ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް މިދައުރުގެ ތެރޭގައި އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ބޯހިޔާވަހިކަމާއި، ޚާރިޖީ ދާއިރާއިން އަދި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މިދައުރުގައި ކުރެވުނު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެއާ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކްލީފަށް ޙައްލު ހޯދުމަށް، މި 5 އަހަރު އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށާއި، މިގޮތުން ހުޅުމާލެ ފޭސް ތިނަކާ ގުޅީފަޅާ ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅަކީ މާލެއަށް އޮތް ހައްލު ކަމަށެވެ. މީގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ދޫކުރާ 9031 ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން، 6500 ވުރެ ގިނަ ފަރާތަށް ގޯތީގެ ފަތް ހަވާލުކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް، މާލެ ސަރަހައްދުގައި 7700 ފްލެޓް އަދި އަތޮޅުތަކުގައި 2732 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚާރިޖީ ދާއިރާއިން މިދައުރުގައި ޙާޞިލްކުރެވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ފާހަގަކުރައްވަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިންކުރާ ތާޢީދު ދުވަހަކުވެސް ބަދަލު ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވި 5 އަހަރަކީ، ރާއްޖޭގެ ތާރީޚުގައި، ޚާރިޖީ ގުޅުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު 5 އަހަރު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ގުޅުމާ ޑިޕްލޮމެޓިކް ފުޓްޕްރިންޓް ދުނިޔޭގެ 185 ގައުމަށް ފުޅާކުރެވި ، 101 ގައުމަށް ވިސާނެތި ދިވެހިންނަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓުމަކީވެސް މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މިދައުރުގައި ކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ ނުރައްކަލަކީ ދެބަސްވެވެންނެތް ހަޤީޤަތެއް ކަމަށެވެ. އަދި ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ އިސް ސަފުގައި ބަސްބުނެ ކަންކަން ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް މިއަދު ވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.