بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އަޅުގަނޑު ގަސްތުކުރީ އެ ދަޢުވަތުގެ ބޭނުން އަޅުގަނޑުމެން ފުރިހަމަގޮތުގައި ހިފުމަށް. އެހެންވީމާ، އެގޮތުން ފުރަތަމަވެސް ތުރުކީގެ ރައީސަށާއި ސަރުކާރަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ފުރިހަމަ މެހްމާންދާރީއެއް އަޅުގަނޑުމެންނަށް އަދާކުރެއްވި.

އަޅުގަނޑާއި އަދި އަޅުގަނޑުގެ ވަފްދާ ބައްދަލުކުރެއްވި، ރައީސް އުރްދުޣާން، ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ވަރަށްބޮޑު ޓީމަކާ އެކީގައި. އަދި އެތަނުގެ ވަރަށްގިނަ ވަޒީރުން. އަޅުގަނޑު ނޯޓްވެސް ކޮށްލައިގެން މިއުޅެނީ. ބަލައިލާނަން. ފިނޭންސް މިނިސްޓަރު، ނޭޝަނަލް އެޑިޔުކޭޝަން މިނިސްޓަރު، އިންޓީރިއަރ މިނިސްޓަރު، ދެން ޑިފެންސް މިނިސްޓަރު، އެގްރިކަލްޗަރ މިނިސްޓަރު، ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު، ދެން ޓްރޭޑް މިނިސްޓަރުގެ ޑެޕިއުޓީ. ޓްރޭޑް މިނިސްޓަރު ބައްދަލުކުރެއްވި. އެ ދުވަހު ޓްރޭޑް މިނިސްޓަރ ޤައުމުގައި ނޫޅުއްވާތީ. އަދި ޗެމްބަރ އޮފް ކޮމާރސްއާއި، އެ ޤައުމަށް ކިޔަވަންދާ ބޭރުގެ ކިޔަވާ ކުދިންނާބެހޭ ޚާއްޞަ އެޖެންސީގެ ރައީސާ. މި ބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. މި ހުރިހާ ބައްދަލުވުންތަކަކީ ހަމަ ވަކިވަކި ބައްދަލުވުންތަކެއް. ހުރިހާ ބޭފުޅުންނާ އެކީގައި އެއް ދުވަހަކު ބައްދަލުވީކީ ނޫން. އެއް ވަގުތެއްގައެއް ނޫން. މާނައަކީ ވަރަށް ފޯކަސްޑްކޮށް އަޅުގަނޑުމެންނަށް ވަގުތު ދެއްވިއޭ.

ދެން މި ހުރިހާ ބައްދަލުވުންތަކަކުންވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ، ވަރަށް ރަނގަޅު، ވަރަށް އުފާވެރި، ވަރަށް އުންމީދީ ބިންގާތަކެއް މި އެޅުނީ. ވިޔަފާރީގެ ގޮތުން ޚާއްޞަކޮށް. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ، މިއަދާ ހަމަޔަށް މި ދެ ޤައުމުގެ ދޭތެރޭގައި އޮތް ވިޔަފާރީގެ ލެވެލްއަށްވުރެ، ވޮލިއުމަށްވުރެ އެތައް ގުނައަކަށް ވިޔަފާރި، ޓްރޭޑް އިތުރުވެގެންދާ ތަން. އެކަމަށް އަޅުގަނޑުމެންގެ ތެރޭގައި އެއްބަސްވެވުނު. އަޅުގަނޑުމެން ސޮއިކުރިން އެއްބަސްވުމެއްގައިވެސް. އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އިޤްތިޞާދީ ކަންތައްތައް ކުރުމާބެހޭ އެއްބަސްވުމެއްގައިވެސް ސޮއިކުރިން. އަޅުގަނޑާއި އުރްދުޣާންއާ، އަޅުގަނޑުމެން ދެ މީހުންގެ ހާޒިރުގައި ދެ ޤައުމުގެ ދެ ވަޒީރުން ސޮއިކުރެއްވި. އެއީ، އިޤްތިޞާދީ ކުރިއެރުމާބެހޭ އެއްބަސްވުމެއްގައި. އޭގެތެރެއިން ދެން ކުރިއަށްދާނެ. އެހެންވީމާ، ޓްރޭޑް ވޮލިއުމް އިންކްރީޒް އިތުރުކުރުމުގެ މަސައްކަތް ހަމަ އިމީޑިއަޓްލީ މިހާރުން މިހާރަށް ފެށިގެން އެދިޔައީ.

ދެން ހަމަ އެއާއެކީގައި، ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމުގައި ވަރަށްގިނަ ކުރިއެރުންތައް ލިބުނު. މި ދެންނެވި ހުރިހާ ވަޒީރުން، އެ ޤައުމުގެ ރައީސާ ހިސާބުން ފެށިގެން ދެން ތިއްބެވި ވަޒީރުންނާ، ހުރިހާ ބޭފުޅުންގެ ކޮމިޓްމަންޓަކަށްވި، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސްދިނުން. ޓޫރިޒަމް ދާއިރާ ޚާއްޞަ ގޮތެއްގައި. މިހާރުވެސް ދެތިން ރިޒޯޓެއް އެ ބޭފުޅުންގެ އެކިއެކި ވިޔަފާރިވެރިން ހިންގަވާ. އަޅުގަނޑުމެން މިހާރު މި ހުރިހާ ފަރާތްތަކަށް މި ހުޅުވާލާފައި މިއޮތީ. އަދި ކުރިއަށް އޮތް ތާނގައިވެސް ހުޅުވާލެވިގެންދާނެ. އެސް.އީ.ޒެޑްގެ ބެނެފިޓް. ސްޕެޝަލް އިކޮނޮމިކް ޒޯން. އިރާދަކުރެއްވިއްޔާ އެއީ، ކުރިއަށް އޮތް ތަނުގައި އިޤްތިޞާދު ފުޅާކުރުމުގައި އަޅުގަނޑުމެން އެންމެ މުހިންމު ކަމެއް ދޭނެ އެއް ޒަރީޢާ.

އެހެންވީމާ، ތުރުކީގެ ވިޔަފާރިވެރިން، ތުރުކީ އިންވެސްޓްމަންޓް ރާއްޖެއަށް ގެންނައިރު އެކަށީގެންވާ ގޮތެއްގައި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި، ދެމެހެއްޓެނިވި ކުރިއެރުމެއް އިޤްތިޞާދީ ގޮތުން ލިބޭކަހަލަ ޕްރޮޕޯޒަލްސް ގެންނަ ކަމަށްވަންޏާ، އެސް.އީ.ޒެޑްގެ ބެނެފިޓް ލިބޭގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯން، ހަމަ ތުރުކީވެސް އަދި ކުރިއަށް އޮތް ތަނުގައި އެހެން ޤައުމުތަކުގެ ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓްތަކަށްވެސް ލިބޭނެ. އެހެންވީމާ، އެ ބޭފުޅުންގެ ވަރަށް ޝައުޤުވެރިކަން އެބަހުރި. ދެން ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން އެސް.އީ.ޒެޑް.ގައި މި ބަލަނީ، ދެމެހެއްޓެނިވި، ޚާއްޞަ ގޮތެއްގައި ރިނިއުބަލް އެނަރޖީއާއި، މި ކްލައިމެޓް އެޑަޕްޓޭޝަނަށް މަގުފަހިވާކަހަލަ އިންވެސްޓްމަންޓްތަކަށް.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މިސާލަކަށް، އަވިން ހަކަތަ އުފެއްދުން، ވައިން ހަކަތަ އުފެއްދުން. ދެން މިހެންގޮސް ރިނިއުބަލް އެނަރޖީގެ އިންވެސްޓްމަންޓްތަކަށް ބޮޑެތި އިންވެސްޓްމަންޓްސް އަޅުގަނޑުމެންނަށް ލިބޭ ކަމަށްވަންޏާ، އެސް.އީ.ޒެޑް ބެނެފިޓް ލިބޭގޮތަށް އަޅުގަނޑުމެން މަގުފަހިކުރާނެ ވާހަކަ އަޅުގަނޑުމެން ދެންނެވީ. އަދި ކޮޕް-28 ގައިވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން.

ދެން ހަމަ އޭގެއިތުރަށް، ތަޢުލީމީ ދާއިރާއިން މިހާރުވެސް މަޢުލޫމާތު ޙިއްޞާ ކުރެވިފައިވާނެ. 30 ސްކޮލަރޝިޕް ލިބިގެންދިޔަ. އަދި އޭގެއިތުރަށް، ޓީޗަރުން ތަމްރީނު ކުރުމުގައި ވަރަށް ފުޅާ ސްކީމެއް އުފެދިގެން، ބިނާކުރުމަށް، ނޫނީވިއްޔާ އެޑަޕްޓް ކުރުމަށް ހަމަޖެހިގެންދިޔައީ. ޚާއްޞަ ގޮތެއްގައި، ސެން ޓީޗަރސް. ސްޕެޝަލް ނީޑްސް ކުދިންނަށް ކިޔަވައިދޭ. އެ ބޭފުޅުންގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާކޮށްފައި އޮތް ދާއިރާއެއް އެއީ. އެ ދާއިރާއިން ޓީޗަރުން ބިނާކުރުން. އެހެންވީމާ، ސެން ދާއިރާގެ ޓީޗަރުން ބިނާކުރުމުގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑެތި ކުރިއެރުންތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ.

ދެން ހަމަ އެގްރިކަލްޗަރ ދާއިރާއިން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޕޮލިސީގައި ވަރަށް މުހިންމު ދާއިރާއެއް، އެގްރިކަލްޗަރ އިންޑަސްޓްރީ ފުޅާކުރުން. އެގްރިކަލްޗަރާ ބެހޭ ޚާއްޞަ ވުޒާރާއެއްވެސް އެބަހުރި. އެހެންވީމާ، އެގްރިކަލްޗަރ، ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި، ތުރުކީއަކީ އެގްރިކަލްޗަރގެ ދާއިރާ ވަރަށް ބޮޑަށް ފުޅާކޮށް އިޤްތިޞާދު ބިނާކޮށްފައި އޮތް ޤައުމަކަށްވާތީ، އެގްރިކަލްޗަރގެ ދާއިރާއިން ހަމަ ވަރަށްގިނަ ފުރުޞަތުތައް އިރާދަކުރެއްވިއްޔާ ފަހިވާނެ.

ދެން ކުޅިވަރުގެ ދާއިރާއިން. އަދިވެސް އެކަހަލަ ގިނަ ސޯޝަލް، އިކޮނޮމިކް ދާއިރާތަކުން އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ބިންގާތަކެއް އެޅިގެން މިދިޔައީ.

ދެން އަޅުގަނޑު ދިޔައީ ކޮޕް-28 ގައި ބައިވެރިވާން ޔޫ.އޭ.އީ. އަށް. ޔޫ.އޭ.އީ. ގައި އަޅުގަނޑު އިޢުލާނުކުރި ދެ ކަންތައްވެސް އިރާދަކުރެއްވިއްޔާ ހާސިލުވާނެ. އެއްކަމަކީ މިހާރު 4 ޕަސެންޓްގައި ހުރި ރިނިއުބަލް އެނަރޖީ، 5 އަހަރުގެ ތެރޭގައި އިތުރުކުރަމުން ގޮސް، މަދުވެގެން 33 ޕަސެންޓަށް އިތުރުކުރުން. މާނައަކީ އަޅުގަނޑުމެންގެ މި އެނަރޖީ ނީޑްގެ ތިންބައިކުޅަ އެއްބައި އެއީ ރިނިއުބަލް، ދެމެހެއްޓެނިވި އެނަރޖީއަށް ބަދަލުކުރުން. އެކަން ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް މިހާރު އެބައޮތް.

އަޅުގަނޑުމެން އެކިއެކި ފަރާތްތަކާ މި ބައްދަލުކުރީ. ބައެއް މަލްޓި ލެޓެރަލް ބޭންކްސްއާ ބައްދަލުކުރިން. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ރައީސާ ބައްދަލުކުރިން. އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް. އޭ.އައި.އައި.ބީ.ގެ ރައީސާ އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު އިސްކޮށް ހުންނަވައިގެން ބައްދަލުކުރެއްވި. އަދި ވާރލްޑް ބޭންކުގެ އެންމެ އިސް އެއްބޭފުޅާ އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. އަދި އިތުރު އެހެން ވިޔަފާރިވެރިންނާއި، އެކި ޤައުމުތަކުގެ ވެރިންނާ އަޅުގަނޑުމެންނާ ބައްދަލުވި. އަދި މިހާރުވެސް އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް މިނިސްޓަރ އެ ހުންނެވީ އެކޮޅުގައި. ކުރިއަށް އޮތް އަދި ހަމަ ހަފްތާއެއްހާ ދުވަހު މަޑުކުރައްވާނެ. ހަމަ މިކަމާ ގުޅޭ އެކިއެކި ފުރުޞަތުތައް ފަހިކުރުމަށްޓަކައި.

އެހެންވީމާ، އެކި ކަހަލަ ލުއި ލޯނުތަކާއި އަދި އިންވެސްޓްމަންޓްތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ. އަޅުގަނޑުމެންގެ ޤައުމަކީ އަބަދާއި އަބަދު ތެޔޮ އެތެރެކޮށްގެން، އަޅުގަނޑުމެންގެ ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ޚަރަދުކޮށްގެން، އަޅުގަނޑުމެންގެ ހަކަތައިގެ ކަންތައްތައް ހަމަޖައްސާ ޤައުމަކަށް ވެގެން އޮތުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫނޭ. ދެމެހެއްޓެނިވި ތަރައްޤީއަށްދާ ކަމަށްވަންޏާ، ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާންޖެހޭނެ. އެހެންވީމާ، ރިނިއުބަލް އެނަރޖީއަކީ، އަޅުގަނޑުމެންގެ ކުރިއަށް އޮތް ތަނުގެ ރާސްތާ ބައްޓަންވާނެ ދިމާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަޤީންކަން އެކަމަށް އެބައޮތް.

ދެން ހަމަ އެއާއެކީގައި، ގަސް އިންދުން. ފެހިކުރުމަށްޓަކައި ފެށޭ މަޝްރޫޢުގައި މިހާރުވެސް ހަމަ ވަރަށްގިނަ މަސައްކަތްތަކެއްގެ ދޮރު އެހެރީ ހުޅުވިފައި، މި ބޭއްވުނު ބައްދަލުވުންތަކުގައި. އަދި ކުރިއަށް އޮތް ހަފްތާގައި އެންވަޔަރަންމަންޓް މިނިސްޓަރ ކުރިއަށް ގެންދަވާ ބައްދަލުވުންތަކުންވެސް އެކަން ފަހިވާނެ. އެހެންވީމާ، ފެހި ސާފު ޖައްވެއް އޮތް، ދެމެހެއްޓެނިވި އެނަރޖީގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ރާއްޖެ ހެދިގެންދާނެ.

އަޅުގަނޑު ބައްދަލުކުރިން، ދެ ޤައުމުގައިވެސް ތިބި އަޅުގަނޑުމެންގެ ރައްޔިތުންނާ. ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވައި، އަދި އެ ކަންތައްތައް ފަހިކޮށްދެވޭނެ ގޮތްގޮތާ ގުޅޭ މަޝްވަރާ ކުރެވުނު. އެ ބޭފުޅުންނަށް ހަމަ ހުރިހާ ފުރުޞަތެއް ދިނިން. ބޭނުންފުޅުވާ ކޮންމެ ވާހަކަފުޅެއްވެސް ވިދާޅުވާން. އަދި އަޅުގަނޑު ޔަޤީންކަން ދިނިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެއިން ކޮންމެ ކަމަކަށްވެސް ރަނގަޅު ޙައްލެއް ގެނެސްދޭނެ ކަމަށް. އެހެންވީމާ، އެގޮތަށް ބައްދަލުވުންތައް ކުރިއަށްދިޔައީ.

ދެން ވަކިން ޚާއްޞަކޮށް، ހަމަ އެންމެ ޤައުމެއްގެ ބައްދަލުވުމާ ބެހޭގޮތުން ވާހަކައެއް ދަންނަވާލާފައި އަޅުގަނޑު ނިންމާލާނީ. އެއީ، އިންޑިއާ. އަޅުގަނޑުމެން، ކެމްޕެއިން ތެރޭގައި، ކުރިއަށް ގެންދިޔަ ހުރިހާ ބައްދަލުވުންތަކާއި، ރައްޔިތުންނާ އެކީގައި ދެކެވުނު ހުރިހާ ވާހަކައެއްގައިވެސް ވަރަށް ސާފުކޮށް އޮތް ކަމަކީ، ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެއޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން އެއްބަސްވާނެ ކަމެއް ނޫނޭ. ނޮން-ނެގޯޝިއޭބަލް ކަމެކޭ އެކަމަކީ. އަޅުގަނޑު ހުވާކުރުމަށްފަހު ދިން ތަޤްރީރުގައިވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަމޭ. ޤައުމުތަކާ ހަތުރުވެރިކަމެއް ނުބާއްވާނަމޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމާނަމޭ. އެ ރަތް ރޮނގު ފަހަނަޅައިދާކަށް އެއްވެސް ޤައުމަކަށް ފުރުޞަތެއް ނޯންނާނެއޭ. އެއީ ރާއްޖެއަށްވެސް، އަދި އެހެން ޤައުމުތަކަށްވެސް އެކަން އޮންނާނެ ގޮތޭ.

އެހެންވީމާ، އެ ރަތް ރޮނގު ވަރަށް ސާފޭ. އެހެން ނަމަވެސް، އެކަން ހާސިލުކުރުމުގައި ހިމޭން ރިވެތި އުޞޫލުތައް، ޑިޕްލޮމަސީގެ ރިވެތި އުޞޫލުތައް އަޅުގަނޑު ބޭނުންކުރާނަމޭ. އެ އުޞޫލުތައް ބޭނުންކޮށްގެން މި ޤައުމުގައި ބޭރު ސިފައިން ނުތިބޭގޮތަށް ހަމަޖައްސައި، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަމޭ. މިއީ، އަޅުގަނޑު އެ ދުވަހު ދެއްކި ވާހަކަ. މިއީ، ކެމްޕެއިން ފެށުނީއްސުރެ އެ ދުވަހާ ހަމަޔަށްވެސް، މި ވަގުތާ ހަމަޔަށްވެސް އަޅުގަނޑު ދެއްކި ވާހަކައަކީ. ތަފާތެއްނުވާނެ. ކުރިއަށް އޮތްތާވެސް ތަފާތެއްނުވާނެ. އެއީ، ކެމްޕެއިންގައި ވޯޓެއް ހޯދަން ދެއްކި ވާހަކައެއް ނޫން. ދިވެއްސަކަށްވީތީ، އަޅުގަނޑު ބޭނުންވަނީ ދިވެހިން އިސްކުރަން. ދިވެހި ޤައުމުގެ މަޞްލަޙަތު އިސްކުރަން. އަޅުގަނޑުގެ ކުރިމަތީގައި ދިވެހިންނަށްވުރެ ކުރިއަކަށް އެހެން ޤައުމެއްގެ ރައްޔިތެއް ނާންނާނެ. އެހެންވީމާ، ހިމޭން ރިވެތި އުޞޫލުތައް މިއަދާ ހަމަޔަށްވެސް މިގެނައީ ޑިޕްލޮމަސީގެ ރިވެތި އުޞޫލުތަކުން އެކަން ކުރަން.

ޓްރާންސިޝަން ޕީރިއަޑްގައި އެދިޔަ މަރުޙަލާގައިވެސް އެ ޤައުމުގެ އިސްވެރިންނާއި ސަފީރާ ބައްދަލުކުރިން. ވަރަށް ތަފްޞީލުކޮށް މި ވާހަކަ ދެކެވިފައި ވަނީ. އެހެންވީމާ، މިއަދާ ހަމަޔަށް އައިއިރުގައި، ގާތްގަނޑަކަށް ހަތަރު ފަސް ބައްދަލުވުމެއް އެންމެ އިސް ލެވެލްގައި، އެ ޤައުމުގެ ބޭފުޅުންނާއެކީ މިވަނީ ބޭއްވިފައި.

އަޅުގަނޑުމެން ވަރަށް ސާފުކޮށް 18 ނޮވެންބަރުގައި، މާނައަކީ ހުވާކޮށްގެން އެންމެ ފުރަތަމަ ދުވަހު، ޖެހިގެން އައި ދުވަސް. އެ ދުވަހު ރަސްމީކޮށް އަޅުގަނޑުމެންގެ ފަރާތުން، ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ދެންނެވިން، މިތަނުގައި ތިބި ބޭރު ސިފައިން، އިންޑިއާ ސިފައިން އަނބުރާ ގެންދަވާށޭ. ގެންގޮސްދެއްވާށޭ. އެހެންވީމާ، ރަސްމީކޮށް އެއޮތީ ހުށަހެޅިފައި. އަދި އޭގެކުރިން ކުރެވުނު މަސައްކަތާއި، މިއަދާ ހަމަޔަށް އައިއިރު މި ކުރެވުނު ހުރިހާ މަސައްކަތާ އެކީގައި، އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް. މިހާރު ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް އެބަ ކުރެވޭ. ދެ ޤައުމުގެ ޓެކްނިކަލް ލެވެލްގައި މަސައްކަތް އެބަ ހިނގާ. އަދި މިހާރު އެއްބަސްވެފައި މިވަނީ ހައި ލެވެލް، އެންމެ މަތީ ލެވެލްގެ ކޮމިޓީވެސް އެކުލަވައިލަން. މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް. މިސާލަކަށް، އަޅުގަނޑު ފާހަގަކުރި މަޝްރޫޢަކީ، އެންމެ ބޮޑު އެއް މަޝްރޫޢު، މާލޭގެ ކައިރީގައި މި ހިނގާ ބްރިޖް މަޝްރޫޢު. ދެން ހުރި މަޝްރޫޢުތަކާއި، އެކިއެކި ލޯނުތަކުގައި މި ދިމާވާ ކަންކަމާއި، ޤައުމަށް މި މުހިންމު ވެފައިވާ ބޮޑެތި މައްސަލަތަކާއި، މިކަންކަމުގައި ވަގުތުން ވަގުތަށް ނިންމުންތައް ނިންމޭކަހަލަ ހައި ލެވެލް ކޮމިޓީއެއް އެކުލަވައިލަން ދެ ޤައުމުން އެއްބަސްމިވީ. އިންޑިއާގެ ބޮޑުވަޒީރާ އެކީގައި ބޭއްވުނު ބައްދަލުވުމުގައި.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މި ބިއުރޮކްރަސީގެ ތެރޭގައި ތާށިވެ، ރެޑްޓޭޕްގައި ޖެހި، ހުއްޓުންއަރާ އެރުން އަޅުގަނޑުމެންނަށް ފަހަނަޅައިދެވޭނެ އިރާދަކުރެއްވިއްޔާ. އެގޮތަށް އެއްބަސްވެވުނީ. އެހެންވީމާ، އެގޮތަށް ކުރިއަށްދާނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަޤީންކަން އެބައޮތް، އަޅުގަނޑުމެންގެ މި ޑިމޮކްރެޓިކް ނިންމުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ، މި ޤައުމަށްވެސް، މި ސަރަޙައްދަށްވެސް އަދި އެހެން ހުރިހާ ފަރާތްތަކަށްވެސް މުހިންމު ނިންމުމަކަށްވާނެތީ، އެކަމަށް އިޙްތިރާމު އަދާކުރައްވާނެ ކަމަށް. އެހެން ވިދާޅުވެސްވެފައި ވަނީ.

އެހެންވީމާ، އެގޮތަށް ކުރިއަށް އޮތް ތަނުގައި ހަމަ ކަންކަން ކުރިއަށްދާނެ. އަޅުގަނޑުމެންގެ ޤައުމުން ބޭރު ސިފައިން އިރާދަކުރެއްވިއްޔާ ބޭލޭނެ. އަދި ވަރަށް އަވަހަށް އެކަން ހާސިލުކުރުމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާއަށްވާނެ. އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް. ހަމަ މި ގެންދެވޭ ރިވެތި ޑިޕްލޮމެޓިކް އުޞޫލުގެ ތެރެއިން ހަމަ ވަރަށް އަވަހަށް އެކަން ހާސިލުވެގެންދާނެ ކަމުގެ. އަދި މި ހިނގަމުންދާ މަޝްރޫޢުތައްވެސް މިހާރަށްވުރެ، މިސާލަކަށް، ބްރިޖް މަޝްރޫޢު. އަޅުގަނޑު ދިޔައިން، އިހަށްދުވަހު ސައިޓް ބަލައިލަން. އެދާ ސްޕީޑްގައި ދެން ކުރެވޭނީ ކޮން ކަންކަމެއްތޯ. މިހެން އުފެއްދޭ ހައި ލެވެލް ކޮމިޓީގައި ވަގުތުން ނިންމާ ނިންމުންތަކުން، ނެގޭ ޑިޒިޝަންސްތަކުން އިރާދަކުރެއްވިއްޔާ އެކަންވެސް ޙައްލުކުރެވިގެން، އެއަށްވުރެ އަވަސްވެސް ކުރެވިދާނެ ދެންހުރި މަޝްރޫޢުތައްވެސް. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި، މިދިޔަ ދުވަސްތަކަށްވުރެ މާބޮޑުތަނުންވެސް ހުރިހާ މާނައެއްގައިވެސް އަޅުގަނޑުމެންނަށް، ރައްޔިތުންނަށް ފަހިވާގޮތަށް އިރާދަކުރެއްވިއްޔާ ކަންތައްތައް ބައްޓަންވެގެންދާނެ. އެހެންވީމާ، ޖުމްލަކޮށް މި ދެ ދަތުރުގެ ތަފްޞީލަކީ މިއީ.

ދެން ޚަރަދުގެ ވާހަކަ. އަޅުގަނޑުމެން މިހާރު މި ކަނޑައަޅާފައި އޮތްގޮތަށް، ގިނަވެގެން ދެ ހަފްތާ، ގިނަވެގެން ފަނަރަ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހާމަކުރާނަން. އެހެން ދެންނެވިޔަސް، އަޅުގަނޑުމެންނަށް ހުރިހާ ޑީޓެއިލްސްތަކެއް ރެޑީކުރެވި، ތައްޔާރުކުރެވިއްޖިއްޔާ ފަހަރެއްގައި ހަމަ ދެ ދުވަސް ތެރޭގައިވެސް ހާމަކުރެވިދާނެ. ގިނަވެގެން ފަނަރަ ދުވަހުގެ ތެރޭގައި ހާމަކުރާ ވާހަކަ. އެއްވެސް އެއްޗެއް ނުފޮރުވާނަން. އަޅުގަނޑުމެން ފޮރުވާނެ އެއްޗެއް ނޯންނާނެ.

ވަރަށްގިނަ ބޭފުޅުން އަތް ނަންގަވައިފި.

މުޙައްމަދު ނައުރީފް - ޕީ.އެސް.އެމް:

އާދެ، ރައީސްގެ ތަޤްރީރުގައި ވަރަށް ބޮޑަށް އަލިއަޅުއްވައިލެއްވި، ރާއްޖެއަށް ދިމާވެފައި އޮތް ތިމާވެށީގެ މައްސަލަތަކަށް އިނގޭތޯ. ދެން ސަމިޓުގެ ތެރެއިން ހަމަ ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާވެސް ބައްދަލުކުރެއްވި. ކިހާވަރެއްގެ ކުރިއެރުމެއް ލިބިދާނެކަމަށް އުންމީދު ކުރައްވަންތޯ، މި ބައްދަލުވުންތަކާ އެކުގައި. އަދި ރައީސްގެ ތަޤްރީރާ އެކުގައި، މި ޤައުމުތަކުގެ ވެރިންނާއެކު ޙިއްޞާ ކުރެވުނު މަޢުލޫމާތަށް ބަލާފައި، ކިހާވަރެއްގެ ކުރިއެރުމެއް ލިބިދާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ، ތިމާވެށީގެ ގޮތުން ރާއްޖެއަށް ކުރިމަތިވާ އެކިއެކި ކަންކަމުން އަރައިގަތުމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ވަރަށްބޮޑު އުންމީދެއް. އުންމީދަށްވުރެ ބޮޑަށް ހަމަ ޔަޤީންކަމެއް އެބައޮތް އިނގޭތޯ. އެއީ، އަޅުގަނޑުމެންގެ މި ޤައުމުގައި މި މައްސަލަ ވަރަށްބޮޑު. މި މައްސަލަ އޮތްގޮތް އެންމެންނަށް އެނގޭ ޤައުމެއް. ދެން އަޅުގަނޑުމެން މިއޮތީ ވަރަށް ކްލިއަރލީ އަޅުގަނޑުމެންގެ ދާން ބޭނުންވާ ޓާގެޓް ހާމަކޮށްފައި. ދެން މިހާތަނަށް މި ކުރެވުނު މަސައްކަތުގައި، ވަރަށް ޔަޤީންކަން އެބަ ލިބޭ. އަދި މި ފެށުނީ އިނގޭތޯ. މި ފެށުނީ. އެހެންވީމާ، ކުރިއަށް އޮތްތާ އަދި މާ ރަނގަޅުވާނެ.

އާދަމް ޙަލީމް - މި ނޫސް:

ރައީސް ދެންމެ ފާހަގަކުރައްވައިފި، މިހާރު އިންޑިއާ ސިފައިން ގެންދަން އިންޑިއާއިން ސަރުކާރުން އެއްބަސްވެފައި އޮތް ކަމަށް ދެންމެ ވިދާޅުވެއްޖެ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނުނު، ކޮޕް ސަމިޓުގެ ހަވާސާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ރައީސް ޑޮކްޓަރ މުޢިއްޒާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި މަންޒަރު. އަޅުގަނޑުމެންނަށް ފޮޓޯތަކުން އެބަ ފެނޭ. ވީޑިއޯއިން އެބަ ފެނޭ. އެހެންވީމާ، އަޅުގަނޑު މި އެސިއުމް ކުރަނީ، ޔަޤީންކުރަނީ، ހެޑް ޓު ހެޑް ވަރަށްގިނަ ވާހަކަ ދެކެވިފައި ހުންނާނެއޭ. އެހެންވީމާ، ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވެދެއްވަފާނަންތޯ، އިންޑިއާ ސިފައިންގެ މައްސަލައިގައި، އިންޑިއާގެ އެންމެމަތީ ވެރިޔާ ރައީސް އަރިހުގައި ދެންނެވި ވާހަކައެއް. އަދި މިކަމާ ބެހޭގޮތުން މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތެއް، ސާފުކޮށް ދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ސާފުކޮށްލެވިދާނެތޯ. މި މައްސަލައަކީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ވަރަށް ނާޒުކު ޙައްސާސް މައްސަލައެއް. އަދި މި މައްސަލައަށް މުޅި ދުނިޔެ ބަލަހައްޓައިގެން އޮތް މައްސަލައަކަށްވާތީ، އެއަށްވުރެ އިތުރަށް މީގެ ތަފްޞީލަކަށް ވަޑައިގެންނެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު މި ދެންނެވީ، ވަރަށް ވިސްނުންތެރި ގޮތެއްގައި، މަރުޙަލާތަކެއްގެ ތެރެއިން އަޅުގަނޑުމެން މި އަންނަނީ ވާހަކަ ދައްކަމުން. ޓްރާންސިޝަން ޕީރިއަޑުގައި ދެތިން ބައްދަލުވުން ބޭއްވިއްޖެ. އެންމެފަހުން އައިސް ބޮޑުވަޒީރާ މި ބައްދަލުކުރެވުނީ. އެ ހުރިހާ ބައްދަލުވުންތަކުން ޔަޤީންކަން މި ލިބެނީ އަދި ހަމަ އަނގަބަހުން. މިއަދާ ހަމަޔަށް މި އައިއިރު ހުރިހާ ބައްދަލުވުންތަކުން ލިބިފައި އޮތް ޔަޤީންކަމުގެ ވާހަކަ މި ދެންނެވީ. އަދި އެކަމުގެ ތަފްޞީލުތަކާ ހަމައިގައި މިހާރު މަސައްކަތް ކުރެވެމުންދަނީ. ބައްދަލުވުމުގެ ވަރަށް ކުރު ޚުލާޞާއެއް ސީދާ ބޮޑުވަޒީރުވެސް އެބައޮތް ދެބަހުން ދެއްވާފައި. ބޮޑުވަޒީރު ދިވެހިބަހުންވެސް އެބައޮތްކަންނޭނގެ ޓުވީޓެއް ކުރައްވާފައި. ބައްދަލުވުމުގައި ވިދާޅުވި، ތިމަންނާމެން ރެސްޕެކްޓް ކުރަމޭ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަށް. ދެ ޤައުމުގެ ގުޅުން މުހިންމޭ. ޑިމޮކްރެޓިކްގެ ނިންމުމަށް ތަބާވެގެން ކުރިއަށްދިޔުމޭ ދިވެހިރާއްޖެއަށް އަދި މި ސަރަޙައްދަށް އެންމެ ރަނގަޅު ގޮތަކީ.

ވަރަށްގިނަ ބައްދަލުވުންތައް އެހިސާބަށް އައިއިރުވެސް ބޭއްވިއްޖެ، ޓެކްނިކަލް ލެވެލްގައިވެސް އަދި ވަރަށްމަތީ ފެންވަރުގައި. ވަރަށް ތަފްޞީލު ލެވެލްއަކަށް ވާހަކަ ދެކެވިފައި އެހުރީ. އެހެންވީމާ، އެ ބައްދަލުވުމާ ހަމަޔަށް އައިއިރުގައި އެއީ އޭގެ ކަލްމިނޭޝަނެއްގެ ގޮތަށް، ނޫނީވިއްޔާ އޯވަރއޯލްކޮށް އައި ޚުލާޞާ ބައްދަލުވުމެއް ގޮތަށް އައި ބައްދަލުވުމެއްގައި އެއޮތީ އެ ވާހަކަ ދެކެވިފައި. ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ، އިންޑިއާ ސިފައިން މިތަނުން ބާލަން ތިމަންނާމެން ބޭނުމޭ. 54 ޕަސެންޓް ޔަޤީންނުންވެސް އެއޮތީ އެހެން ބުނެފައި. އަދި އެއަށްވުރެ ގިނަ ރައްޔިތުންވެސް ޙަޤީޤަތުގައި ބުނޭ.

އެހެންވީމާ، ރައްޔިތުން ބޭނުންވާގޮތް އެއޮތީ ރައްޔިތުން ނިންމާފައި ކަން އެ މީޓިންގގައި އެކްނޮލެޖް ކުރެވުނު. އަދި އޭގެ އަލީގައި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން ބަދަހިވާނެ ކަމަށް، އެ ނިންމުމަށް ތިމަންނާމެން އިޙްތިރާމު ކުރާނަމޭ. އެ ބިންގަލުގެ މަތީގައި ކުރިއަށް އޮތް ތަނުގައި، ދެ ޤައުމުގެ ގުޅުން ރަނގަޅުވެގެންދާނެ ކަމާއި، ބަދަހިވެގެންދާނެ ކަމާއި އަދި އިތުރަށް ފުޅާވެގެންވެސްދާނެ ކަމަށް ތިމަންނަމެން އުންމީދު ކުރަމޭ. އަޅުގަނޑު ގަބޫލުކުރަނީ، އަދި އަޅުގަނޑުވެސް ހަމަ ޔަޤީންވެސް ކުރަނީ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް، މި ޤައުމުން އިންޑިއާގެ ސިފައިން ހަމަ ވަރަށްކުރު މުއްދަތެއްގެ ތެރޭގައި ގެންދާނެ ކަމަށް. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މި ބޭނުންވާ ކަންތައް ހާސިލުވާނެ. އަދި އޭގެ އަލީގައި ކުރިއަށް އޮތް ތަނުގައި ކޮންމެ ގޮތެއްވިޔަސް އިރާދަކުރެއްވިއްޔާ، ހަމަ ރިވެތި ގޮތުގައި ގުޅުން ކުރިއަށްދާނެ ކަމަށް.

މުޙައްމަދު ނާއިލް ޙަފީޒް - އެސް.އެސް.މީޑިއާ:

މަނިކުފާނު ފާހަގަކުރައްވައިފި، ތުރުކީއާ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި ކަމަށް. ކޮބައިތޯ މައިގަނޑު ގޮތެއްގައި މި އެއްބަސްވުމާ އެކީގައި ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ވިޔަފާރީގެ ގޮތުގައި، ކާޑުގެ ބާވަތްތައް ކަމުގައިވީނަމަވެސް ނުވަތަ އެހެނިހެން ބާވަތްތައް ކަމުގައިވީނަމަވެސް، ރާއްޖެއަށް ލިބޭނެ ފައިދާއަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ޝުކުރިއްޔާ އިނގޭތޯ.

ދެންމެގައި މިނިސްޓަރ ޒަމީރު އެ ފާހަގަކުރެއްވީ އަޅުގަނޑު ކައްސާލި ޕޮއިންޓެއް. މަހުގެ ބާވަތްތައް އިނގޭތޯ. ވިޔަފާރި ވަރަށް ފުޅާކުރާގޮތަށް މިއޮތީ އިނގޭތޯ. ވިޔަފާރީގެ ވޮލިއުމް މިނިމަމް މި އަހަރު ޑަބަލްކުރަނީ. މާނައަކީ އެންމެ މަދުވެގެން ދެގުނަ. ދެން އޭގެތެރެއިންވެސް ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން. ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓް ކުރެވޭނެ ގޮތެއް ހޯދުން. މިހާރު ވަރަށްބޮޑު ޓެރިފެއް މި އޮންނަނީ. ދެން ހަމަ ވަރަށް ވަރަށް ޕޮޒިޓިވްކޮށް އެކަން އޮތީ ބަލައިގެންފައި. ރާއްޖެއަށް ޚާއްޞަ އެކްސެޕްޝަނެއް އޭގައި ދެވޭނެގޮތެއް. ރާއްޖެއަށް އޭގައި ވަރަށް ކުޑަ ޓެރިފަކާ ހަމަޔަށް ކުޑަކުރެވޭނެ ގޮތެއް ބަލައި، އެކަމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އެކަން ވެގެންދާނެ ވަރަށްބޮޑު ކުރިއެރުމަކަށް ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ލިބިގެންދާ. އެހެންވީމާ، އެއީ ޚާއްޞަކޮށް ފާހަގަކޮށްލާ ކަމެއް.

ދެން އޭގެއިތުރަށް، އެކި ބާވަތްތަކުގެ ވިޔަފާރީގެ ފުރުޞަތުތައް. އޭގެތެރޭގައި ކޮންސްޓްރަކްޝަން ދާއިރާވެސް. އެކި ދާއިރާތަކަށް ހަމަ ވަރަށް ބޮޑަށް އަޅުގަނޑުމެން ހުޅުވާލާގޮތަށް މިއޮތީ.

ފާޠިމަތު ޝާނާ މުޙައްމަދު - މިހާރު:

ރައީސްގެ ދަތުރުފުޅުގައި، މާލީ އެކި އިދާރާތަކާވެސް ބައްދަލުކުރެއްވި ތަން ފެނުނު. އެއްވެސް އިދާރާއަކުން ފައިނޭންސިންގއެއް ސެކިއުއާ ކުރެވިފައިވޭތޯ؟ ކުރެވިފައިވާނަމަ އެއީ ކިހާ ޢަދަދެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ބަޖެޓް ސަޕޯޓް ހޯދުމުގެ ވިސްނުމަކު ނޫން އިނގޭތޯ އަޅުގަނޑުމެން. ބަޖެޓް ސަޕޯޓް އިމީޑިއަޓްލީ މިއަދު، މާދަމާ ބޭނުންވާ ބަޖެޓް ސަޕޯޓަކަށް ނޫން އަޅުގަނޑުމެން މި ޓާގެޓް ކުރީކީއެއް. މި ބެލީ މެދު ރާސްތާ އަދި ދުރު ރާސްތާއަށް އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ބައްޓަންކޮށް ހަރުދަނާ ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެ ގޮތުގެ މައްޗަށް. މި ދެންނެވީ އިޢާދަކުރުމުގެ ދެމެހެއްޓެނިވި ރިނިއުބަލް އެނަރޖީގެ ދާއިރާއިންނާއި، އެކިކަހަލަ އިންވެސްޓްމަންޓްތަކުންނާއި، އެސް.އީ.ޒެޑް.ގެ ފުރުޞަތުތަކާއި، ވިޔަފާރި ފުޅާކުރުމާއި، މިފަދަ ކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި މި ދާއިރާތަކުން މާބޮޑުތަނުން ފުޅާވެގެންދާނެ.

ދެން ބަޖެޓް ސަޕޯޓް ކަންތަކުގައިވެސް އަޅުގަނޑުމެން އެކިއެކި ފުރުޞަތުތައް ހޯދަން އެބަ މަސައްކަތް ކުރަން.

އަޙްމަދު ޢާއިދު - ޢަދަދު:

ރައީސް އޮފީހުގެ ބޭފުޅުން އެ ވިދާޅުވީ، އެއް ސުވާލު ކަމަށް ކުރެވޭނީ. އަޅުގަނޑު އުންމީދު ކުރަން، ވަރަށް ކައިރި މުސްތަޤްބަލެއްގައި ގިނަ ސުވާލުތަކެއް ކުރެވޭނޭ ފުރުޞަތުތަކެއް ލިބޭނޭކަމަށް. އެކަމަކު އެންމެ މުހިންމު ސުވާލަށް ޖެހިލާނަން. އިންޑިޔާ ސިފައިންގެ ވާހަކަ ތަކުރާރުކޮށް ރައީސް ވިދާޅުވެއްޖެ. ވިދާޅުވެއްޖެ، އިންޑިޔާގެ ޕްރައިމް މިނިސްޓަރ އަދި ފަހުންވެސް ޓުވީޓް ކުރެއްވި ކަމަށް. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައީސް އޮފީހުގެ ވެބްސައިޓް ބަލައިލާއިރުވެސް، އިންޑިޔާ ފޮރިން މިނިސްޓްރީގެ ވެބްސައިޓް ބަލައިލާއިރުވެސް، ޓްވީޓްތަކަށް ބަލައިލާއިރުވެސް، އެއްވެސްވަރަކަށް އިންޑިޔާ ސިފައިންގެ ވާހަކަ މަޝްވަރާ ކުރެވުނުކަމަކަށް މެންޝަން ކޮށްފައެއް ނެތް. އެ ވާހަކަ ދެކެވުނު ކަމުގެ ޔަޤީންކަމެއް ދެއްވިދާނެތޯ.

ދެވަނަ ސުވާލަކަށް، މިވަގުތު އިންޑިޔާ ސިފައިން ރާއްޖޭގައި އެތިބީ ދިވެހި ސަރުކާރުގެ ނުރުހުމުގައި ގަދަބާރުންތޯ. ދެން ކިހާ މުއްދަތެއްގެ ތެރޭގައި އެ ބޭފުޅުން ފޮނުވައިލެވޭނެ ކަމަށް ގަބޫލުކުރައްވަންތޯ؟ މިކަންކަމުގެ ކަޓްއޮފް ޑޭޓެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިޔަ ހުރިހާ ޑީޓެއިލްތަކަކަށް މިހާރު ފަންނީ ލެވެލެއްގައި ކޮމިޓީއެއް ހެދިގެން މަޝްވަރާ ކުރެވެމުން ދަނީ.

މާހަތު ޙުސައިން ރަޝީދު - ސަންގު ޓީވީ:

ރައީސްވެސް ދެންމެ ފާހަގަކުރައްވައިފި، މި ދަތުރުތަކުގެ ތަފްޞީލުތައް، ފަނަރަ ދުވަހުގެ ތެރޭގައި ޢާންމު ކުރައްވާނެކަން. ދެން ދަތުރުތަކަށް އެ ކުރައްވާ ޚަރަދުތަކާ އެކީގައި، އެންމެ ބޮޑަށް އަންނަ އަނެއް ޝަކުވާއަކީ، މި ޑެލިގޭޝަން ޓީމްތަކާ ގުޅޭގޮތުން. ކިހާ އަދަދެއްގެ މެންބަރުންގެ ވަފުދެއްތޯ މިދަނީ. އަދި ހަމަ އެއާއެކީގައި، އެކަމާ ގުޅުންހުރި ކިހާވަރެއްގެ ބަޔަކުތޯ ނުވަތަ ބޭފުޅުންތަކެއްތޯ އެކަމުގައި މި ބައިވެރިވަނީ؟ އެހެންވީމާ، މަނިކުފާނު އެއްވެސްވަރަކަށް ބައްލަވާނަންތޯ، މިގޮތަށް އެކި ދަތުރުތަކުގައި ވަޑައިގަންނަވާއިރުގައި، ޑެލިގޭޝަން ޓީމަކީ އެއީ ވީހާވެސް މިނިމައިޒްޑް ޓީމަކަށް ހެއްދެވުމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު ވަރަށް ބޮޑަށް ސެންސިޓިވް ކަމެއްގެ ގޮތުގައި އިސްކަމެއްދޭ ކަމެއް ތީ. މިފަހަރުވެސް އަޅުގަނޑު ހަމަ ބެލިން، ސުވާލުކުރިން، މިހާ ބޭފުޅުން މިދަނީ ކޮން ކަމަކުތޯ. ކޮން ބޭފުޅުންނެއް މިދަނީ، ކޮން ބޭނުމަކުތޯ؟ އަޅުގަނޑާ ހަމައަށް ލިސްޓް އަންނަންވާނީވެސް، އެ ލެވެލްގައި އެ ހުރިހާ ކަމެއް ބެލިގެން. އެ ބޭފުޅުން ބައްލަވާފައި ފޮނުވީވެސް. އެވަރުންވެސް އަޅުގަނޑު ސުވާލުކުރިން. ޕޮއިންޓަކީ ވަރަށް އިސްކަންދޭ ކަމެކޭ ވީހާވެސް ޚަރަދުކުޑަކުރުމަކީ.

ދެން މި ދަތުރުގައި އިދާރީ ބޭފުޅުން އިތުރަށް ބައްލަވާފައި ވިދާޅުވީމަ އަޅުގަނޑަށް އެނގޭނީ. އަޅުގަނޑަށް އެނގިގެން ހަމަ ޔަޤީނުންވެސް އެކޮމޮޑޭޝަނަކަށް ޚަރަދެއް ހިނގާފައެއް ނެތް ތުރުކީގައެއް. ދެން ކޮޕް-28ގައި އަޅުގަނޑުމެން ތިބި ތަނުގައި، އަޅުގަނޑުމެންގެ ވަކި ޓީމެއް މިދަނީ. އަޅުގަނޑާ އެކީގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަކި އަދަދަކަށް އެ ބޭފުޅުން ހޮސްޕިޓާލިޓީ ހަމަޖައްސާފައިކަންނޭނގެ އޮތީ. ދެން ޓެކްނިކަލް ލެވެލްގެ، ތިޔަބޭފުޅުންނަށް ހަމަ ހޯދައިލެވިދާނެ މިއަދުވެސް އިނގޭތޯ މަޢުލޫމާތު. މާނައަކީ ހުރިހާ މަޢުލޫމާތެއް ދޭނަން އިނގޭތޯ. އެއްވެސް އެއްޗެއް ނުފޮރުވާނަން. ހުރިހާ މަޢުލޫމާތެއް ޙިއްޞާކުރާނަން ހަމަ އިނގޭތޯ. އަޅުގަނޑު ބޭނުންވަނީ ވީހާވެސް ކުޑަ ޚަރަދެއް ކޮށްގެން ދާން.

ދެން ހަމަ ދަންނަވަންތޯ. އަޅުގަނޑު އޮންނާނީ މިހާރު ދަންނަވާފައި. މި ދަތުރުގައިވެސް އަޅުގަނޑު ދެންނެވިން، ޗީފް އޮފް ސްޓާފަށްވެސް އަދި ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރަށްވެސް، އަޅުގަނޑު އަދި ނައިބު ރައީސްވެސް ބޭނުމެއް ނޫނޭ ފަސްޓް ކްލާހުގައިވެސް ދަތުރުކުރާކަށް އިނގޭތޯ. އެކަމަކު މިފަހަރު ކަންދިމާވި ގޮތް ދަންނަވަންތޯ. ބިޒްނަސް ކްލާހަކުން ޓިކެޓެއް ނުލިބުނު. ފުލްވެފައި އޮތީ. ދެން މި ބޭފުޅުން ވިދާޅުވެއްޖެ، ދެން ތިމަންނާމެންނަކަށް ނެތޭ އެއްވެސް ގޮތެއް. އަޅުގަނޑާއި ޕީ.އެސް.އޯ.އާ، މާނައަކީ ސެކިއުރިޓީ އޮފިސަރާ އެބަ ލާންޖެހެއޭ ފަސްޓް ކްލާހަށް. ދެން އަދިވެސް ޗެކްކުރަން، ހަމަ ތަކުރާރުކޮށް އަޅުގަނޑު ދެންނެވިން. ބައްލަވާފައި އެ މީހުންނަށް ފުރުޞަތު ނުލިބިގެން އަޅުގަނޑަށް ޖެހުނީ ފަސްޓް ކްލާހުގައި ދާން. އަޅުގަނޑު ބޭނުމެއްނޫން ފަސްޓް ކްލާހުގައި ދަތުރުކުރާކަށެއް. ބިޒްނަސް ކްލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބު ރައީސްވެސް ނުދާނެ އިނގޭތޯ. އެހެންވީމާ، ޚަރަދުކުރުމެއް ނޫން ބޭނުންވަނީ. މި ބޭނުންވަނީ ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ކުރިއެރުމެއް ލިބޭނެ ކަންތައްތަކެއް މި ދަތުރުތަކުން ވާން އިނގޭތޯ. އެއްވެސް އެއްޗެއް ނުފޮރުވާނަން، ހަމަ ހާމަކުރާނަން ވީހާވެސް އަވަހަކަށް.

އަޙްމަދު ޢާއިދު - ޢަދަދު:

އަޅުގަނޑުގެ ސުވާލަށް ޖަވާބެއް ނުދެއްވާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން، ނޫން ޖަވާބުދޭނަށް. ކޮން ޖަވާބެއްތޯ ނުދެވެނީ.

އަޙްމަދު ޢާއިދު - ޢަދަދު:

އަޅުގަނޑު ދެންނެވީ، އެއްވެސް އޮފިޝަލް ނިއުސް ލެޓަރއެއްގައި، އެއްވެސް އެއްޗެއްގައި އިންޑިޔާ ސިފައިންގެ މަޝްވަރާތައް ކުރިޔަށްދިޔަކަމަށް ނެތީމަ އެ ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން، އަޅުގަނޑު ދެންނެވިން. ވަރަށް ސާފުކޮށް ދެންނެވުނުކަންނޭނގެ. ބައިވަރު ބައްދަލުވުންތައް ބޭއްވިއްޖެއޭ. އެ ބައްދަލުވުމުގެ ވާހަކަ ދެއްކުނު ލެވެލްއަށް އެއޮތީއޭ ބޮޑުވަޒީރުވެސްއެ ހާމަކުރައްވާފައި. ވަރަށް ޚުލާޞާގޮތަކަށް ނޫންހޭ އެވާހަކަ އެ ދެކެވުނީ. އެހެންވީމާ، އަޅުގަނޑު އެއަކު ނުފޮރުވަން އެއްޗެއް އިނގޭތޯ.

އަޙްމަދު ޢާއިދު - ޢަދަދު:

ދެން ކީއްވެގެންތޯ، ރައީސް އޮފީހުގައި އަދި ފޮރިން މިނިސްޓްރީގައިވެސް، އެއްވެސް ތަނެއްގައި އެ ވާހަކަ ނެތީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑަކަށް ނޭނގެ. ނެތްތޯ؟ ހަމަ ޔަޤީނުންވެސް އަޅުގަނޑު މިތާނގައި މި ދައްކަނީ ރަސްމީކޮށް ހަމަ ދައްކާ ވާހަކަ، އަޅުގަނޑުގެ މަޤާމުގެ ހައިސިއްޔަތުން ދޮގެއްތޯ.

އާދަމް ނަޒީރު - ހަތާވީސް އޮންލައިން:

އިންޑިޔާ ސިފައިންގެ ވާހަކަ ދައްކާއިރު، މި ކެމްޕެއިން ތެރޭގައިވެސް ވަރަށް ބޮޑަށް ދެކެވިގެންދިޔަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުދޭވަރަކަށް ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ތިބި ކަމަށް ބައެއް މީޑިއާތަކުގައި. ހާހުން، ދެހާހުން އިންޑިޔާ ސިފައިން ތިބިކަމަށް ފާހަގަކުރޭ. އެހެންނަމަވެސް، ރައީސް އޮފީހުން އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަޅުގަނޑުމެންނަށް ހާމަވެގެން ދިޔައީ، ގާތްގަނޑަކަށް ހަތްދިހަވަރަކަށް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމަށް މިހާތަނަށް ތިޔަބޭފުޅުންނަށް ސަރުކާރަށް ލަފާކުރެވިފައިވާ ކަމަށް. ކީއްވެގެންތޯ މިހާ ބޮޑެތި، މިހާ ޢަދަދުގެ ބޮޑު ތަފާތެއް އަޞްލު މިއައީ. ކެމްޕެއިންގައި އޭރު ދެއްކި ވާހަކައާއި އަދި މިހާރު މި ޢަދަދުގެ ގޮތުން މިއައި ތަފާތަކީ ކޮބައިތޯ؟ ރައީސް ކޮންމެވެސްވަރަކަށް އެކަން ތަފްޞީލު ކޮށްދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ޖެހޭނީ ހަމަ އިތުރަށް އަދި ބަލައިލަން ތިޔަ ޢަދަދާ ބެހޭގޮތުން އިނގޭތޯ. ޢަދަދު ޗެކްކޮށްފައި އަޅުގަނޑު ދަންނަވާލާނަން.

ޢާއިޝަތު އަފްޝާން - ވަން މީޑިއާ:

އިންޑިޔާގެ ބޮޑުވަޒީރާއެކު މި ކުރެވުނު މަޝްވަރާގެ ތެރެއިން މިހާރު މި ހިނގާ މަޝްރޫޢުތަކުގެ އިތުރުން، އިތުރު މަޝްރޫޢެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން، އެ ލެވެލްއަކަށް ނުދަން. ހަމަ ވަރަށް ޖުމްލަ ގޮތެއްގައި ވާހަކަ ދެކެވުނީ. ވަރަށް ކުރުކުރު ބައްދަލުވުމެއް.

އަޙްމަދު ސަދޫފް - ރާއްޖެ ޓީ.ވީ:

ރައީސް، ހަމަ ޢާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ހުރި ކަމެއްވީމާ. އުތުރު ތިލަފަޅުގެ އެއްބަސްވުން ފަދަ އެއްބަސްވުން ހާމަކުރައްވާނީ ކޮން ވަގުތަކުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިހާރު އުތުރު ތިލަފަޅާ ބެހޭގޮތުން ޑިފެންސް މިނިސްޓްރީއާއި އިންޑިޔާ ހައިކޮމިޝަނާ އެކީގައި، އަދި ފޮރިން މިނިސްޓްރީއާ އެކީގައި ޓްރައިޕަޓައިޓްކޮށް، ކޮމިޓީއެއް ހަދައިގެން އެބަ ކުރިއަށް ގެންދަން. އެ ހަމަ ނިމުނުހާ އަވަހަކަށް ހާމަކުރާނަން. ހަމަ ހުރިހާ ތަފްޞީލެއް ލިބޭނެ.

އަޙްމަދު މިޒްޔާލް - ދައުރު ނިއުސް:

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޕީ.ޕީ.އެމް.އިން ވަކިވެވަޑައިގަތުން، މިއީ ކިހާވަރެއްގެ ޗެލެންޖެއްތޯ މަނިކުފާނަށް. ދެން އާ ޕާޓީއެއް އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވުމަކީ، މަޖިލިސް އިންތިޚާބު، ސަރުކާރަށް ގެއްލިދާނެ ކަމެއް ކަމަށް ޤަބޫލުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ދެކޭގޮތުގައި ޤައުމު ކުރިއެރުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާ އެކީގައި ޤައުމު އިސްކޮށްގެން ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ ވަރަށް ރަނގަޅު ގޮތެއް އެއީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޤައުމުގައި ތިއްބެވި ސިޔާސީ ހުރިހާ ވެރިންވެސް ބޭނުންވާނީ ޤައުމަށް ރަނގަޅުގޮތްވާން. އަޅުގަނޑު މިހުރީ އަޅުގަނޑުމެންނާ އެކީގައި، ޤައުމީ ވިސްނުމުގައި ކުރިއަށްދާން ބޭނުން ހުރިހާ ބޭފުޅުންނާ އެކީގައި ކުރިއަށްދާން.

އަޅުގަނޑު ހުވާކޮށްފައި ދެއްކި ވާހަކައިގައި ދެންނެވިން، ޤައުމު އިސްކުރައްވާށޭ ހުރިހާ ބޭފުޅުން. އެކުވެރިވާށޭ. ބައިބައިނުވާށޭ. އިރާދަކުރެއްވިއްޔާ، އެގޮތަށް ކުރިއަށްދާނެ. އަދި ޗެލެންޖްތައް ކުރިމަތިވަންޏާ، އެ ޗެލެންޖްތަކާ އެކީގައިވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ހަމަ ޤައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ. އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑެތި ކަންތައްތަކެއް އުފެދިގެންދާނެ ކަމަކަށް.

އަޙްމަދު އިޔާދު - ދަ ޕްރެސް:

ރައީސް ކޮޕް ސަމިޓްގައި ހަމަ ފާހަގަކުރެއްވި، މިހާރު 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކާއި، ދެން 4 ޕަސެންޓުން 33 ޕަސެންޓަށް ސޯލަރ އިތުރުވާ ވާހަކަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސޯލަރ އެކަންޏެއް ނޫން. ހަމަ ހުރިހާ ވައްތަރެއްގެ ރިނިއުބަލް އެނަރޖީ އިނގޭތޯ.

އަޙްމަދު އިޔާދު - ދަ ޕްރެސް:

ދެން އަޅުގަނޑުގެ މި އުފެދޭ ސުވާލުތަކެއް. ދެން އަޅުގަނޑަށް ހަމަ ރަނގަޅު، ދެތިން ސުވާލެއް މިކަމާ ގުޅިގެން ކޮށްލަން ފުރުޞަތެއް ދެއްވިއްޔާ. އެއީ، މިހާރު މަޝްރޫޢަށް ފައިސާ ހަމަޖެހިއްޖެތޯއާއި، ދެން ކޮންއިރަކުންތޯ މަޝްރޫޢުތައް ފެށޭވަރުވާނީ. ދެން ރައީސް، ކިހާ ޔަޤީންކަމެއް އެބައޮތްތޯ، 4 ޕަސެންޓުން 33 ޕަސެންޓަށް އިތުރުކުރެވޭނެ ކަމުގެ، 5 އަހަރު ތެރޭގައި. ކިހިނެއް ބައްލަވާފައިތޯ ރައީސް މިގޮތަށް މި ކަލްކިއުލޭޓް ކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ފައިސާގެ ކަންތައް އަދި އިއްޔެ ނޫން ކުރީ ދުވަހު ހާމަކުރީ. ދެ ދުވަސް ތެރޭގައި މިހާވަރު ކޮމިޓްވެފައެއް އަދި ނުއެއް ނެތް އިނގޭތޯ. އެހެންނަމަވެސް، ހަމަ ޖުމްލަކޮށް، ވަރަށް ޔަޤީންކަން އެބަ ލިބޭ. އަޅުގަނޑުމެންނަށް ދެގޮތަކަށް މިކަން ކުރަން ރާވާފައި މިއޮތީ. ޑައިރެކްޓް ފައިނޭންޝަލް އެސިސްޓެންސް. ދެން އިންވެސްޓްމަންޓް. ދެގޮތުން މިކަން ކުރެވޭނެ. ދެން 33 ޕަސެންޓަކީ ގާތްގަނޑަކަށް ސިކްސް ހަންޑްރެޑް މިލިއަން ޑޮލަރސްގެ އިންވެސްޓްމަންޓް، ނޫނީވިއްޔާ އެހީތެރިކަން. 5 އަހަރު ތެރެއަށް ބަލާއިރުގައި، މިހާރު މި ކޮމިޓްވާ އަދަދުތަކަށް ބަލާއިރުގައި، ރާއްޖެ ކަހަލަ ޤައުމަކަށް އެއީ ހަމަ ވަރަށް ފަސޭހައިން އެޗީވް ކުރެވޭނެ ކަމެއް. އިރާދަކުރެއްވިއްޔާ އެކަން ވާނެ. ސަތޭކަ ޕަސެންޓް، އެކަން އެނގޭ. ކިހާވަރެއްގެ ޔަޤީންކަމެއްތޯ ސުވާލުކުރީ. ފުރިހަމަ ޔަޤީންކަން އެބައޮތް.

އަޙްމަދު އިޔާދު - ދަ ޕްރެސް:

33 ޕަސެންޓަށް ކިހިނެއްތޯ؟ ރައީސް ކަލްކިއުލޭޓް ކުރައްވާފައިތޯ އެގޮތަށް ވިދާޅުވީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގެ ތެރެއިން، އެންވަޔަރަންމަންޓް ޓީމުގެ ތެރެއިން މަޝްވަރާ ކޮށްފައި.

މުޙައްމަދު ފަޒްލޫން - ދިވެހި ޗެނަލް:

ރައީސް ހަމަ ފާހަގަ ކުރައްވައިފި، ޕްރޮޑަކްޓް ލޮސް އެންޑް ޑެމޭޖް ފަންޑް އެހެންނޫންތޯ. މަދުވެގެން ހަސަތޭކަ މިލިއަން ޑޮލަރު ބޭނުންވާ ކަމަށް، ރައީސް ވިދާޅުވެފައި މިވަނީ ސަމިޓްގައި. ހަސަތޭކަ މިލިއަން ޑޮލަރު މި ހޭދަކުރައްވާނީ ހަމަގައިމުވެސް ތިމާވެށްޓާ ބެހޭ ކަންކަމަށް. ގްލޯބަލް ވަރމިންގެ އިތުރުވުންވެސް، ކުނި މެނޭޖް ކުރުމާއި، މިފަދަ ކަންތައްތައް. ކޮބައިތޯ ރައީސް އެ ތަރުތީބު ކުރައްވާނެ ގޮތަކީ، ކެޓަގަރައިޒް ކުރައްވާނެ ގޮތަކީ، ކޮޕް-28 ސަމިޓުގައި އަލިއަޅުއްވައިލެއްވި ކަންތައްތަކާ ގުޅިގެން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ހަކަތަ އުފެއްދުން. ސޯލަރ ވިންޑް ޕަވަރ ޕްރޮޖެކްޓްސް ހިންގުން، އެންމެ އިސްކަމެއް ދޭނެ ކަމަކީ ގައިމުވެސް އިނގޭތޯ. ދެން އޭގެ އިތުރަށް، ޝޯ ޕްރޮޓެކްޝަން މަޝްރޫޢުތައް ހިންގުމާއި، ކުނި މެނޭޖް ކުރުމާއި، މިކަހަލަ މަޝްރޫޢުތައް ހިންގުމަށް ހަމަ އެންމެ އިސްކަމެއް ދެވޭނެ. ދެން އެ ކަންކަން ކޮށްފައި، ދެން އިތުރު ކަމަކަށް ފައިސާ ހުރިއްޔާ، ހަމަ އެކިކަހަލަ ކްލައިމެޓް އެޑަޕްޓޭޝަން މަޝްރޫޢުތައް ކުރިއަށްދާނެ ހަމަ އިނގޭތޯ.

އާ ސުވާލެއް، އިތުރު، އެހެން ބޭފުޅަކު އެބަހުންނެވިތޯ، ނެތް ދޮގެއްތޯ؟ އެހެންވީމާ، ފަހު ސުވާލު.

އަޙްމަދު ޢާއިދު - ޢަދަދު:

ވިދާޅުވެއްޖެ ރައީސް މިހާރު އެއްބަސްވެފައިވާ ގޮތުން އިންޑިޔާ ސަރުކާރުން އިންޑިޔާ ސިފައިން ގެންދަން. އަޅުގަނޑުގެ ސުވާލަކީ އެހެންކަމަށްވާނަމަ، ސަރުކާރުން ތިޔަވިދާޅުވާ ހަތްދިހަ ހަތް ސިފައިންގެ އޮޕަރޭޝަންތައް ހުއްޓައިނުލައްވާ ކުރިއަށް ގެންދަވާނީތޯ، ނުވަތަ ހުއްޓާލައްވާނަންތޯ އެ މުއްދަތުގައިވެސް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިހިރީ ވަރަށް ޑީޓެއިލް ސުވާލުތައް ނޫންތޯ. މިހާރު ދެ ލެވެލެއްގެ ކޮމިޓީއެއް އުފެދިފައި ވަނީ. އަޅުގަނޑުމެން މި ޕްރައިމް މިނިސްޓަރާ މީޓްވުމުގެ ކުރިން މިއޮތީ ޓެކްނިކަލް ލެވެލްގެ މިޑް ލެވެލް ކޮމިޓީއެއް އުފެދިފައި. މީޓިންގގައި މި ނިމުނީ ހައި ލެވެލް ކޮމިޓީއެއް އުފައްދަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް ތިޔަ ހުރިހާ ސުވާލަކަށް އިރާދަކުރެއްވިއްޔާ ވަރަށް ސާފު ޖަވާބުތައް ދެވޭނެ އިނގޭތޯ.

އަޙްމަދު ޢާއިދު - ޢަދަދު:

މީޓިންގގައި އެއްބަސްވި، ކޮމިޓީން އިންޑިޔާ ސިފައިންގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށް. އެއީ އިކޮނޮމިކް މަސައްކަތްތައް ކުރިއަށް ގެންދާ ކޮމިޓީއެއް ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ރައީސް އޮފީހަކުން ނުދެއްވާނެ ތި މަޢުލޫމާތެއް އިނގޭތޯ. އަޅުގަނޑު މި ދަންނަވަނީ ތެދު މަޢުލޫމާތު، ހުރިހާ ކަމަކާ ބެހޭގޮތުން. އަޅުގަނޑު ހުށަހެޅީ. ޕްރައިމް މިނިސްޓަރ ޤަބޫލުކުރެއްވީ ވަގުތުން. އެ މީޓިންގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މިތާނގައިވެސް އެބަ ތިއްބެވި. މި ހުންނެވީ ޚާރިޖީ ވަޒީރުވެސް އިނގޭތޯ. ދެންވެސް ބައެއް ބޭފުޅުން އެތާ ތިއްބެވި. ނަޞީރުވެސް ހުންނެވި އިނގޭތޯ. ދެން އިންނެވީ ޢަލީ ނަޞީރު ދޮގެއްތޯ. އާދެ، ދެތިން ބޭފުޅުން ތިއްބެވި އިނގޭތޯ. ދެން އެބޭފުޅުންގެ ފަރާތުން އިންނެވި ފޮރިން މިނިސްޓަރ. އެބޭފުޅުންގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިންނެވި. އަޅުގަނޑު މި ދެންނެވީ ހެކިތައް.

އަޙްމަދު ޢާއިދު - ޢަދަދު:

އާދެ، އަޅުގަނޑުގެ ރެކޯޑުގައި އޮތް. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ ވިދާޅުވި، އެ ކޮމިޓީން އިންޑިޔާ ސިފައިންގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދަވާނެ ކަމަށް. އެ ކޮމިޓީއަކީ އިކޮނޮމިކް މަސައްކަތްތައް ކުރުމަށް ގެންދާ ކޮމިޓީއެއް ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެންވީމާ، މަޢުލޫމާތު ރަނގަޅު ކޮށްލަން ދަންނަވާނަން އިނގޭތޯ.

އާދެ، ޝުކުރިއްޔާ. ޝުކުރިއްޔާ އިނގޭތޯ ވަރަށް ބޮޑަށް. އަދި ކުރިއަށް އޮތް ތާނގައިވެސް ދެން ހުރި ކަންކަމަށްވެސް އަޅުގަނޑު މީޓް ކުރަމުންދާނަން، އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ އިނގޭތޯ. ތިޔަބޭފުޅުން ވަޑައިގެންނެވީތީ ވަރަށް ބޮޑަށް އުފާކުރަން.

وَالسَّلَامُ عَلَيْكُمْ.