ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރުމުގައި، ބޭރުގެ މާލީ އިދާރާތަކާ މިއަހަރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ އިކޮނޮމިކް ރިކަވަރީ ޕްރޮޖެކްޓަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އެކާވީސް މިލިއަން ނުވަލައްކަ ބާރަހާސް ސްޕެޝަލް ޑްރޯވިންގ ރައިޓްސް (ގާތްގަނޑަކަށް ތިރީސް ފަސް މިލިއަން އެމެރިކާ ޑޮލަރު) ނެގުމަށްޓަކައި ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދު ސޮއިކުރައްވަންޖެހޭ ލޯން އެގްރީމެންޓްގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގެ ޤާނޫނީ ހުއްދަ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ.

އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރުމުގައި ބޭރުގެ މާލީ އިދާރާތަކާ މިއަހަރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ އިކޮނޮމިކް ރިކަވަރީ ޕްރޮގްރާމަށް ޓެކްނިކަލް އެސިސްޓެންސް ލޯނެއްގެ ގޮތުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ނުވަލައްކަ ތިރީސްނުވަހާސް ސްޕެޝަލް ޑްރޯވިންގ ރައިޓްސް (ގާތްގަނޑަކަށް އެކެއް ޕޮއިންޓް ފަހެއް މިލިއަން އެމެރިކާ ޑޮލަރު) ނެގުމަށްޓަކައި ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދު ސޮއިކުރަންޖެހޭ ލޯން އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ ޤާނޫނީ ހުއްދަވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވައިފިއެވެ.

މި ޓެކްނިކަލް އެސިސްޓެންސް ލޯނާއެކު ހިލޭ އެހީގެ ގޮތުގައި، ތިން މިލިއަން އެމެރިކާ ޑޮލަރު ދެއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.