ހިމެންދޫ ޒުވާނުންގެ ތެރެއިން އެތައް ބަޔަކު ޖަލުގައި ހައްޔަރުވެފައިވުމާއެކު، ޤާނޫނުއަސާސީއާއި ޤާނޫނުތައް ރައީސުލްޖުމްހޫރިއްޔާއަށް ބާރުދީފައިވާ މިންވަރުން އެމީހުންގެ އަދަބަށް ލުޔެއް ގެނެސްދެއްވުމަށް ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝިދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހަވީރު ހިމެންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަން ކުރައްވާނީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތަރުތީބަކުން ކަމަށާއި، އަދި އެކަމާ މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުށްވެރިންނަށް ލުއިދިނުމާ ގުޅޭގޮތުން މިހާރު ޤާނޫނެއް އޮތުމާއެކު، އެކަން ކުރައްވާނީ ޤާނޫނުގެ ހަމަތަކުން ކަމަށްވެސް ވިދާޅުވިއެވެ.

ހިމެންދޫގެ ކިތަންމެ ޢާއިލާއެއްގެ ފިރިހެނުން ޖަލުގައި ހައްޔަރުކުރެވިފައިވުމަކީ، ރަށުގެ ވަރަށްގިނަ ބަޔަކު އެންމެ ކަންބޮޑުވާ ކަންތައް ކަމަށާއި، އެކަމުގެ ސަބަބުން އެކިއެކި ޢާއިލާތަކަށްވެސް ބުރައާއި ވޭން އުފުލަންޖެހި، އަދި ރަށުގެ ތަރައްޤީއަށްވެސްވަނީ ދަތިތަކެއް ކުރިމަތިވެފައި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިމެންދޫ ޒުވާނުން، ޖަލުން ދޫކޮށްލެވި، ނުވަތަ މަޢާފުދެވި ނުވަތަ އަދަބު ލުއިކޮށްދެވި، މިއިން ކަމެއް ކުރުމުގެ ސަބަބުން އިތުރު ގޯހެއް ނުކުމެއްޖެނަމަ، އެއީ، އެމަނިކުފާނުގެ އިހުމާލުންވާ ގޯހަކަށް ނޫނީ ނުވާނެ ކަމުގައި ވިދާޅުވިއެވެ. މިކަން ނުބައި މަގަކަށް ހިނގައްޖެނަމަ، އެމަނިކުފާނު މުޅި ޢުމުރަށް ހިތާމަކުރައްވަންޖެހޭވަރުގެ ކަންކަމާ އެމަނިކުފާނާ ދިމާވެދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ހިތާމަކުރައްވަން ޖެހުމަކީ އެހާ މުހިންމު ކަމަކަށް ނުވާނެ ކަމަށާއި، އެހެންނަމަވެސް ޤައުމަށް ދެރަގޮތެއް ދިމާވާ ކަމެއް ދިމާވެއްޖެނަމަ އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭ ވަރަށްބޮޑު ދެރައަކަށްވާނެ ކަމަށް ވިދާޅުވިއެވެ. ވަކިން ޖަމާޢަތް ހަދައިގެން ވަކިން އުޅުމަކީ އަދި އެ ފިކުރަކީ، އެ ފަލްސަފާއަކީ، އަޅުގަނޑުމެންގެ ތެރޭގައި އެންމެންނަށް ގަބޫލުކުރެވޭ ފިކުރެއް އަދި ގަބޫލު ކުރެވޭ ފަލްސަފާއެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ފަލްސަފާ ކުރިއަށް ނެރުއްވުމަށް އަނެއްކާ ގަދައަޅައި މަސައްކަތް ކުރަނީނަމަ، ދިމާވެދާނެ ނުރައްކާތައް ގިނަ ކަމަށާއި، އެނުރައްކާތަކުން އަޅުގަނޑުމެންނަށް ސަލާމަތްކަން ލިބި އެއްކިބާވެވެންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހިމެންދޫ ކައުންސިލަރ ވީހާވެސް އަވަހަކަށް މާފުށީ ޖަލަށް ވަޑައިގެން، ބަންދުގައި ތިބި މީހުންނާ ވާހަކަ ދެއްކެވުމަށް ކައުންސިލަރަށް ދަންނަވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. ކައުންސިލަރާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފު ޖަލަށް ވަޑައިގެން އެމީހުންނާ ބައްދަލުކުރެއްވުމަށް، އެދެބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިބާވަތުގެ ކަމެއް ދެން ހިމެންދޫގައިވެސް އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި ވިޔަނުދެއްވުމަށް، ހިމެންދޫ ޒުވާނުންނާއި ރައްޔިތުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރިއަށް މި ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.