ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރު ފެރިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފެރިދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ އޯ.ލެވެލް އިމްތިޙާނުގެ ނަތީޖާގެ މައްޗަށް ބައްލަވާލައްވައި، މިނަތީޖާ މިހާރަށްވުރެ ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓުން ހާސިލުކުރެވޭނެ އެއްޗެއްނޫން ކަމަށާއި، ރައްޔިތުންގެ ފިކުރު ތަނަވަސްކުރެވިގެން ނޫނީ ޤައުމެއް ތަރައްޤީ ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މަދަރުސާތައް ހަރުދަނާކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، ތަޢުލީމީ ނަތީޖާ ރަނގަޅުކުރުމަށް ވަރަށް ދުރާލާ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރަކީ ވަކި ޕާޓީއަކަށްޓަކައި ނުވަތަ ވަކިބަޔަކަށްޓަކައި ހިންގާ ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރަކީ އެންމެހާ ދިވެހިރައްޔިތުންގެ ސަރުކާރެއް ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ޙަވާލުވީ، ދިމާވާ ކަންތައްތަކާ ކުރިމަތިލާން ކެރި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މިކަމުގައި ފަހަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ވާޖިބަކީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުއްވައިދެއްވުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.