ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅު ކުރެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޓިމޯރ-ލެސްތޭގެ ރައީސަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޓިމޯރ-ލެސްތޭއާ ދެޤައުމަކީ، ޖޯގްރަފީގޮތުން ވަރަށް ދުރުގައިވާ ދެޤައުމު ކަމުގައިވީނަމަވެސް ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަމުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ވެދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސް ރާމޮސް-ހޯތާއަކީ ބަޠަލެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ރައީސް ރާމޮސް-ހޯތާއަށް ލިބިވަޑައިގެންފައިވާ ނޮބެލް އިނާމަކީ، ވަރަށް ޙައްޤު އިނާމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމާ ގުޅިގެން، ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ، ރާއްޖެއިން ވަރަށް ކަންބޮޑުވާ މައްސަލަތަކެއް ކަމަށް ވިދާޅުވެ، މިކަމުން ސަލާމަތްވުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ޓިމޯރ-ލެސްތޭގެ ރައީސަށް މަޢުލޫމާތު ދެއްވިއެވެ.

ރައީސް ރާމޮސް-ހޯތާގެ ވާހަކަފުޅުގައި، ޑިމޮކްރެޓިކް އުޞޫލުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި، ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔެ ހޭލުންތެރި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކަށް ތަޢްރީފު ކުރެއްވިއެވެ.

ރައީސް ރާމޮސް-ހޯތާގެ ވާހަކަފުޅުގައި، ޓިމޯރ-ލެސްތޭގެ އިޤްތިޞާދު މިހާރުދަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށް ވިދާޅުވެ، އިޤްތިޞާދީ ނިޒާމް، އެޤައުމުގައި ބިނާވެފައިވާގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ސަރަޙައްދީ ޖަމްޢިއްޔާތަކުގެ ދައުރުގެ މައްޗަށްވެސް ޓިމޯރ-ލެސްތޭގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދާއި، މިނިސްޓަރ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ރާމޮސް-ހޯތާގެ އަރިހުގައި އެމަނިކުފާނުގެ ވަފްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކޮށްލެއްވުމަށް ރައީސް ރާމޮސް-ހޯތާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.