ރާއްޖޭގައި އިންޑިއާގެ ޖުމްލަ 77 ސިފައިންގެ މީހުން ގާއިމުވެ ތިބިކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ގާއިމުވެ ޖުމްލަ 77 އިންޑިއާ ސިފައިންގެ މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ހެލިކޮޕްޓަރު ދުއްވަން 24 ސިފައިން، ޑޯނިޔާ މަތިންދާބޯޓް ދުއްވަން 25 ސިފައިން، އަދި ދެވަނަ ހެލިކޮޕްޓަރު ދުއްވަން 26 ސިފައިންގެ އިތުރުން، މެއިންޓެނަންސްއާއި އިންޖިނިއަރިންގެ މަސައްކަތުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ 2 މީހެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހި ރައްޔިތުން ބޭނުންނުވާކަން އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންގެ އެ ނިންމުމާ އެއްގޮތަށް އެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ މިހާރު ފަށްޓަވައިގެން ކުރިއަށް ގެންދަވާކަންވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް ދޭދޭ ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ހުރި ނުކުތާތައް ސަރުކާރުން އުވާލާނެ ކަމަށާއި، މިހާތަނަށް ސަރުކާރުން ކުރެއްވި މަސައްކަތުން ފާހަގަވި ކަންކަމުގެ ތެރޭގައި، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަވެފައިވާކަމުގައިވެސް އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ވިދާޅުވިއެވެ. އަދި މި އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެ ތެރޭގައި، 'ހަފްތާ 14' މަގުޗާޓް ގައި ހިމެނޭ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ނިންމެވި ނިންމެވުމާއި، ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލެއް އެކުލަވާލުން ހިމެނެއެވެ. އެގޮތުން، މިއަދު އެކުލަވާލެއްވި ތިން ކައުންސިލަކީ ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން ސޯޝަލް ކައުންސިލް ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. އަދި މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ. މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ފިރުޒުލް ޖަވާބުދެއްވިއެވެ.