މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކާ ސަރުކާރު ބަދަލުވުމުގެ މަރުޙަލާކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ ނޮވެމްބަރު 11 ގައި ހުވާކުރެއްވުމުގައި ޤާނޫނީ ގޮތުން އޮތް ހައްލަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުވެސް އެދިވަޑައިގަންނަވަނީ، އިންތިޚާބީ ރައީސަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނޭ ގޮތް ހަމަޖެހިގެން ދިޔުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިޙްޞާސްކުރެއްވޭ ކަމަށެވެ. އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިޙްސާސްކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތަފްޞީލްތައްވެސް ޙިއްޞާކުރައްވާފައެވެ.