ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވަރލްޑް ލީޑަރސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު މިފަދައިން ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށެވެ.

ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި 30 ނޮވެމްބަރު 2023 އިން 12 ޑިސެންބަރު 2023 އާ ހަމައަށެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.