަށް އެހާ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތް ކުރެވިފައިވާ ދާއިރާއެއް ނޫން. އެކަމަކު ދިވެހީން މަސް ގަންނާނެ އާ ބާޒާރުތައް ހޯދަންޖެހޭ. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމަށްޓަކައި ހަފުތާ ސާދަ ޕްރޮގުރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކުރެވި، އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް، މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ. މިއީ ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެންދާނެ ރަނުގެ ފުރުޞަތަކަށް ވާނެ.

މީގެ އިތުރަށް، ދެން ދަންނަވާލަން އޮތީ، ހިތާމަވެރި، އެހެންނަމަވެސް، ޙަޤީޤަތާ ގުޅިފައި އޮތް އުފާވެރި ވާހަކައެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އެންދަމާށާއި އަދި އެ ނޫންވެސް ބޭނުންތަކަށް މަސްވެރީން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ. މިގޮތަށް ފައިބައި އަޑިޔަށް ފީނުމުގެ ތެރޭގައި ޚާއްޞަކޮށް، އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަވޭ. އަދި ބައެއްފަހަރު ފުރާނައަށް ނުރައްކާވާ ހާލަތުވެސް ދިމާވެފައި އެބަހުރި. އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އުޅަނދުފަހަރުގައި ޑައިވްކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން ތިބުމަކީ ވަރަށް މުހިއްމު ކަމެއް. އެހެންކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވަރ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްޞަ ތަމްރީނު ޕްރޮގުރާމެއްގެ ފުރުޞަތު ފަހިކޮށްދޭނަން. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. މިފަދަ ކޮންމެ ކަމަކުން ނިކަމެތިވަނީ ހަމައެކަނި ހާދިސާއާ ކުރިމަތިލާ މީހާއެއްވެސް ނޫން. އޭނާގެ އަނބިދަރީން. މުޅި އާއިލާ. އުމުރު ދުވަހަށް މި ފަޅުކަމާއި ހުސްކަން އިޙްސާސް ކުރަންޖެހޭ. އެހެންވީމާ، މި ސަރުކާރުން އަޅުގަނޑުމެން ބޭނުންވަނީ، މި ހިތާމަވެރި ހާލަތުން މަސްވެރިންނަށް އަރައިގަނެވޭނެ ގޮތްތަކެއް ރާވައި ތަންފީޒުކުރަން. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ކުރާނަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ހީވާގި މަސްވެރީން!

އެންމެހައި ހާޒިރީން!

އިރާދަކުރެއްވިއްޔާ ދިވެހި މަސްވެރިކަމަށް ބާއްޖަވެރި ދުވަސްތަކެއް ފެންނާނެ. ދިވެހި ޤައުމަށް ބާއްޖަވެރި ދުވަސްތަކެއް ގެނެވޭނެ. އެކަމަކު އެއީ ދިވެހި ޤައުމު ކުރިއަރުވައި، ދިވެހީންނަށް ފަހިކަން ހޯދުމުގައި ދިވެހި މަސްއޮޑިއަކުން ލިބިދޭ ފިލާވަޅަށް އަޅުގަނޑުމެން އެންމެން ޢަމަލުކޮށްގެން. ދިވެހި މަސްވެރީން މި ރީތި ނަމޫނާ ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް އެބަ ދައްކައިދޭ.

ދިވެހި މަސްއޮޑިއެއް ކަނޑަށް ނުކުންނަނީ ހައްސަ ބާނަން. އެއީ ދިރިއުޅުން ތިޔާގިކޮށްލަން އުޖާލާ ކުރުމަށްޓަކައި. ނަމަވެސް، އެކަމަށް އެދިގެން ކުރާ ދަތުރު އެހާ ފަސޭހައެއް ނޫން. ރާޅާ ކުރިމަތިވެ، ޠޫފާނު އާދޭ. އެކަމަކު އެންމެން ގުޅިގެން މި އުނދަގޫތައް ހައްލުކުރޭ. މަސްކެޔޮޅު. އެންކެޔޮޅު. ދިޔަހިއްކާ މީހާ. އެންމެހައި ފަޅުވެރިން. މި އެންމެންގެ އޮންނަނީ އެއް އަމާޒެއް. އެއީ އެންމެން ގުޅިގެން އެމީހެއްގެ ވާޖިބު އެ މީހަކު އަދާކޮށްގެން ރަސްއައިނަކަށް އަރައި ހައްސަ ބޭނުން. ތިލަ ޖަހައިލައިގެން ފަޚްރުވެރިކަމާއެކު ރަށަށް ލެފުން. އޮޑިން ދަތުރުކުރި މީހުންނާއި، ނުކުރާ މީހުންގެ މުސްތަޤްބަލު އުޖާލާވުން އޮންނާނީ، މިގޮތަށް ކުރެވޭ ދަތުރުން ހޯދޭ ކާމިޔާބީގެ މައްޗަށް.

މަސްވެރީންގެ ދުވަސް ދިވެހި ޤައުމަށް ދެނީ މި ފިލާވަޅު. ދިވެހި މަސްވެރިކަމުގެ މަދަރުސާއިން ދިވެހީންނަށް ބުނެދެނީ މި ޙަޤީޤަތް. އެހެންވީމާ ދިވެހީން ބޭނުންވަނީ މި ގޮތް. ދިވެހީން ބޭނުންވަނީ އެންމެން ގުޅިގެން ދިވެހި ޤައުމު ކުރިއަރުވަން. ދިވެހީން ބޭނުންވަނީ އަބަދުވެސް އެކުވެރިކަމާއި ހަމަހިމޭންކަން. ދިވެހީން ބޭނުންވަނީ ބައިބައިނުވާން. ވަކިވަކިވެނުގަންނަން. ދިވެހި މަސްވެރީން ކޮންމެ ދުވަހަކުވެސް، ކޮންމެ ދުވަހަކު ދުނިޔެއަށް ދޭ ފިލާވަޅަކީ، އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެކޭ. އެއް އަމާޒަކަށް ދަތުރުކުރާ، އެއް މަންޒިލަކަށް އެދޭ ބައެކޭ. އިރާދަކުރެއްވިއްޔާ ދިވެހި މަސްއޮޑިއެއްގެ މަޑޫތައް ފަދައިން، ދިވެހީން ތިބޭނީ ހިމުންކަމާއެކު ގުޅި ލާމެހިގެން. ކުރިހޯދާނީ، ކާމިޔާބު ހޯދާނީ އެގޮތުން. މިއީ ދިވެހި ޤައުމުގެ ދުޢާ. ދިވެހީންގެ ޤައުމިއްޔަތުގެ އެކުވެރި ރޫޙް.

އޯގާވަންތަ ﷲ ދިވެހި ޤައުމަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! ދިވެހި މަސްވެރީންނަށާއި، މުޅި ޤައުމަށް ތިޔާގިކަމާއި ނިޔާމަކަން ފަހިކޮށްދެއްވާށި! އެކުވެރި، ޞުލްޙަވެރި އެއްބައެއްގެ ގޮތުގައި މި ދިވެހި ޤައުމު ދާއިމަށް ލަހައްޓަވާށި!

މި ލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދުމެ ލަހައްޓަވާށި!

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.