ފާއިތުވި 5 އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުންކަމަށާއި، މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ 5 އަހަރުކުރިން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައްޔިތުން އިންތިޚާބު ކުރިއިރު އޭރު ޤައުމު އޮތް ޙާލަތު ވަރަށް ވެސް ތަފާތު ކަމަށް ވިދާޅުވިއެވެ. އަދި، އޭރު ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި، ހަމަނުޖެހުމާއި، ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި، މިގޮތުން ކުރެވުނު މަސައްކަތުން އޭރުގެ ބިރުވެރި ޙާލަތު މިހާރު މިވަނީ ބަދަލުކުރެވިފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވާކަމަށާއި، ޚިޔާލު ތަފާތުވެހުރެ ވެސް ވިޔަފާރިވެރިންނާއި، ޢާންމު ފަރުދުން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި 5 އަހަރު ތެރޭގައި ކަށަވަރުކޮށްދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައި، އެދުވަހު ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް ޢާންމުކޮށްދެވިއްޖެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެކަމުގައެވެ. އަދި، މިހޯދުނު ކާމިޔާބީތަށް ހިފަހައްޓައި، ދަމަހައްޓައި ޤައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި، ވެރިންގެ މަސްޢޫލިއްޔަތެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ވެރިކަމުގެ ހައްޤުތައް އަދާ ކުރުމުގައި ހަމަހަމަ ކަމާއެކު އިޖްތިމާޢީ އަދާލަތު ޤާއިމްކުރުމަށް މި 5 އަހަރު އެމަނިކުފާނު އިސްކަން ދެއްވާފައިވާ ކަމަށާއި، ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކޮށް، ޚިދުމަތްތައް ހަމަހަމަ ކުރެވި، ވަޞީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ހައްޤުތައް އަދާކުރުމަށް އިސްކަން ދީފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފައި، ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.