ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިންޑިޔާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ދީޕަކް ކަޕޫރު، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކޮށްލެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިއޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވިދާޅުވެ، އިންޑިޔާ ސަރުކާރުން ރާއްޖޭގެ ދިފާޢީ ދާއިރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އިންޑިޔާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ޓެރެރިޒަމާއި ކަނޑުފޭރުމަކީ މިހާރު ދިވެހިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިކަންތައްތައް ހައްލުކުރެއްވުމަށް ވެދެއްވެންއޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް މިބައްދަލުކުރެއްވުމުގައި ޖެނެރަލް ދީޕަކް ކަޕޫރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.