ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ޝެން ޔިކިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، އެކަމަނާ ވަނީ މި ފެށުނު ރިޔާސީ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން ފާޅުކުރައްވާފައެވެ. މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަހުނިޔާއާއި ހެޔޮއެދުންތައް ސްޓޭޓް ކައުންސިލަރ ޝެން ޔިކިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއަށް ފާއިތުވި އަހަރުތަކުގައި ޗައިނާ ސަރުކާރުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވީ މިއަދު މި ފެށެނީ ދެގައުމުގެ ދެމެދުގައި އޮތް ތާރީޚީ އެކުވެރިކަމުގެ އާ ބާބެއް ކަމުގައެވެ. މީގެ އިތުރުން ވެސް، ސަރަޙައްދީ އެއްބާރުލުމާއި، އިޤްތިޞާދީ އެއްބާރުލުމާއި، ދޭދޭ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން އެއްބާރުލުން ދެމިއޮންނާނެކަމުގެ ޔަޤީންކަން އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކޮށް، އެކުގައި ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ