މިވަގުތު މަސްވެރިކަން ދަށްވެފައި އޮތް ކަމުގައިވިޔަސްވެސް، ބުއްދިވެރިކަމާއި، ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާ އެކީގައި މަސައްކަތް ކޮށްފިނަމަ، ދާދި އަވަހަށް އިތުރު ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު މިހާރު އޮތްގޮތުގެ މައްޗަށާއި، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމަށް އައިސްފައިމިވާ ހީނަރުކަމަށް ޙައްލެއް ހޯދާއިރު، ކުރު މުއްދަތުގައި ހިންގޭނެ ކަންތައްތަކަކާއި އަދި މެދުރާސްތާގައި ހިންގަންޖެހޭނެ ކަންތައްތަކެއް އެބަ ފާހަގަކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރު މުއްދަތަށް ބަލާއިރު، ކަޅުބިލަމަސް ބޭނުމުގައި ނޫންކަމުގައިވިޔަސްވެސް، ބޮޑެތި ދޯނިފަހަރުގެ ބޭނުންކުރެވޭނެ ގޮތެއް އެބަ ހޯދަންޖެހޭ ކަމަށް ވިދާޅުވެ، މިކަމުގައި ބައެއް ތަޖްރިބާކާރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާ ލަފައެއްގެ މައްޗަށް ބައްލަވާލެއްވިއެވެ. އެއީ، ފަސް ހަދޯނީގެ ގްރޫޕެއްގައި މަސް ބާނަން ލޭނު އަޅަން ބޭރަށްގޮސް، އެދުވަހެއްގައި ބޭނޭވަރަކަށް މަސް ބާނައިގެން ގްރޫޕް އެނބުރި ރަށަށް އައިސް، އަނެއް ގްރޫޕްގެ މީހުން ތިބެގެން މަސްވެރިކަން ކުރާ އުޞޫލުން މަސްވެރިކަން ކުރުމުގެ ފިކުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމާ ބައެއް ފަރާތްތަކާ އެމަނިކުފާނު މަޝްވަރާ ކުރެއްވި ކަމަށާއި، ހޯއްދެވި ހޯއްދެވުންތަކަށް ބައްލަވާއިރު، ބޮޑެތި ދޯނިފަހަރު ވީހާވެސް އަވަހަކަށް ލޭނު މަސްވެރިކަމަށް ބަދަލުވުން އެއީ، ބުއްދިވެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަހަށް ނުފުރާ ތިބުމުގެ ބަދަލުގައި އެހެން ގޮތަކަށްވެސް މިކަން ކުރެވެން އޮތްނަމަ، އެގޮތެއް ހޯދައި، އެގޮތަކަށް މަސްވެރިކަން ކޮށްގެން އާމްދަނީ އިތުރުކުރުމަކީ، ހުރިހާ މަސްވެރިންވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެއްބަސްވާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދިޔަ ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ދަށްވަމުން އައިސްފައިވާކަމާއި، އަދި އެންވެރިކަންވެސް ދަށްވަމުން އަންނަކަން ފާހަގަކުރައްވަމުން، އެހެން ނަމަވެސް، އިންޑިޔާ ކަނޑުގައި މަސްއުޅޭ މިންވަރު، މީގެ ކުރީގެ ހައެއްކަ އަހަރާ އަޅާ ބެލިނަމަވެސް، މަދުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްދޯނިފަހަރަށް މިދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުގެ މައްޗަށް ބައްލަވާލައްވަމުން، ބައެއް ދޯނިފަހަރު ސަތޭކަފޫޓަށްވުރެ ދިގުވެއްޖެ ކަމަށާއި، މިއިން އޮޑިއެއް މަހަށް ފުރުވެނީ ވަރަށްގިނަ ޚަރަދުތަކެއް ކޮށްގެން ކަމަށް ވިދާޅުވިއެވެ. އެހެންވީމާ، މިފެންނަ އެއް ޙަޤީޤަތަކީ ބޮޑު އޮޑިއެއް މަހަށް ފުރައިގެން ދެކޮޅު މިޖެހެނީ، އެފުރާ ކޮންމެ ދުވަހަކު ހަތަރު ޓަނު ނުވަތަ ފަސްޓަނު މަސް ބޭނީމާ ކަމަށް ވިދާޅުވެ، މިދިޔަ ދެތިން އަހަރަށް ބައްލަވާއިރުވެސް މަހަށްފުރާ ޢަދަދު މިއޮތީ ވަރަށްބޮޑުތަނުން ދަށްވެފައިކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަދި ކުދި ދޯނިފަހަރު މަހަށްފުރާ ޢަދަދު، ބޮޑެތި ދޯނިފަހަރާ އަޅާބަލާއިރު މާގިނަކަމާއި، މިދޯނިފަހަރަށް މަސްބޭނޭ ޢަދަދުވެސް ގިނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.