ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފިއެވެ. އެމެރިކާގެ މި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ދެޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުތައް އެއަށްވުރެ ފުރިހަމައަށް ގެންދެވޭނެ ގޮތްތަކާއި، ކުރިމަގުގައި ކުރިއަށްގެންދާނެ ޕްރޮގްރާމުތައް ބައްޓަންކުރާނެ ގޮތްތަކަށާއި، އަދި ދެ ޤައުމުން އިސްކަންދޭ ދޭދޭ އަދި ބައިނަލްއަޤްވާމީ މައްސަލަތަކަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން ވަނީ، މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ކުރިއަށް ރޭވިފައިވާ ޕްލޭންތަކާ ގުޅޭގޮތުން އެމެރިކާގެ ވަފުދުގެ ބޭފުޅުންނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމަކީވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންކަމެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓްތަކުގައި ނަގާ ފީ ކުޑަކުރުމުގެ މުހިންމުކަމާއި، ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، އިޤްތިޞާދު އާރާސްތުކުރުމާއި، ނޭޗަރ ޕާކްތައް ރައްކާތެރިކޮށް ދެމެހެއްޓުން ފަދަ ކަންކަމަކީ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ މުހިންމު ދާއިރާތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ވަފުދުގެ ފަރާތުން ވަނީ ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގައި ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.