ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޕްރޮވިންސްތަކަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ޕްރޮގްރާމަށް ޖާގަ ދެއްވުމަށާއި، ދަތުރުފުޅާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ ކަމަކާ ގުޅިގެން އެއްވެސް ސްކޫލެއްގެ ކިޔެވުމުގެ ދަންފަޅިއަށް ހުރަސްއެޅި، ދަރިވަރުންގެ ދިރާސީ ގަޑިތަކަށް ބުރޫއަރާފަދަ އެއްވެސް ކަމެއް އިންތިޒާމު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްރޮވިންސް އޮފީސްތަކަށް އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ، ޕްރޮވިންސް އޮފީސްތަކުގެ ސްޓޭޓް މިނިސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ދެންނެވުމަށާއި، އެމަނިކުފާނާ އިސްތިޤްބާލު ކުރުމަށް ދަރިވަރުން އިންތިޒާރު ކުރުއްވުމަށްވުރެ ބޮޑަށް ވަގުތުވެވަޑައިގެންނެވި މިންވަރަކުން ދަރިވަރުންނާ ބައްދަލުކުރެއްވުމަށް، ޚުދު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަކީ، އެމަނިކުފާނު މާބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަންވެސް މިސިޓީފުޅުގައި ހާމަކުރައްވާފައިވެއެވެ.