ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާ، މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ޓިމޯރ ލެސްތޭގެ ރައީސަށް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ޓިމޯރ ލެސްތޭގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސް ރާމޮސް-ހޯތާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

އެއަށްފަހު، ވައިގެ ބަނދަރުގެ ވީ.ވީ.އައި.ޕީ ލައުންޖްގައި، ޓިމޯރ ލެސްތޭގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލެއްވިއެވެ.