بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ޚާރިޖީ ވަޒީރު އަދި ވަޑައިގެން ތިއްބެވި އެކިއެކި ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން، ޔޫ.އޭ.އީ. ގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތައް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މާދަމާ ފެށޭ ކޮޕް-28 ގައި ބައިވެރިވުމަށްޓަކައި މި ޤައުމަށް އަޅުގަނޑާއި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ޓީމު މިތަނަށް މިއައީ. ދެން އަޅުގަނޑު ގަސްތުކުރީ އަޅުގަނޑު ދާ ކޮންމެ ތަނެއްގައިވެސް ކޮންމެވެސް ކަހަލަ ވަގުތުކޮޅެއް ހޯދައިލައިގެން އެތަނެއްގައި ތިއްބަވާ ދިވެހި ޢާއިލާތަކާއި ރައްޔިތުންނާ ބައްދަލުކުރާގޮތަށް ކުރިއަށް ގެންދަން. އެގޮތުން، ހަމަ މި ބައްދަލުވުމަށް، އަޅުގަނޑު ރިކްއެސްޓް ކުރީ. ދެން ވަރަށް އުފާކުރަން. ހަމަ މިތަން އެއްކޮށް ފުރިފައި މިވަނީ. ތިޔަބޭފުޅުން ވަގުތު ހުސްކުރައްވައިގެން އެކި ހިސާބުތަކުން މިރޭ ވަޑައިގެން ތިޔަ ތިއްބެވީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދިނުމުގެ، ދިވެހިންގެ މަޞްލަޙަތު އިސްކުރުމުގެ ސިޔާސަތު. އެއީ، ކޮންމެ ޤައުމެއްގައި ދިވެހިން ތިއްބަސް، އެ ޤައުމެއްގައި ތިބި އެ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު ގެންގުޅުން. ހަމައެކަނި ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ތިބި ދިވެހިންނަކަށް ނޫން. އަޅުގަނޑު ކެމްޕެއިންގައި ވާހަކަ ދެއްކިއިރުގައި އޮންނާނެ އެ ވާހަކަވެސް ދައްކާފައި. ޚާރިޖީ މިޝަންތައް މަސައްކަތްކުރާއިރުގައި ބައްޓަން ކުރަން އަޅުގަނޑު ބޭނުންވަނީ، އެ ޤައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަންދީގެން، އެ ރައްޔިތުންނަށް ކަންކަން ކޮށްދޭގޮތަށް، މިހާރަށްވުރެ ރަނގަޅަށް ބައްޓަންކުރަން.

ދެންމެ ތިޔަބޭފުޅުންނަށް ފުރުޞަތު ލިބިގެންދިޔައިރުގައި، މާގިނަ ބޭފުޅުން ވާހަކަފުޅު ނުދެއްކެވިޔަސް، އަޅުގަނޑަށް ހީވަނީ ޖުމްލަކޮށް ހަމަ ގިނަ ޤައުމުތަކުގައި ހުންނާނީ އެއް ވާހަކަތަކެއްހެން ދައްކާފައި. ދެން ފަހަރެއްގައި މިތަނުގެ އެމްބަސީއިން، އެހެން ޤައުމުތަކަށްވުރެ ރަނގަޅަށް ކަންތައްތައް ކޮށްދެނީ ކަމަށްވެސް ވެދާނެ. މާގިނަ ޝަކުވާއެއްނެތީ. ސުވާލެއްނެތީ. ޖުމްލަގޮތެއްގައި ހަމަ ދަންނަވާލަން ބޭނުންވަނީ، ކުރިއަށްވުރެ ރަނގަޅަށް އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން މި ޤައުމަށް އާ ސަފީރެއް ފޮނުވާއިރުގައި، ހަމަޖެހިގެންދާއިރުގައި، ކަންތައްތައް ބައްޓަން ކުރާނަމޭ އިރާދަކުރެއްވިއްޔާ. އެ ޔަޤީންކަން އަރުވަން.

އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު، ޚާރިޖީ ކަންކަމުގައި ވަރަށް ތަޖުރިބާހުރި، ވަރަށް ޤާބިލް އަދި ތިޔަބޭފުޅުންނާ ގާތުން މަސައްކަތް ކުރެއްވިފައި ހުރި ރަނގަޅު ބޭފުޅަކު ފޮނުވަން. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެންދާނެ.

އާދެ، ދެންމެ ފާހަގަކުރެއްވި ދިވެހިބަހުގެ ވާހަކަ. އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތަކަށް މިއޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުން. ދިވެހިބަހަކީ ޤައުމިއްޔަތުގެ މައިގަނޑު ދެ މަސްދަރުގެ ތެރެއިން އެއް މަސްދަރު. ދެން އޮތީ އިސްލާމްދީން. ދިވެހިބަސް ކުރިއަރުވައި އާލާކުރުމަކީ، ވަރަށް އިސްކަމެއްދޭނެ ކަމެއް. އެކަމަށްޓަކައި ވަކިން ޚާއްޞަ ކުރެވިގެން ވުޒާރާއެއްވެސް ވަނީ ޤާއިމުކުރެވިފައި. ދިވެހިބަހާއި ތާރީޚާއި ޘަޤާފަތަށް ޚާއްޞަ ކުރެވިފައިވާ ވުޒާރާއެއް. އަދި އެ ވުޒާރާ ހިންގަން އަޅުގަނޑުމެން ލާފައި މިވަނީ، ހަމަޖައްސާފައިވާ ބޭފުޅަކީ، ރާއްޖޭގައި ހިއެއްނުވޭ، ދެބަސްވެވަޑައިގަންނަވާނެހެނެއް އެއްވެސް ބޭފުޅަކު އެކަމަށް. އެ ނަޒަރިއްޔާއިން ދާއިރާގައި ހުރި އެންމެ ފުންނާބު އުސް އެކަކަށްވާނީ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާއިރުގައި، ރާއްޖެއިން ބޭރުގައި، މި ޤައުމުގައިވެސް ދިރިއުޅޭ ރައްޔިތުންނަށްވެސް އެކަމުގައި ފުރިހަމަ އެހީތެރިކަން ދެވިގެންދާގޮތަށް ރޭވިގެންދާނެ.

އެހެންވީމާ، އެމްބަސީތައް ބައްޓަންކުރާއިރުގައި، މަސައްކަތްތައް ބައްޓަން ކުރެވިގެންދާއިރުގައި، ދެންމެ ތިޔަ ޚިޔާލުފާޅުކުރެއްވި ގޮތަށް ކުދިންނަށް ކިޔަވައިދޭއިރު، ތިޔަބޭފުޅުން ސްކޫލަށް ފޮނުވައި ހަދާއިރު، ވަކި ނިޒާމެއް، ކޮންމެވެސްކަހަލަ ހަމަޖެހޭ، ޕްރެކްޓިކަލީ ކަން ކުރެވޭކަހަލަ ގޮތެއް އަޅުގަނޑުމެން ރާވާނަން. ކޮންމެ ރަށެއްގައި، ކޮންމެ ޤައުމެއްގައި ތިބޭ ދިވެހި ރައްޔިތުންނަށްވެސް، ކުދިންނަށް ޚާއްޞަކޮށް. އެ ގިނަދުވަހު އެހެން ތިބެންވެއްޖިއްޔާ ހަމަ ނެޗުރަލީ ބަހާ ދުރަށްދާނެ. އެ ބަހުން ވާހަކަ ދައްކާ މީހަކު އެއް ތަނެއްގައި ގިނަ ދުވަހު ނެތިއްޔާ އެއީ އެކަންވާނެގޮތް. އަޑުއިވޭނީ ގޭތެރޭގައި މައިންބަފައިން، ނޫނީވިއްޔާ ޢާއިލާ މީހުން ވާހަކަ ދައްކާ އަޑު އެކަނި. ދެން އެވެސް ގިނަފަހަރު ވާގޮތަކީ، މައިންބަފައިންވެސް ކޮންމެވެސްތާކަށް ވަޒީފާއަށް ދާނީ. އެތަނުގައި ދައްކާނީ އެ ޤައުމުގެ ބަހުން. ދެން ގިނަފަހަރު ގެޔަށް އައިސްވެސް، ގިނަދުވަސްވާއިރުގައި ދެއްކެން ފަށާނީ އެ ބަހުން. ދެން ދިވެހިބަސް ދާނީ މަޑުމަޑުން ހަނދާންނެތެމުން. އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި ދެންމެ ތިޔަ ދެއްވީ ރަނގަޅު ޚިޔާލުފުޅެއް. ހަމަ ކަންބޮޑުވުމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ތަނުގައި ހުރިހާ އެމްބަސީތަކުގައި، މިޝަންތަކުގައި މަސައްކަތް ބައްޓަންކުރާއިރުގައި، އެކަން ކުރެވޭނެ ނިޒާމެއް ރާވާނަން. އިރާދަކުރެއްވިއްޔާ، މިކަމަށް ޙައްލެއް ގެނެސްދޭނަން.

ދެން އިސްލާމް މާއްދާ. އިސްލާމްދީން ކިޔަވައިދިނުންވެސް އެއީ ހަމަ މުހިންމު ކަމެއް ދޭންޖެހޭ ކަމެއް. ފަހަރުގައި މި ޤައުމުގައި ތިޔަބޭފުޅުންނަށް އުނދަގޫ ކަމަކަށްނުވެދާނެ. ޖުމްލަކޮށް، އިސްލާމުން، މުސްލިމުން ގިނަނޫން، މުސްލިމުން މަދު ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މީގެ އުނދަގޫ ހަމަ ބޮޑަށް ކުރިމަތިވާނެ. އެހެންވީމާ، ޖުމްލަގޮތެއްގައި ދިވެހިބަހާއި އިސްލާމްދީނަށް ލޯބިކުރުން. އިސްލާމްދީނުގައި ހުރި ކަންކަން ދަސްކޮށްދިނުން. މެއިންސްޓްރީމްކަން، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި، ކުދިން ބޮޑުކޮށް، ހަރުދަނާ ޢަޤީދާއެއް ޤާއިމުކޮށްދިނުމުގައި، ޢާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް، ދެންމެ ދެންނެވި ގޮތަށް، ދިވެހިބަހާ އެކީގައި ދީނީކަންތައްތައް، އޮޅުންފިލުވައިދީ، އިސްލާމްދީން ކިޔަވައިދިނުމުގެ ކަންތައްތަކެއް ރާވައިގެން އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށްދާނެ.

އެހެންވީމާ، ޖުމްލަ ގޮތެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް އަޅުގަނޑުމެން ފެށި މަސައްކަތަކީ، ރާއްޖޭގެ އިމުން ބޭރަށް، ދިވެހިން ތިބި ކޮންމެ ތަނަކަށް، އެކަން ފުޅާކޮށްގެން ރައްޔިތުންނާ ހަމަޔަށް ގެންގޮސްދިނުމަށްޓަކައި އަޅުގަނޑު ވިސްނާފައި އޮތް އަދި ކުރަން ނިންމާފައި އޮތް ކަމެކޭ.

އެހެންވީމާ، ދިވެހި ޤައުމިއްޔަތު، ދިވެހި އައިޑެންޓިޓީ އަނބުރާ ގެނެސް، މިތާ ތިބި ވަރަށްގިނަ ތުއްތުކުދިން، އެ ކުދިން ބޮޑުވެގެން، އެ ކުދިންނަށް ކުދިން ލިބިގެންދާއިރުގައި، ދަރިންނާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށް އިރާދަކުރެއްވިއްޔާ، ދިވެހި އައިޑެންޓިޓީ، ހަރުދަނާ ގޮތެއްގައި ފަޚުރުވެރިގޮތެއްގައި، ދިވެހި ރައްޔިތުން ފަޚުރުވެރިވާ ގޮތެއްގައި، މުސްތަޤްބަލަށް ވާރުތަކޮށްދިނުމަށްޓަކައި މި ފެށި މަސައްކަތް އިރާދަކުރެއްވިއްޔާ ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާ އެކީގައި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި، އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެކަން އިރާދަކުރެއްވިއްޔާ، ކާމިޔާބުވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ދެން ހަމަ ޖުމްލަކޮށް ދަންނަވާލާނީ، ތިޔަބޭފުޅުންނަށް ދަތިވާ ކަންތައްތައް ދެންމެގައި ތިޔަ ފާހަގަކުރެއްވި ގޮތަށް، މިތަނުގެ އެމްބަސީއިން މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭނެގޮތަށް އަޅުގަނޑުމެން ރާވާނަން. ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހުރިއްޔާ، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ފަސޭހަކަމާ އެކީގައި، އެމްބަސީ މެދުވެރިކޮށް ކަންކަމަށް އެހީތެރިކަން ހޯއްދެވޭނެގޮތް، އަޅުގަނޑުމެން ރާވައިގެން ކުރިއަށް ގެންދާނަން. ފޮރިން މިނިސްޓްރީންވެސް މިހާރަށްވުރެ ބޮޑަށް، ހުރިހާ ޤައުމެއްގައި ހުރި ހުރިހާ މިޝަންތަކަކާއި އެމްބަސީތަކެއްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާނެ. ގާތުން މަސައްކަތް ކުރާނެ. އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރަން. ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވޭގޮތަށް، ޖަވާބުދެވޭގޮތަށް ކަންކަން ގެންދިޔުމަށް. އެކި ޤައުމުތަކުގެ ޙާލަތު ތަފާތު. މިތާނގައި ވަރަށް ޕްރޮފެޝަނަލް. ވަރަށް މޮޅަށް ކިޔަވައިގެން ތިބި، ވަރަށް ތަޖުރިބާކާރު އެކި ފީލްޑްތަކުގެ، އެކި ދާއިރާގެ ބޭފުޅުން މިތަނުގައި އެބަ ދިރިއުޅުއްވާ އެކި ސަބަބުތަކަށްޓަކައި.

އެހެންވީމާ، ތިޔަބޭފުޅުންގެ އެކްސްޕީރިއަންސް ތަފާތު، އެހެން ބައެއް ޤައުމުތަކާ. އަޅުގަނޑު، ތުރުކީއަށް ކުރި ދަތުރުގައި، ތުރުކީގައި އުޅޭ ދިވެހި ކުދިންނާއި ރައްޔިތުންނާވެސް ބައްދަލުކޮށްލިން. ޙާލަތު ތަފާތު. އެހެންވީމާ، އެކި ޤައުމުތަކުގައި ތަފާތުވާނެ އެކި ޙާލަތު. އެހެންވީމާ، ޖުމްލަ ގޮތެއްގައި ހުރިހާ ޤައުމެއްގައި ދިރިއުޅުއްވާ ހުރިހާ ބޭފުޅުންނަށްވެސްް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން މި ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތަކުގެ އެހީތެރިކަން ލިބޭނެގޮތް ހަދަން އަޅުގަނޑުމެން ގަސްތުކުރާ ވާހަކައެއް މި ދަންނަވަނީ.

ދެން ވަރަށް ޖުމްލަގޮތެއްގައި ހަމަ ގިނަ ޤައުމުތަކުގެ ރައްޔިތުންނަށް މުހިންމުވެފައި އޮންނާނެ ކަމެއް، ބޭންކުން މިހެން އިތުރުކުރެވޭ ލިމިޓްގެ ވާހަކަ. އެ ވާހަކަ އަޅުގަނޑުމެން ކެމްޕެއިންގައިވެސް ދައްކާފައި، ކަނޑައަޅާފައި އޮތް ސިޔާސަތެއް އެއީ. އެހެންވީމާ، އެކަމަށް މިހާރު މިވަނީ މަސައްކަތް ފެށިފައި. އެމް.އެމް.އޭ. އާއި ފިނޭންސް މިނިސްޓްރީއާ އެކީގައި އެބަ މަސައްކަތްތައް ކުރެވޭ. އަޅުގަނޑު އުންމީދު ކުރަނީ، ހަމަ ވީހާވެސް އަވަހަކަށް މިހާރަށްވުރެ ބޮޑަށް އެކަމުގައި ބޮޑު ލުޔެއް ހޯދައިދިނުން. އެކަމުގެ ތަފްޞީލުތައް އަޅުގަނޑުމެން ކައުންސިލަށް ގެންގޮސްގެން ނިންމާފައި، އަޅުގަނޑުމެން ވަރަށް އަވަހަށް އިޢުލާނު ކުރާނަން. އުންމީދު ކުރަނީ، މިހާރަށްވުރެ ވަރަށްބޮޑު ތަނުން އެކަމުގެ ލުއި، ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދެވޭނެ ކަމަށް.

އާދެ، މާދަމާ މި ފެށޭ ކޮޕް-28 އަކީ، އަޅުގަނޑު އުންމީދު ކުރަނީ، އަދި ތިޔަ ހުރިހާ ރައްޔިތުންވެސް އުންމީދު ކުރާނީ، މިފަހަރަކީ އަޅުގަނޑުމެން ކަހަލަ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ޤައުމަށް، އަދި އަޅުގަނޑުމެން ކަހަލަ އެހެން ޤައުމުތަކަށް މި ތިމާވެށީގެ މި އަންނަ ބަދަލުތަކާ އެކީގައި، ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި، ލިބެމުންދާ ގެއްލުންތަކާއި، މިކަންކަމަށް އެހީތެރިކަން، މާލީގޮތުން ޚާއްޞަ ގޮތެއްގައި ލިބިގެންދާނެ ފަދަ ކަންތައްތަކެއް ވެގެންދާނެ ފަހަރެއް ކަމަށް. އެކަމުގައި އަޅުގަނޑުމެން ވަކާލާތު ކުރާނަން. އަޅުގަނޑުމެންގެ ޓީމު މިހާރުވެސް އެ މަސައްކަތް ކުރަނީ. މިނިސްޓަރާއި، އަޅުގަނޑުމެންގެ ކްލައިމެޓް އެންވޯއިއާއި، މުޅި ޓީމުން މަސައްކަތް އެބަ ކުރޭ.

ދެން އިރާދަކުރެއްވިއްޔާ އުންމީދު ކުރަނީ، މިފަހަރަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ކްލައިމެޓް އެޑަޕްޓޭޝަނަށް ޚާއްޞަކޮށް، އެހީތެރިކަން ލިބޭނެކަހަލަ ކަންތައްތަކެއް ފަހިވެގެންދާނެ ފަހަރަކަށްވާނެ ކަމަށް.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، މިއީ އަޅުގަނޑުމެން ހަމައެކަނި މިކަހަލަ ވާހަކަ ދައްކާ ވަގުތަކަށް ނަހަދައި، ކުރިއަށް އޮތް ދުވަސްތަކަކީ، އަޅުގަނޑުމެން ގުޅިގެން އެމްބަސީ މެދުވެރިކޮށް ގާތް ގުޅުމެއް ބާއްވައިގެން ރައްޔިތުންނަށް ކަންތައްތައް ކޮށްދެވިގެންދާ ދުވަސްތަކަކަށް ވެގެންދިޔުމަށް. އަދިވެސް އެއްފަހަރު، ވަޑައިގެންނެވީތީ ވަރަށް ބޮޑަށް އުފާކުރަން. ޝުކުރު ދަންނަވަން.

އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.