بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

ލޮބުވެތި ދިވެހިރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ޖުމްހޫރީ ނިޒާމަށް މި ފުރުނީ 55 އަހަރު. ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ތިޔަ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރަން.

އަމިއްލަވަންތަ އިސްލާމީ މިނިވަން ޖުމްހޫރީ މި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ބޮޑު. މި ފާއިތުވި 55 އަހަރު އެންމެ ހިނދުކޮޅަކަށް ވެސް އެކަން މި ރާއްޖެއިން ފިލައިނުދޭ. މިއަދު ވެސް އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އެ އުފަލާއި ފަޚުރު. އަދި އަންނަން އޮތް ކިތަންމެ 55 އަހަރާއި ދުނިޔެ ޢުމުރަށް، މިނަޞީބުގައި ދިވެހިން ވާށި.

މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން މި މަގާމަށް އަޅުގަނޑު އިންތިޚާބު ކުރިއިރު، އޭރު ޤައުމު އޮތް ހާލަތު ތަފާތު. ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް. ސަރުކާރާ ޚިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ޚިދުމަތްތައް ހޯދުމަށް. ޑިމޮކްރަސީއާއި، އިންސާނީ ކަރާމަތާއި މިނިވަން ސިޔާސީ މާޙައުލު ރާއްޖެއަށް ގެނައުމަށް.

އޭރުގެ ބިރުވެރި ޙާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވޭ. ޚިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން.

ކުރިއަށް އޮތްތާނގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމުވެ، ދާއިމުވެ ދެމިއޮންނާނީ ޤައުމާއި ރައްޔިތުން.

ލޮބުވެތި ދިވެހިރައްޔިތުން؛

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ޤާއިމުނުވެ، ދިވެހި ޖުމްހޫރިއްޔަތު ފުރިހަމައެއް ނުވާނެ. ފެނާއި ނަރުދަމާ، ކަރަންޓާއި، އަދި ލަފާފުރުމާއި، ދަތުރުފަތުރުގެ އެންމެ ގިނަ މަޝްރޫޢު، މި ވޭތުވި ފަސް އަހަރު، އެކީ އެއްފަހަރާ، ކުރިއަށް ގެންދަން ޖެހުނީ އެ ސަބަބަށްޓަކައި. އެ ގެނެވުނު ހެޔޮ ބަދަލުތައް، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ. އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު މިވަނީ ލިބެން ފަށާފައި.

ދަރިންގެ ތަޢުލީމާއި، ރައްޔިތުންގެ ޞިއްޙީ ޚިދުމަތް ލާހިކުނުވެ، ޖުމްހޫރިއްޔަތު ސާބިތެއް ނުވާނެ. ތަފާތެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތަޢާރަފްކުރީ އެ ސަބަބަށްޓަކައި. އެއީ ދަރިންނަށްޓަކައި މައިންބަފައިން ދެކެމުން އައި ޒަމާންވީ ހުވަފެނުގެ ތަޢުބީރު. މީހަކަށް ދިން އެއްޗެއް ފަހުން އަތުލެވިދާނެ. އަނބުރާ އަތުނުލެވޭނެ އެއްޗަކީ ދެވޭ ތަޢުލީމު.

މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވިއްޖެ. ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވިއްޖެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓް، އަޅުގަނޑުމެން މަޖިލީހަށް ފޮނުވީ، ޖުޑީޝަރީއާއި ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައި.

ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ޤާނޫނީ ބޮޑު ބަދަލު ގެނައިން. ލާމަރުކަޒީ ނިޒާމުން ޤައުމު ކުރިއަރާނެ މަގު މިހާރު އެވަނީ ފަހިކޮށްފައި. ބާރުތައް އެއްތާކަށް ޖަމާކޮށްގެން ކުރިނާރާކަން، ރާއްޖޭގެ ތާރީޚު ހެކިދޭ. ބާރުތައް ޖަމާކުރާނަމަ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅޭނެ.

ފެންވަރު ރަނގަޅު ތަޢުލީމާއި، ޞިއްޙީ ފަރުވާއާއި، އިދާރީ ހިންގުން، މި ޖަޒީރާ ޤައުމަށް ހޯދޭނެ އެހެން މަގެއް ނެތް. މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާރޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ޞިއްޙީ ޙައްލު. ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫޢުވެސް ފަށައިފިން.

ކުޅިވަރުގެ ހަރަކާތްތަކަކީ، ކޮންމެ މީހަކަށްވެސް ތަފާތުކުރުމެއްނެތި ބައިވެރިވެވެން އޮންނަ ހަރަކާތްތަކަށް ހަދައިފިން. އެކި ކުޅިވަރުތައް ކުރިއެރުވުމަށް، ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި، ޓީމް ސްޕޯޓްސްއަށް އަމާޒުކޮށްގެން ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށިން. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި މިހާތަނަށް ހޯދިފައިވާ އެންމެ ގިނަ ކާމިޔާބީތައް، ބައިނަލްއަޤްވާމީ މުބާރާތްތަކުން މިދިޔަ ފަސް އަހަރު ވަނީ ހޯދާފައި.

އިޖުތިމާޢީ ޚިދުމަތް ލާމަރުކަޒުކޮށް، މުޅި ރާއްޖެއަށް ފުޅާކުރުމުގެ ޢަމަލީ މަރުޙަލާ ފެށިން. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަމާން ރައްކާތެރި ޢާއިލީ ވެށްޓެއް ޤާއިމުކޮށްދިނުމަށް، ރާއްޖޭގެ ހަތް ސަރަޙައްދެއްގައި އަމާންވެށި ޤާއިމުކޮށްފިން.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާނެ ކަންކަން، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދީފިން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސް ބޮޑުކޮށްދީފިން.

ފާއިތުވި ފަސް އަހަރު އަޅުގަނޑުމެން ކުރަންފެށި މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި. 2020 ވަނަ އަހަރު ފެށުމާއެކު ކުރިމަތިލާން ޖެހުނީ، ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާ. ދުނިޔެއަށް އެރި ހުއްޓުމުން ރާއްޖޭގެ ބޯޑަރު ބަންދުކުރުން ނޫން ގޮތެއް ނެތިގެންދިޔަ. ފަތުރުވެރިންގެ ބަދަލުގައި ރިޒޯޓުތަކަށް ރެޔާއިދުވާލު އުފުލަން ޖެހުނީ ބަލީގެ ނުރައްކަލަށް ހުށަހެޅުނު މީހުން. ރަށްތައް ތަޅުލެވި، މަގުތައް ފަޅުވެ، ވިޔަފާރިއާއި އާންމު ހޭލަމޭލަވުން ހުއްޓުނު. އާމްދަނީގެ ގޮތުން އަތްފައި ބަނދެވި ޤައުމު ފުރަބަންދުވި. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތިނުވެ ލިބޭނެގޮތް ކަށަވަރުކުރިން. އަދި ސަރުކާރުން ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްދާނެ ގޮތް ހޯދިން. ކޯވިޑް-19 އާ ގުޅިގެން އެހެން ޤައުމުތަކުގައި ޕައިލެޓުން ތިބެން ޖެހުނީ ގޭގައި. ނަމަވެސް، ޕީ.ޕީ.އީ.ގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާއި ވެކްސިން އަދި ބަލިމީހުން ގޮވައިގެން ކޯވިޑް-19ގެ ކުރިއަށްވުރެ އަވަދިނެތި އުދުހުމުގައި. ދޭސީއެއް ބިދޭސީއެއް މިކަމުގައި ތަފާތެއްނުކުރަން. އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ޤައުމުތަކުގެ ލިސްޓަށް ރާއްޖެއެރި. ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާ ނުގެއްލި މުސާރަ ދިނިން. ވަޒީފާ ގެއްލި، އާމްދަނީ ނާޒުކު ޙާލަތަށްދިޔަ އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ސަރުކާރުން އެހީ ދިނިން. ބިލް ނުދެއްކިގެން ކަރަންޓާއި ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރު ކުރިން. ބޭހެއް، ވެކްސިނެއް، ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެ އަހަރަށް ދެމިގެންދިޔަ.

ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު  ހުޅުވި އެއް ޤައުމަކީ ރާއްޖެ. ފަތުރުވެރިކަމާއި އިޤްތިޞާދު، އިހުހުރި ހިސާބަށް ރުޖޫޢަވުމުގައި ލިބުނު ކާމިޔާބު ބޮޑު. ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ޙަޔާތުގެ އިމްތިޙާނު. އެންމެ ގިނަ ރޭ ނިދިން އަޅުގަނޑު މަޙްރޫމްވާން މަޖުބޫރުވި ޙާލަތަކީ އެއީ. އެހެން ނަމަވެސް، اللهُ سُبْحَانَهُ وَتَعَالَى ގެ ރަޙްމަތްފުޅު ކިތަންމެހާވެސް ތަނަވަސް.

ކޯވިޑް-19 އަކީ އާންމުކޮށް ދައުލަތުގެ ހުރިހާ ޚިދުމަތްތެރިންގެ ޤުރްބާނީ ޤައުމަށް ވެދުންކުރި ކާރިސާ. އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ޤައުމަކުން ފެންނާނެ އެންމެ ރީތި މިސާލު.

ލޮބުވެތި ދިވެހިރައްޔިތުން؛

ރާއްޖޭގެ އިޤްތިޞާދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ، ދިވެހިންގެ އަމިއްލަވަންތަކަން، ޖީލުތަކަށް ވާރުތަކުރުމުގެ އަސާސް. އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެ.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، އަޅައިފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ ބިންގާ. ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް ގެނައިން. މަޝްރޫޢު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން. އެ ގެނެވުނު ބަދަލުތަކާއެކު، ނިމެމުން އެދާ ހިތްގައިމު ޓަރމިނަލްގެ ޙަޤީޤީ ސިފަ، ހުޅުލޭގެ މަލައިން އެހުރީ ފެންނަން. ނިމޭއިރު އެ ޓަރމިނަލް ވެގެންދާނީ، މި ސަރަޙައްދުގެ އެންމެ ހިތްގައިމު އެއް ޓަރމިނަލަށް.

ހަނިމާދޫގައި އަލަށް އަޅާ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުން. އައްޑޫގެ އިޤްތިޞާދީ ތަރައްޤީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ޢަމަލީ މަޝްރޫޢު އެދަނީ ކުރިއަށް. ހަމައެއާއެކު، އައްޑޫގެ މުސްތަޤްބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށްފިން. އިޤްތިޞާދީ އިތުރު ފުރުޞަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފިން.

މަޢުނަވީ ގޮތެއްގައި، ދެމެހެއްޓެނިވި މަސްވެރި ޞިނާޢަތެއް ކުރިއެރުވުމަށް މީގެކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަ. ނަމަވެސް، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި ޞިނާޢަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފިން. ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކަންކަން އެދަނީ ނިމެމުން. އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް.

ރާއްޖެއަށް މި ގެންނަ އިޤްތިޞާދީ ބޮޑުބަދަލު ފުރިހަމަވުމުން، 2028 ވަނަ އަހަރާ ހަމައަށްދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ. އެއީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް.

މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ޙައްލު ހޯދުމަށް މި ފަސް އަހަރު އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން. ހުޅުމާލެ ފޭސް 3 އާއި، ގުޅީފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ޙައްލު. މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500 އަށްވުރެ ގިނަ ގޯތީގެ ފަތް ޙައްޤުވެރިންނާ ހަވާލުކުރެވިއްޖެ. މަސައްކަތުގެ އެކި މަރުޙަލާގައިވާ ޖުމްލަ7700 ފްލެޓުގެ މަސައްކަތް، މާލެ ސަރަޙައްދުގައި މިހާރު ކުރިއަށް ހިނގަމުން އެބަދޭ. އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވީ ފަސް އަހަރު 2732 ހައުސިންގ ޔުނިޓް، އެކި މަރުޙަލާތަކުގައި ކުރިއަށް ގެންދިޔައިން. 

ރާއްޖޭގެ ޚާރިޖީ ކާމިޔާބީއާ ގުޅޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެން ދިވެހިންގެ ހިތްތައް މިއަދު މަރުވެފައި ވަނީ، ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުން. ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލެއްނުވާނެ. ވޭތުވި ފަސް އަހަރަކީ، ރާއްޖޭގެ ތާރީޚުގައި ޚާރިޖީ ގުޅުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު މުއްދަތު. ރާއްޖޭގެ ސިޔާސީ ގުޅުމާއި ޑިޕްލޮމެޓިކް ފުޓްޕްރިންޓް، ދުނިޔޭގެ 185 ޤައުމަށް ފުޅާކުރެވި، 101 ޤައުމަށް ވިސާނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭނެ. އަދި އ.ދ. ގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ވަނީ އިތުރަށް ފުޅާކޮށް ހަރުދަނާކުރެވިފައި. ނަތީޖާއެއްގެ ގޮތުން، އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓި.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ ނުރައްކަލަކީ ދެބަސްވެވެން ނެތް ޙަޤީޤަތެއް. ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ އިސް ސަފުގައި ބަސްބުނެ، ކަންކަން ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް މިއަދު ވެއްޖެ. ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުގެ ގޮތުގައި ރާއްޖޭގައި އިތުރު 42 ސަރަޙައްދު، މި ފަސް އަހަރު ކަނޑައެޅިން. މިގޮތަށް ސަރަޙައްދުތައް ހިމާޔަތްކުރަނީ، އެއާ ގުޅިފައިވާ ކިތަންމެ ލާބައެއް ރާއްޖެއަށް ހުރުމުން. އެއީ އިޤްތިޞާދީ ފުރުޞަތުތަކާއި، އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކަށަވަރުކޮށްދިނުން.

ލޮބުވެތި ދިވެހިރައްޔިތުން؛

ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ޞުލްޙަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން. މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން. ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު.

ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ޤައުމަށް ކޮންމެހެން ބޭނުންކަމެއް. ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިދެވުނު.

ވެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް މި ފަސް އަހަރު އަޅުގަނޑު އިސްކަންދިނިން. ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން. ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަންދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފިން. ވާޖިބު އަދާކުރުމުގައި އިންޞާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން.

މި މަސައްކަތުގައި ފާއިތުވީ ފަސް އަހަރު ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދިން ވަރަށް ގިނަ ފަރާތްތައްވޭ. އެ ޕާޓީއަކަށް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރޝިޕާއި، ޕާލިމަންޓަރީ ގްރޫޕާއި އަދި އާންމު މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑަރޝިޕާއި މެންބަރުންގެ އަގު ވަޒަންކުރަން. ވަޒީރުންގެ މަޖިލީހާއި އަދި ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ފާހަގަކުރަން. ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން އަދާކުރެއްވި މުހިއްމު ޤައުމީ ވާޖިބުތައް ފާހަގަކޮށް ޝުކުރު އަދާކުރަން. އަދި ހަމަ އެއާއެކު، ދިވެހި ނޫސްވެރިން އަދާކުރި ދައުރު ފާހަގަކުރަން. އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެއް ބައިވެރިޔަކީ ދިވެހި ލޮބުވެތި ރައްޔިތުން. އެކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه .