އިއާދަކުރަނިވި ހަކަތައަކީ ކުރިއަށް އޮތްތަނުގައި މި ސަރުކާރުގެ ރާސްތާ ބައްޓަންވާނެ ދިމާކަމަށާއި، އަދި އެކަން ކުރެވޭކަމުގެ ސަތޭކަ އިންސައްތަ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި ޔޫ.އޭ.އީ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ހަކަތައިގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ޚަރަދުކުރާ ޤައުމެއްގެ ގޮތުގައި އަބަދު އޮވެގެން ނުވާނެ ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދާނަމަ ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި އިޢުލާނުކުރެއްވި ފަދައިން، ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 3 ބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދޭ ނިސްބަތް މިހާރު ހުރި ހަތަރު އިންސައްތަ، ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި މަދުވެގެން ތިރީސްތިން އިންސައްތައަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ފެހި، ސާފު ޖައްވެއް އޮތް ދެމެހެއްޓިނިވި ހަކަތައިގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް ހެދިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށްދިޔަ އެކިއެކި ބައްދަލުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ފައިދާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމުގައި ވަރަށް ގިނަ ކުރިއެރުންތައް މި ދަތުރުފުޅުގެ ތެރެއިން ލިބިގެންދިޔަ ކަމަށާއި، ދެމެހެއްޓިނިވި އިޤްތިޞާދެއް ރާއްޖެއަށް އަންނަ ކަހަލަ، ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅޭ އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅުގެ މުހިންމު ކަންކަން ނޫސްވެރިންނާ ޙިއްޞާކުރައްވައި، އެ ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.