ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތު އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓަރ ރިޖިޖޫއަށް މަރުޙަބާ ވިދާޅުވެ، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ތަޙްނިޔާއާ އާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އިންޑިއާއަކީ، ދިވެހިރާއްޖެއަށް ކޮންމެހެން ބޭނުންތެރި ގާތް ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ "ނެއިބަހުޑް ފަސްޓް ޕޮލިސީ"ވަނީ ރާއްޖޭގެ ތަރައްޤީއާ ގުޅިފައި ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމާއި، އަދި ދަތުރުތައް އިތުރުކޮށް އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފުޅާކުރުމުގައި، އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ދަތިތަކުން އަރައިގަތުމުގައި އިންޑިއާ ސަރުކާރުން އެކިގޮތްގޮތުން ވެއްދެއްވި އެހީތަކަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ، އިންޑިއާއަކީ، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި، ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަން އިންޑިއާއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާ އިންޑިއާ އާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނޭ ކަމުގެ ޔަޤީންކަން އަރުއްވަމުންނެވެ.