މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި މޫސުމާބެހޭ ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައާއި އަދި އެބައްދަލުވުމުން ބިނާކުރަނިވި ނިންމުމަކަށް އާދެވުނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ވަރަށްބޮޑު މަސައްކަތްޕުޅުން ކަމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

އޮބާމާގެ ސިޓީފުޅުގައި، ކޯޕަންހޭގަން ސަމިޓަކީ މުސްތަޤްބަލަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގެއްލުން ކުޑަކުރުމަށް، މިއެއްބަސްވުން އެހީވެދޭނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށާއި، މިބަދަލުތަކަށް ހޭނުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކުރާ މަސައްކަތުގައި އެމެރިކާއިން އެހީތެރިވުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ކޯޕަންހޭގަން އެކޯޑްގައިވާ ގޮތަށް ޖައްވަށް ބޭރުކުރާ ގޭސް މަދުކުރާނެ މިންވަރު އިޢްލާނު ކޮށްފައިވާ އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި، ރާއްޖެ ހިމެނޭކަން އޮބާމާ ފާހަގަކުރައްވަމުން، އެހެން ޤައުމުތަކުންވެސް މިގޮތަށް ޢަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.