2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަކައި "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" މިއަދު ގާއިމުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ އޮފީހުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާއިރު ލިޔާނީ ތިރީގައިވާ ގޮތަށެވެ.

“Office of the President-Elect”

ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު) ގައިވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާނީ "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ކަމަށާއި، އެ ޤާނޫނުގެ ދަށުން އެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ، ލ. ފޮނަދޫ، އަރާއިރު، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ކަމަށާއި، އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، އަލްފާޟިލް ޙުސައިން ޢާމިރު ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ތިރީގައި މި ދަންނަވާ ކަންކަން ސަރުކާރުގެ އިދާރާތަކުން ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1.        ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާއި (ދ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުން، އެ ފަރާތްތަކާ ގުޅިގެން ތައްޔާރުކުރުން؛

2.        އެއް ވުޒާރާއަކުން ކުރާ މަސައްކަތްތަކެއް އެހެން ވުޒާރާއަކަށް ބަދަލުވެދާނެ ކަމަށް ޓަކައި، މުވައްޒަފުންނާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުން ތައްޔާރުކޮށް، މަސައްކަތްތަކާ ގުޅޭ ލިޔުންތައް ފައިލްކޮށް، މަސައްކަތް އެހެން އިދާރާއަކަށް ބަދަލުވެއްޖެނަމަ ބަދަލުވާ އިދާރާއަކުން އެ މަސައްކަތް ކުރުމަށް މަގުފަހިވާނޭ ގޮތަށް ލިޔެކިޔުންތައް ހަމަޖެއްސުން؛

3.        އިދާރާގެ ނަމަށް ނުވަތަ މަސައްކަތްތަކަށް ބަދަލު އަތުވެދާނެ ކަމަށް ޓަކައި ނުވަތަ ވުޒާރާއެއްގެ ދަށުން ހިނގަމުންދާ އިދާރާއެއްނަމަ، އެ އިދާރާގެ ބެލެނިވެރި ވުޒާރާ ބަދަލުވެދާނެ ކަމަށް ޓަކައި، އެއިން ބަދަލެއް އަތުވެއްޖެނަމަ އަދާހަމަކުރަންޖެހޭ މައުލޫމާތު (އިދާރާގެ ވެބްސައިޓް، ފޯނު އެޕްލިކޭޝަން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް، އާންމުންނަށް ފެންނާނޭހެން ހުންނަ ނޯޓިސްތައް، އާންމުންނަށް ޓެކްސްޓް މެސެޖް ފޮނުވާ އިދާރާއެއްނަމަ، ޓެކްސްޓް މެސެޖުގައި ހުންނަ މައުލޫމާތު ފަދަ) ފާހަގަކޮށް، ބަދަލު އަންނަ ގޮތަކަށް މައުލޫމާތު އަދާހަމަކުރަމުން ގެންދިޔުން.

ބަޔާންވެ ދިޔަ ކަންކަން ކުރައްވާނީ، އެ އިދާރާއެއްގެ ޒިންމާދާރު ވެރިޔާގެ ބެއްލެވުމުގެ ދަށުން، އޭނާ ކަނޑައަޅުއްވާ ގޮތެއްގެ މަތީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލު ކުރުމަށް ޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މައުލޫމާތު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެދާނެ ކަމަށް ޓަކައި، މި ދެންނެވުމާ އެކުގައި މި ވާ ލިސްޓުގައިވާ މައުލޫމާތު، ސަރުކާރުގެ އިދާރާތަކުން ތައްޔާރު ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއިން މައުލޫމާތެއް ފޮނުއްވާނީ، އެކަމަށް އެދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއަކުން އެ އިދާރާއަކަށް ހުށަހެޅުމުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަންވާނީ "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށްގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެންނެވުމުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފިޔަވައި އެހެން މައުލޫމާތެއް ސަރުކާރުގެ އިދާރާއަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކުރައްވާނަމަ، ނުވަތަ ސަރުކާރުގެ އިދާރާއަކަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާ ކަމެއް ހަމަޖެއްސުމާބެހޭ ގޮތުން ސުވާލު އުފެދޭ ހާލަތެއް އަތުވެއްޖެނަމަ، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރުމަށް މި އޮފީހުން ކަނޑައަޅައިފައިވާ ފަރާތާ މަޝްވަރާކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން،   އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުން ތައްޔާރު ކުރަންވީ މައުލޫމާތު

 

1.        މިނިސްޓްރީގެ އިދާރީ އޮނިގަނޑު ރޭވިފައިވާ ގޮތާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ އިދާރީ އޮނިގަނޑު ރޭވިފައިވާ ގޮތް؛

2.        މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް؛

3.        މިނިސްޓްރީގެ ދާއިރާގެ ބަޖެޓުގެ ތަފުސީލު؛

4.        މިނިސްޓްރީގެ ދާއިރާއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް؛

5.        މިނިސްޓްރީންނާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ދޭ ޚިދުމަތްތަކުގެ ލިސްޓު؛

6.        މިނިސްޓްރީންނާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތަކަށް ތައްޔާރުކޮށްގެން ބޭނުންކުރަމުންދާ މައިގަނޑު ސޮފްޓްވެއަރތަކުގެ ލިސްޓު؛

7.        މިނިސްޓްރީގެ ދާއިރާއާ ގުޅޭ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތައް؛

8.        މިނިސްޓްރީގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް ދީފައިވާ ކޮމިޓްމަންޓްތައް؛

9.        މިނިސްޓްރީގެ ދާއިރާއިން ހިންގަމުންގެންދާ ބޮޑެތި މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަކުރެވިފައިވާ މިންވަރާއި، ކުރިޔަށް ރޭވިފައިވާ ބޮޑެތި މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރުމަށް ހަމަޖައްސައިފައިވާ ގޮތް؛

10.   އަވަސް މުއްދަތެއްގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭ ކަމެއް އޮތްނަމަ، އެ ކަމެއްގެ މައުލޫމާތު؛

11.   މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގައި ހުރި ސިޔާސީ މަގާމުތަކާއި        އެ ނޫން މަގާމުތަކުގެ ލިސްޓު (ހުސްމަގާމުތައް އެނގޭނޭ ގޮތަށް) އާއި، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ލިސްޓު؛

12.   މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ކުރަންޖެހޭ ކަންކަން ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެކަމަށް ފެންނަ ކަންކަން (މީގެ ތެރޭގައި ޤާނޫނީގޮތުންނާއި، މާލީގޮތުންނާއި، އިދާރީގޮތުން ހުރި ގޮންޖެހުންތައް ހިމަނަންވާނެއެވެ)؛

13.   ދައުލަތުގެ ބަޖެޓުގެ ތަފުސީލު (މި މައުލޫމާތު ތައްޔާރުކުރާނީ، މިނިސްޓްރީ އޮފް ފިނޭންސްއިންނެވެ)؛

ސަރުކާރުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރއާ ބެހޭ މައުލޫމާތު (މި މައުލޫމާތު ތައްޔާރުކުރާނީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީންނެވެ).