ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިޙްތިރާމްގެ މި ޒިޔާރަތުގައި އިންޑިއާގެ މިނިސްޓަރ ވަނީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފާއިތުވި ސެޕްޓެމްބަރު މަހު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިއެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ކިރަން ރިޖިޖޫއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން، ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމަށް މަގުފަހިވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މި ދެބޭފުޅުން ވަނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އަޅަމުންދާ ބްރިޖުގެ މަސައްކަތް ނިންމުން ލަސްވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ އަޒުމް ދެ ބޭފުޅުންގެ ފަރާތުންވެސް އާކުރައްވަމުންނެވެ.