ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީވިލާތުގެ ރައީސް ވަނީ އަންކާރާގައި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޔާދަކުރަނިވި ހަކަތައާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތުގެ ނައިބު ރައީސާއި، ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސްގެ އިތުރުން، އެ ޤައުމުގެ ބައެއް އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެން ވަޑައިގެންނެވީ، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑަގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ. މި ދަތުރުފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވިއެވެ.

ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުވުމުގައި ރާއްޖެއިން ކުރާ އުންމީދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އަދި ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވާނެކަމުގައި އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ސަރުކާރުގެ އިސްވެރިން ހިމެނޭ ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ އިސްވެރިން ހިމެނޭ ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް، ޔޫ.އޭ.އީ. ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.