ސަރުކާރުގެ "ހަފުތާ 14" ގައި ވާގޮތަށް، މަސްވެރިންގެ ޤައުމީ ދަފްތަރެއް ޤާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ ކަމެކެވެ. މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމެއްގެ ގޮތުގައި މި ކަރުދާހުގައި ފާހަގަކުރައްވާފައިވަނީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. ހަމަ އެހެންމެ، މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މިދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމުދަނީގެ ބޮޑުބައެއް ޙިއްޞާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީންކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.

މަސްވެރިކަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2019/14) ގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވާކަންވެސް މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މަޢުލޫމާތުކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ކެބިނެޓް ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.