ބަރުމާގެ އިދިކޮޅު ލީޑަރ އަންގ ސަން ސޫ ޗީ ދޫކޮށްލުމަށް ބަރުމާގެ އަސްކަރީ ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ޓިމޯރ-ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާ ގޮވާލައްވައިފިއެވެ. މިދެބޭފުޅުން މިކަމަށް ގޮވާލެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ވެރިންގެ ތެރެއިން އަންގ ސަން ސޫ ޗީގެ މިނިވަންކަމަށް ކެނޑިނޭޅި ގޮވާލައްވަމުން ގެންދަވާ ހަމައެކަނި ބޭފުޅަކީ ރައީސް ރާމޮސް-ހޯތާކަން ފާހަގަކުރެއްވިއެވެ. އަދި، އަންގ ސަން ސޫ ޗީ ދޫކޮށްލުމަށް ބާރުއެޅުމުގެ ގޮތުން ބަރުމާއަށް ހަތިޔާރު ހޯދުމުގެ ދަތިތައް ކުރިމަތިކުރުމަށް ޑޮކްޓަރ ރާމޮސް-ހޯތާ ދުނިޔެއަށް ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ރާމޮސް-ހޯތާއާ ދެބޭފުޅުންގެ ދެމެދުގައި ބޭއްވެވި މަޝްވަރާތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ދެޤައުމުގެ ދެމެދުގައި ވަރަށް ގިނަ ކަންތައްތަކުގައި މަޝްވަރާ ކުރެއްވި ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯއްދެވުން ފަދަ ދެޤައުމަށްވެސް މުހިންމު ކަންކަމުގައި ކުރިއަށް އޮތްތާނގައި މިހާރަށްވުރެ ބޮޑަށް އެއްބާރުލުން އިތުރު ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް ރާމޮސް-ހޯތާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަކީ މިނިވަންކަމާއި އިންސާނީ ޙައްޤުތައް ހޯއްދަވައިދެއްވުމުގައި އޭޝިޔާއަށް ހުރި މިސާލެއް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ހިތްވަރުފުޅާއި ވަރުގަދަ ޢަޒުމް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ތަޢުރީފް ކުރެއްވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ރާމޮސް-ހޯތާއާ ދެބޭފުޅުން ޖަވާބުދެއްވިއެވެ.
މިޕްރެންސް ކޮންފަރެންސްގެ ކުރިން ދިވެހިރާއްޖެއާއި ޓިމޯރ-ލެސްތޭއާ ދެޤައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މިއަދު ސޮއިކުރެވުނު ދެ އެއްބަސްވުމަކީ، ދެޤައުމުގެ ދެމެދުގައި ޘަޤާފީ ގުޅުން ބަދަހިކުރެއްވުމާބެހޭ އެއްބަސްވުމަކާއި، ވިސާ އެގްރީމެންޓެކެވެ. މި ދެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދެވެ. އަދި ޓިމޯރ-ލެސްތޭގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ފޮރިން މިނިސްޓަރ މިސްޓަރ ޒަކަރިއަސް ކޮސްޓަލްއެވެ.