ހއ. އަތޮޅު ތަޢްލީމީ މަރްކަޒުގެ ރިހިޔޫބީލް ޖަލްސާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ މިރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިޖަލްސާ އޮތީ މިރޭ 9 ޖެހިއިރު އެމަރްކަޒުގައެވެ.

މިޖަލްސާގައި މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އެމަރްކަޒަށް އެކި ރޮނގު ރޮނގުން ޚިދްމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓް ދެއްވީ ލައިލާ ޢަލީއެވެ. މިޖަލްސާގައި ސްކޫލްގެ ވެބްސައިޓު އެކަމަނާ އިފްތިތާޙު ކޮށްދެއްވައި، ރިހިޔޫބީލް ފޮތްވެސް ނެރުއްވައިދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސްކޫލްގެ ފަރާތުން ހަނދާނީ ފިލައެއް އެރުވިއެވެ.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ މިޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދިއްދުއަށް ވަޑައިގަތީ މިރެއެވެ. ދިއްދޫއިން އެކަމަނާއަށް ދެންނެވީ ވަރަށް ހޫނު މަރްޙަބާއެކެވެ. އެކަމަނާއަށް މަރްޙަބާ ދެންނެވުމުގެ ގޮތުން އަތޮޅު ތަޢްލީމީ މަރްކަޒުގެ ދަރިވަރުން ބައެއް އައިޓަމްތައް ހުށަހެޅިއެވެ. އެއަށްފަހު، އެމަރްކަޒުގެ ރިހިޔޫބީލް މޮނިއުމަންޓް އެކަމަނާ ހުޅުއްވައިދެއްވިއެވެ. އަދި އެމަރްކަޒުގެ ލެބް ހުޅުއްވުންވެސް އޮތެވެ. ލެބް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ.