ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް ކުދިން ކުރިއަށްގެންދިއުމަކީ އެހާމެ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫންކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ ކުރިއަށްގެންގޮސްފައިވަނީ 2023 ނޮވެންބަރު 30އިން 2023 ޑިސެންބަރު 2އަށެވެ. މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އެކި ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ.