ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމަށް ޗައިނާގެ ވަފްދު ރާއްޖެ ވަޑައިގަތްކަމަށްޓަކައި އެބޭފުޅުންނަށް ހޫނު މަރުޙަބާއެއް ދަންނަވާ ޝުކުރު އަދާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި މިކަމުން އެކަނިވެސް ދެ ޤައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން ރަމްޒުކޮށްދެއެވެ.

ސްޓޭޓް ކައުންސިލަރ ޝެން ޔިކިން ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމާ ޙަވާލުވެވަޑައިގަތުމުން މަރުޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަކީ އިތުބާރާއި، އިޙްތިރާމާއި، ޚިޔާލު އެއްގޮތްވާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން އމަޝްވަރާކުރައްވާފައެވެ. މިގޮތުން، އިޤްތިޞާދީ ރޮނގުންނާއި، މާލީ ރޮނގުންނާއި، ދޭދޭ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.