މި ސަރަޙައްދުގައިވާ އެހެން ހުރިހާ ޤައުމަކާ ޚިލާފަށް ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚު އެންމެ ދިގު ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮތް ދިވެހިންގެ ޤައުމު ކަމަށާއި، ކުރިއަށް އޮތް ތާނގައި ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށް މިއަދު އަޅުގަނޑުމެންނަށް ލަފާކުރެވޭ ކަންކަމާ ގުޅޭގޮތުން ވިސްނާން އޮތް ދުވަހަކީވެސް މިއަދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުވަހުގެ ބަޠަލް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބައްލަވައިލެއްވިއެވެ. އަދި މިއަދާ ހަމައަށް އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ރާއްޖެ ފޯރުކޮށްދީފައިވަނީ، ކިތަންމެ ހަނގުރާމައަކާއި، ކިތަންމެ ކިތަންމެ ޙާދިޘާތަކެއް މިފަސްގަނޑުގައި ހިނގުމަށްފަހުގައިކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަތާ ދެހާހަށްވުރެ ގިނަ އަހަރު ފުރިހަމަވެއްޖެކަން ތާރީޚީ ދިރާސާތަކުން ފާހަގަކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި މިދިގު އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަން އެކިގޮތްގޮތަށް ދިވެހިންގެ އަތްމަތިން ބީވެގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ރާއްޖެ، ރާއްޖެއަކަށްވަނީ މި ރާއްޖޭގެ ވާހަކަ އެއީ ރާއްޖޭގެ ވާހަކައެއްގެ ގޮތުގައި، އައްޑޫން ފެށިގެން ތިލަދުންމައްޗާ ހަމައަށް އޮތްހާ ޖަޒީރާތަކުގައި، ރާއްޖޭގެ ވާހަކައިގެ ގޮތުގައި ޒަމާނުއްސުރެ ފަށައިގެން ދެކެވެމުން އަންނާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަހުން އެވާހަކައަކީ ބޮޑުތަކުރުފާނު ވާހަކައިގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގެމުން އައި ކަމަށާއި، މި ވާހަކައިގެ ބަޠަލަކީ އުތީމު ބޮޑުތަކުރުފާނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ ދުވަހާ ގުޅޭގޮތުން ފިކުރުކޮށް ބުއްދި ހިންގާއިރު، ދެކަމެއް ފާހަގަކުރެއްވޭ ކަމަށާއި، އެއްކަމަކީ ޤައުމާ ގުޅޭގޮތުން ވިސްނާ ވިސްނުން ކަމަށާއި، އަނެއް ކަމަކީ ދުވަހާ ގުޅޭގޮތުން ވިސްނާ ވިސްނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު އަޅުގަނޑުމެން ހިންގަންވީ ފިކުރަކީ، މިދުވަހާ ހަމައަށް މި ރާއްޖެ ވާސިލުވުމުގައި ކަންހިނގާދިޔަގޮތުގެ ފިކުރު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެ ކުރިއަށްދާނީ ކިހިނެއްތޯ ވިސްނައި، ހިންގަންވީ ފިކުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު މިބޭއްވެވި ޚާއްޞަ އިޙްތިފާލުގައި، ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާއެއް ކުރެއްވިއެވެ. އިސްވެ މި ދުޢާ ކުރެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު އައްޝައިޚު މުޙަންމަދު ފާރޫޤެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ކޯއްޓޭއަށް ޤައުމީ ދިދަ ނެގުންވެސް، މިއިޙްތިފާލުގައި އޮތެވެ.